އާރްޓީއެލް ފެރީގެ ސްޕޮޓްތަކާއި، ޓާމިނަލްތައް މިނިސްޓްރީއާ ހަވާލުކޮށްފި

އާރުޓީއެލް ފެރީ ނިޒާމާ ގުޅިގެން ހިދުމަތްދިނުމަށް ހެދިފައިވާ ފެރީ ސްޕޮޓްތަކާއި، ޓާމިނަލްތައް ސިޓީތަކާއި ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއާ މިއަދު ހަވާލުކޮށްފި އެވެ.
އެ ތަންތަން އެ ވުޒާރާއާ ހަވާލުކުރެއްވީ، މިއަދު ވިލާ ކޮލެޖުގެ ހޯލުގައި އެ ކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
ފެރީ ސްޕޮޓްތަކާއި، ޓާމިނަލްތައް އެ ވުޒާރާއާ ހަވާލުކޮށް އެކަމުގެ ރަސްމީ ލިޔުމުގައި މި ރަސްމިއްޔާތުގައި ވަނީ ސޮއިކޮށްފަ އެވެ.
ޓްރާންސް ޕޯޓު އެންޑް ސިވިލްއޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ، އެ ވުޒާރާގެ ޕާމަނަންޓް ސެކްރެޓަރީ ފާތިމަތު ޝަހާން މުހައްމަދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޖެނަރަލް މެނޭޖަރު އަލީ ފާތިގެވެ. ސިޓީސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޑރ ފާތިމަތު މުނާ އެވެ.
މިއަދު ހަވާލުކުރައްވާފައި ވަނީ ޒޯން 1 ކަމުގައިވާ ހއ. އަތޮޅާއި، ހދ. އަތޮޅާއި އަދި ށ. އަތޮޅުގައި ހަދާފައިވާ އެ ފަދަ 21 ތަނެކެވެ.
ހަވާލުކުރި ފެރީ ސްޕޮޓްތަކާއި، ޓާމިނަލްތަކުގެ ސަބަބުން އާރުޓީއެލް ފެރީގެ ހިދުމަތް ލިބިގަންނަ އެންމެހައި ފަރާތްތަކަށް އެ ތަންތަން ބޭނުންކުރުމުގެ މަގު ފަހިކޮށްދީ، އެ ތަންތަނުގެ އެންމެހައި ކަންކަން ގާތުން ބެލެހެއްޓުމުގެ ފުރުސަތު ކައުންސިލްތަކަށް ލިބި، އަދި އެ ތަންތަނުން މާލީ މަންފާތައް ލިބިގަތުމުގެ ހައްގު ކައުންސިލްތަކަށް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ ރަސްމިއްޔާތުގައި ވަޒީރު އާދަމް ޝަރީފު އުމަރު ވަނީ ކުރިއަށް އޮތް 3 މަހެއްގެ ތެރޭ އެކަމާ ގުޅިގެން ފުރިހަމަކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަކޮށް ކައުންސިލްތަކަށް އެ ސްޕޮޓްތަކާއި، ޓާމިނަލްތައް ހަވާލުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
އާރުޓީއެލް ފެރީގެ ހިދުމަތް ރާއްޖޭގެ 9 އަތޮޅެއްގެ މީހުން ދިރިއުޅޭ 81 ރަށަކަށާއި، އެއާޕޯޓް ހަދާފައިވާ 3 ރަށަކަށް ދަތުރުކުރެ އެވެ.