އޮޅުހިޔާ ފެސިލިޓީ އެނިމަލް ވެލްފެއާ މިނިސްޓްރީ އާ ހަވާލުކޮށްފި

މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތަކަށް ހާއްސަކޮށް މާލެ ސިޓީ ކައުންސިލުން ހުުޅުމާލޭގެ ފޭސް 2 ގައި ތަރައްގީކުރި އޮޅުހިޔާ ފެސިލިޓީ، އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީ އާ ހަވާލުކޮށްފި އެވެ.
މަގުތަކުގައި ގިނަވަމުންދާ ބުޅަލުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ޒަމާނީ ފެންވަރަށް ތަރައްގީކުރި ފެސިލިޓީ ހުޅުވީ މިދިޔަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު އެވެ.
ސިޓީ ކައުންސިލުން ޕްލޭންކޮށްފައި އޮތީ ބުޅާތައް ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތް ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހު ފަށާށެވެ. ނަމަވެސް އަމަލުކުރާނެ އެސްއޯޕީތަކަށް ރިއާޔަތްނުކޮށް، އެ ފެސިލިޓީއަށް ބުޅާތައް ގެންދަން ފަށައިފި ނަމަ، ބުޅާތަކުގެ ސިއްހަތަށާއި ދުޅަހެޔޮ ކަމަށް ނޭދެވޭ އަސަރުތަކެއް ކުރުން އެކަށީގެންވާތީ ކަންކަން ފުރިހަމަ ކުރުމަށް ފަހުގައި ނޫނީ އެ ތަނަށް ބުޅާތައް ނުގެންދިއުމަށް މިނިސްޓްރީން އެންގި އެވެ.
އެ އެންގުމާ އެއްގޮތަށް ބުޅާތައް ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތް މެދުކަނޑާލައި ނިންމީ، މިނިސްޓްރީން ފެސިލިޓީގެ މަސައްކަތް ފަށައިގަންނާނެ ވަކި ޓައިމްލައިނެއް ލިބި، ސިޓީ ކައުންސިލުން ކުރި ހޭދަ އަނބުރާ ލިބޭ ގޮތަށް ބުޅާ ފެސިލިޓީ މިނިސްޓްރީ އާ ހަވާލު ކުރުމަށެވެ.
އޮޅުހިޔާ ފެސިލިޓީ މިނިސްޓްރީ އާ ހަވާލުކުރަން މާލެ ސިޓީ ކައުންސިލުން ނިންމާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހު ބޭއްވި ކައުންސިލުގެ ޖަލްސާގަ އެވެ.
އެނިމަލް ވެލްފެއާ މިނިސްޓްރީން ބުނީ އޮޅުހިޔާ ފެސިލިޓީގެ ރަސްމީ ހުރިހާ ލިޔެކިޔުންތަކާއި ލީގަލް އެސެޓްސް ޓްރާންސްފާގެ މަސައްކަތް ނިންމުމަށް ފަހު، މާލެ ސިޓީ ކައުންސިލުން ރަސްމީކޮށް ފެސިލިޓީ މިނިސްޓްރީ އާ އިއްޔެ ހަވާލުކޮށްފައިވާ ކަމަށެވެ.
އޮޅުހިޔާ ފެސިލިޓީ އާއި ރަސްމީކޮށް ހަވާލުވެފައިވާއިރު، ފެސިލިޓީ ފަށައިގަތުމަށް ބޭނުންވާ ކަންކަން ފުރިހަމަވެފައި ނެތުމުން، އެ ކަންކަން ވީ އެންމެ އަވަހަކަށް ފުރިހަމަކޮށް ހިދުމަތްދޭން ފެށުމަށް ހާއްސަ ޓާސްކް ފޯހެއް އެކުލަވާލާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އޮޅުހިޔާގެ ހިދުމަތް އަވަހަށް ފެށުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާކަން ވެސް ފާހަގަކުރި އެވެ.
މައްސަލަ ދިގުލައިދާތީ ކަމާ ގުޅޭގޮތުން ސުވާލުކުރަން މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ އާއި މާލެ ސިޓީ ކައުންސިލުގެ މެމްބަރުން ރައްޔިތުންގެ މަޖިލިހަށް ހާޒިރުކޮށްދޭން ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވަނީ މި މަހު މައްސަލަ ވެސް ހުށަހަޅުއްވާފަ އެވެ.
އަޅުގަނޑު ހީކުރީ ބުޅާ ފެސިލިޓީ އަކީ މުޅި މާލެ އާއި ހުޅުމާލެ އެއީ ބުޅާ ފެސިލިޓީކަމައް އެހެވީމަ ދުނިޔޭގަ ހެނދުނު އެންމެ ބޮޑު ބުޅާ ފެސިލިޓީ ހުރީ ރާއްޖޭކަމައް