ބިދޭސީންގެ ބަޔޯ މެޓްރިކްސް ޑޭޓާ ނަގަން މާލޭގައި އިތުރު ޑެސްކެއް

މާލޭ ސަރަހައްދުގައި މަސައްކަތް ކުރާ ހުރިހާ ބިދޭސީންގެ ބަޔޯ މެޓްރިކް ޑޭޓާ ނެގުމަށްޓަކައި އިތުރު ޑެސްކެއް ބަހައްޓަން ނިންމައިފި އެވެ.
ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދަން ފިންގަ ޕްރިންޓާއި ފޮޓޯ ހިމެނޭ ބަޔޯ މެޓްރިކްސް ޑޭޓާ ނަގަން "އޮޕަރޭޝަން ކުރަނގި" ފެށީ މިދިޔަ އަހަރުގެ މޭ މަހު ކ. ހިންމަފުށިން ނެވެ. އަދި މިދިޔަ މަހު މާލޭގައި އެ އޮޕަރޭޝަން ފެށިއިރު އެންސީއައިޓީގައި ގާއިމުކޮށްފައިވާ ޖޮއިންޓް އޮޕަރޭޝަން ސެންޓަރުގައި ބަޔޯ މެޓްރިކްސް ޑޭޓާ ނެގުމުގެ މަސައްކަތް ދިޔައީ ކުރަމުން ނެވެ.
ހޯމް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ވަޒީފާ ަދޭ ފަރާތްތަކަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން މި ރޯދަ މަހާއި ހަ ރޯދައިގައި ބަޔޯ މެޓްރިކްސް ޑޭޓާ ނަގަން ނޯތު ހާބަރުގައި ހުންނަ "ދަ ޝޮޓް ހާބަރު ރެސްޓޯރެންޓް" ސަރަހައްދުގައި އިތުރު ޑެސްކެއް ގާއިމުކުރަން ނިންމާފައިވާ ކަމަށެވެ.
ނޯތު ހާބާރު ސަރަހައްދުގައި ބަޔޯ މެޓްރިކްސް ޑޭޓާ ނަގައިދޭނީ
- ހެނދުނު 09:30 އިން ހަވީރު ހަތަރަކަށް
- ރޭގަނޑު 21:30 އިން 23:30 އަށް
ބިދޭސީންގެ ބަޔޯމެޓްރިކްސް ޑޭޓާ އަންނަ އޭޕްރީލް މަހުގެ 20 ވަނަ ދުވަހަށް އަޕްޑޭޓްކުރަން މިހާރު ވަނީ އަންގައިފަ އެވެ. އަދި އެ މުއްދަތުގެ ތެރޭގައި މައުލޫމާތު އަޕްޑޭޓް ނުކުރާ ފަރާތްތައް އެކްސްޕެޓް ސިސްޓަމުން ސަސްޕެންޑްކޮށް މައުލޫމާތު ނުދޭ ބިދޭސީން ޑީޕޯޓްކޮށްލާނެ ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފަ އެވެ.