ބަންދު ދުވަހަކަށް ވިޔަސް މާދަމާ ޕެރިޝަބަލް މުދާ ދޫކުރާނެ: އެމްޕީއެލް

މާދަމާއަކީ ޕޯޓުގެ ރަސްމީ ބަންދު ދުވަހަކަށް ވިނަމަވެސް، ރޯދަ މަހާ ދިމާކޮށް ރާއްޖެ އެތެރެކޮށްފައިވާ ކާބޯތަކެތި (ޕެރިޝަބަލް މުދާ) ހާއްސަ އިންތިޒާމެއްގެ ދަށުން ދޫކުރުމަށް މޯލްޑިވްސް ޕޯޓް ލިމިޓެޑް (އެމްޕީއެލް) އިން ނިންމައިފި އެވެ.
މި ފެށޭ ރޯދަ މަހަށް ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސައި އެ ކުންފުނީގެ އޮޕަރޭޝަންތައް ވަނީ ހަލުވިކޮށްފަ އެވެ.
އެމްޕީއެލުން މިއަދު ބުނީ ހުކުރު ދުވަހަކީ ޕޯޓުގެ ރަސްމީ ބަންދު ދުވަހަށް ވިނަމަވެސް، ރޯދަ މަހާ ދިމާކޮށް ރާއްޖެއަށް އެތެރެކޮޮށްފައިވާ ކާބޯތަކެތި އާންމުންނަށް ވީ އެންމެ އަވަހަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.
އެގޮތުން ހަމަޖެއްސި ހާއްސަ އިންތިޒާމެއްގެ ދަށުން މާދަމާ މެންދުރުފަހު 02:30 އިން ރޭގަނޑު 10:00 އަށް ކާބޯތަކެތި ދޫކުރުމުގެ ހިދުމަތް ދިނުމަށް ނިންމާފައިވާ ކަމަށް އެމްޕީއެލުން ބުންޏެވެ.
ރޯދައިގައި މުދާ ދޫކުރުމުގެ މަސައްކަތް ކުރުމަށް ރޭވިފައިވާ ގޮތް ހިއްސާ ކުރުމަށް މިދިޔަ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޯޓް ޑިޕާޓްމެންޓްގެ ހެޑް އިލްޔާސް މުހައްމަދު ވިދާޅުވެފައި ވަނީ ރޯދަ މަހަށް ހާއްސަކޮށްގެން މަސައްކަތް އަވަސްކުރުމުގެ ގޮތުން ވަގުތީ ގޮތުން 19 މުވައްޒަފުން ކާގޯ ވެސެލްތަކަށް ހާއްސަކޮށް ނަގާފައިވާ ކަމަށެވެ.
އާންމުކޮށް ކޮންޓެއިނާ ވެސެލްތަކާއި ޖެނެރަލް ވެސެލްތައް ޖެއްސި ނަމަވެސް، މިހާރު ދެ ވެސެލް އެއްކޮށް ގާތްގަނޑަކަށް 10 ވަރަކަށް ވެސަލް ޖައްސާކަން އިލްޔާސް ފާހަގަކުރެއްވި އެވެ. އިލްޔާސް ވިދާޅުވެފައިވާ ގޮތުގައި "ޝެޑިއުލް ވައިސް" ނޫން ކޮށް ޝިޕިން އެޖެންޓުން މުދާ ގެންނާތީ ބޯޓުތައް އަންނަނީ އެއްފަހަރާ ކަމުގަ އެވެ.
"ދެން މި ޝެޑިއުލް ވައިސްކޮށް ގެނެއްސިއްޔާ ވަރަށް ފަސޭހަކަމާ އެކު އެކަން ކުރެވިދާނެ. އެހެންނަމަވެސް މިހާރު އެޖެންޓުންނަށް ވެސް ގެނެވިއްޖެ. ބޯޓުތައް އަންނަނީ ވެސް އެއްފަހަރާ. ގާތްގަނޑަކަށް 10 ބޯޓު އެއްފަހަރާ އަންނަ ދުވަސްތައް ވެސް ދޭ،" އިލްޔާސް ވިދާޅުވި އެވެ.
