ފްލެޓު ލިސްޓު އާންމުކޮށްފި، ޝަކުވާ ހުށަހަޅަން އެއް މަސް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފަހުކޮޅު "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ދޫކުރި 4،000 ފްލެޓު ލިބޭ މީހުންގެ ލިސްޓު ރިވިއު ކުރުމަށް ފަހު ދެންމެ އާންމުކޮށްފި އެވެ.
ސަރުކާރުގެ ގެޒެޓުގައި ލިސްޓު މިހާރު ވަނީ ޝާއިއުކޮށްފަ އެވެ.
ފްލެޓު ލިސްޓު އޮކްޓޫބަރު މަސް ނިމުމުގެ ކުރިން އާންމުކުރާނެ ކަމަށް ހައުސިން މިނިސްޓްރީން މީގެކުރިން ބުނި ނަމަވެސް އެ މުއްދަތަށް ލިސްޓު އާންމު ނުކުރެވުނުއިރު، ދެން މިނިސްޓްރީން ބުނީ ނޮވެމްބަރު މަހުގައި ލިސްޓު އާންމުކުރާނެ ކަމަށެވެ. ނަމަވެސް އެ މުއްދަތުގައި ވެސް އާންމުކޮށްފައެއް ނުވެ އެވެ.
އޭގެފަހުން ހައުސިން މިނިސްޓްރީން ބުނީ ކުރިން އާންމުކޮށްފައިވާ "ގެދޮރުވެރިޔާ" ސްކީމުގެ އުސޫލުގެ ދަށުން ކަށަވަރު ކުރަން ޖެހޭ ގިނަ ކަންކަން ހުރުމާ ގުޅިގެން އިތުރު މުއްދަތު ބޭނުންވާ ކަމަށެވެ. އެހެންވެ އަނެއްކާވެސް މުއްދަތެއް ނެތް ގޮތަށް ލިސްޓު ނެރުން ފަސްކޮށްފައިވާ ކަމަށެވެ.
މިދިޔަ ޖެނުއަރީ މަހު ހުވަދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ފްލެޓު ލިބޭ މީހުންގެ ލިސްޓު ރޯދަ މަހުގެ ކުރިން އިއުލާނު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އޭގެފަހުން މިދިޔަ އަންގާރަ ދުވަހު ދ. ހުޅުދެލި ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ބުރާސްފަތި ދުވަހު ހައުސިން މިނިސްޓްރީން ބާއްވާ ނޫސްވެރިން ބައްދަލުވުމުގައި މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އެކަން އިއުލާނު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ފްލެޓު ލިސްޓާ ގުޅޭ އެންމެފަހުގެ މައުލޫމާތު ހާމަކުރުމަށް ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުއްތޮލިބު ވިދާޅުވީ ލިސްޓަށް ޝަކުވާ ހުށަހަޅަން އެއް މަސް ދުވަހުގެ މުއްދަތެއް ދޭނެ ކަމަށެވެ.
ހައުސިން މިނިސްޓަރު ވިދާޅުވި ގޮތުގައި 4،000 ފްލެޓު ލިބޭ މީހުންގެ ލިސްޓުން ފްލެޓަށް ޝަރުތު ހަމަވާ ކަމަށް މިހާތަނަށް ކަށަވަރު ކުރެވިފައި ވަނީ 1،820 މީހުންނަށް ކަމުގަ އެވެ.
ވެރިފިކޭޝަން މަރުހަލާ ނިމުނުއިރު، 3 ކޮޓަރީގެ ލިސްޓުގައި ހިމެނޭ 3،721 ފަރާތުގެ ތެރެއިން ޝަރުތު ހަމަވެ، 75 ޕޮއިންޓަށް ވުރެން މަތިން ޕޮއިންޓް ލިބިފައި ވަނީ 1،423 ފަރާތަކަށް ކަމުގަ އެވެ. ދެ ކޮޓަރީގެ ލިސްޓުގައި ހިމެނޭ 1،218 ފަރާތުގެ ތެރެއިން ޝަރުތު ހަމަވެ، 73 ޕޮއިންޓަށް ވުރެ މަތިން ޕޮއިންޓް ލިބިފައި ވަނީ 397 ފަރާތަކަށް ކަމުގައި މުއްތޮލިބު ވިދާޅުވި އެވެ.
"ޖުމްލަ ޗެކްކުރި 4،939 ފޯމުގެ ތެރެއިން ޝަރުތު ހަމަވެ، ފްލެޓު ލިބޭނެ ކަމަށް ޕޮއިންޓް ލިބިފައި ވަނީ 1،820 ފަރާތަކަށް. އެހެންވީމާ މިހާރު އިއުލާނު ކުރެވޭ ލިސްޓުން ފްލެޓު ލިބޭނެ ކަމަށް ސީދާ ބަޔާންކޮށްފައި ވަނީ 1،820 ފަރާތެއް،" ހައުސިން މިނިސްޓަރު ވިދާޅުވި އެވެ.
މިދިޔަ ސަރުކާރުން ފްލެޓު ލިބުނު މީހުންގެ ދާއިމީ ލިސްޓު އާންމުކުރުމުން ބައެއް މީހުން ވަނީ އެ ފްލެޓު ހަވާލުކުރުމުގެ ކަންކަމުގައި ގޯސްތަކެއް ހަދާފައިވާ ކަމަށް ބުނެ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ޝަކުވާ ހުށަހަޅާފަ އެވެ. އަދި އެ ޝަކުވާތަކާ ގުޅިގެން އޭސީސީގެ ތަހުގީގު ނިމެންދެން އެއްބަސްވުމުގައި ސޮއިކުރުމާއި ފްލެޓު ހަވާލު ކުރުމުގެ ކަންކަން މަޑުޖައްސާލަން އޭރު އޮތް ސަރުކާރަށް ކޮމިޝަނުން އެންގި އެވެ.
އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު، އޭސީސީން ބުނެފައި ވަނީ ކުރީ ސަރުކާރުން ދޫކުރި 4،000 ފްލެޓު ދީފައިވާ މީހުންގެ ތެރެއިން 60 އިންސައްތަ މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށެވެ. ފްލެޓުތަކުގެ ދާއިމީ ލިސްޓުގައި ޝަރުތު ފުރިހަމަވެ، އެއްވެސް މައްސަލައެއް ފާހަގަކުރެވިފައި ނުވާ ފޯމުތަކުގެ ނިސްބަތަކީ 20.7 އިންސައްތަ ކަމަށާ އަދި ޝަރުތު ފުރިހަމަ ވިނަމަވެސް މައްސަލަ ހުރި ފޯމުތަކުގެ ނިސްބަތަކީ 19.7 އިންސައްތަ ކަމަށް އޭސީސީން ބުނެފައިވެ އެވެ.
ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލާފައިވާ ފަރާތްތައް އިވެލުއޭޓްކޮށް ބިމާއި ފްލެޓު ދޭނެ ފަރާތްތައް ކަނޑައެޅުމަށް ރައީސްގެ ލަފާފުޅުގެ ދަށުން ފްލެޓު މައްސަލައިގައި ނިންމަން ޖެހޭ ނިންމުންތަކަށް ލަފާ ދިނުމަށް 'ގެދޮރުވެރިންގެ ކޮމިޓީ' ގެ ނަމުގައި 5 މެމްބަރުންގެ ކޮމިޓީއެއް ވަނީ އެކުލަވާލާފަ އެވެ.