އިލްޔާސް ވިދާޅުވެފައި ވަނީ ކުރިއަށް އޮތް 3 މަހަށް ވަގުތީ ގޮތުން ނެގި މުވައްޒަފުން މަސައްކަތް ކުރާނީ ބޯޓުތަކުން މުދާ ހުސްކުރުމަށް ކަމަށެވެ. ރޯދަ މަހު މަސައްކަތުގެ ވަގުތު ކުޑަ ނަމަވެސް އެމްޕީއެލް މުވައްޒަފުން އިތުރު ވަގުތު މަސައްކަތް ކުރާނެ ކަމަށެވެ.
އެ ފިޔަވަޅު އެޅީ އެއްވެސް ދަތި ކަމެއް ނެތި ރޯދަ މަހު އާންމުންނަށް ބޭނުންވާ އަސާސީ މުދާ އަދި ކާބޯތަކެތި ފޯރުކޮށްދިނުމުގެ ގޮތުން ކަމަށް ފާހަގަކުރި އެވެ.
ރޯދަ މަހު ހުކުރު ދުވަސް ފިޔަވައި ހަފުތާގެ ހުރިހާ ދުވަހަކު މުދާ ދޫކުރާ ގަޑިތައް ހިއްސާކުރަމުން ކާގޯ ކްލިއަރެންސްގެ ހެޑް އަހްމަދު ނާޒިމް ވިދާޅުވީ ކާގޯގެ ވެސް "ޑެއިލީ އެކްސްޕްރެސް" އަދި "ނޯމަލް އެކްސްޕްރެސް" ހިމެނޭ ކަމަށެވެ.
ޕޯޓުގެ މައި ބަނދަރުން ކޮންމެ ހަފުތާއެއްގެ ހޮނިހިރުން ފެށިގެން ބުރާސްފަތި ދުވަހަށް ނޯމަލް އެކްސްޕްރެސް ނޯޓު ކުރެވޭނެ ގަޑިތަކަކީ ރޭގަނޑު 8:00 އިން ފެށިގެން ޖެހިގެން އަންނަ ދުވަހުގެ 10:30 އަށް ކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި ޑެއިލީ އެކްސްޕްރެސް ނޯޓް ކުރެވޭނީ ހެނދުނު 9:15 އިން މެންދުރު 1:00 އަށް ކަމަށެވެ.
ނާޒިމް ވިދާޅުވީ ޑެލިވަރީ އޯޑަރު އޮންލައިންކޮށް ނަގަމުން ދާނީ ހުކުރު ދުވަސް ފިޔަވާ އެހެން ދުވަސްތަކުގެ ހެނދުނު 9:15 އިން ފެށިގެން މެންދުރު 1:00 އަށް ކަމަށެވެ. އަދި ރޭގަނޑު 9:15 އިން ފެށިގެން 10:30 އަށް ވެސް ޑެލިވަރީ އޯޑަރު ނަގަމުންދާ ކަމަށެވެ.
އޮންލައިން ޝިޕްޓިންއަށް ރިކުއެސްޓް ކުރަން ފެށޭ ގަޑި އަދި ނިމޭ ގަޑި:
- ހޮނިހިރު - ބުރާސްފަތި: ހެނދުނު 10:00 އިން ފެށިގެން ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 09:00 އަށް
މާލެ ކޮމާޝަލް ހާބަރުން ކްލިއާކުރާ މުދާ ދޫކުރާ ގަޑިތައް:
- ހުކުރު ދުވަސް ފިޔަވާ އެހެން ދުވަސްތަކުގެ ހެނދުނު 9:15 އިން ހަވީރު 4:00 އަށް އަދި ރޭގަނޑު 9:15 އިން ފެށިގެން 1:30 އަށް
ނާޒިމް އިތުރަށް ވިދާޅުވީ މި ގަޑިތަކާ އެއްގޮތަށް ހުޅުމާލެ ޓާމިނަލުން ވެސް ހިދުމަތް ދެމުންދާނެ ކަމަށެވެ. އަދި ކޮންމެ ނަމާދަކަށް ބަންގި ގޮވާ ވަގުތުން ފެށިގެން 20 މިނެޓުގެ ބްރޭކެއް މުވައްޒަފުންނަށް ދޭނެކަން ވެސް ފާހަގަކުރި އެވެ.