ޚަބަރު ސަރުކާރު

މޫސުން ގޯސްވާނެތީ ތަކުލީފުތައް ކުޑަކުރަން މަސައްކަތް ފަށައިފިން: ސަރުކާރު

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ބޯކޮށް ވާރޭވެހުނު ދުވަހެއްގައި މާލޭގެ މަގެއްގައި ފެން ބޮޑުވެފައި / ފޮޓޯ:ދެން އިމޭޖްސް

ކުރިއަށް އޮތް ދެތިން ދުވަހަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވާރޭވެހި މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ލަފާކޮށްފައިވާތީ ދިމާވެދާނެ ތަކުލީފުތައް ކުޑަކުރަން މަސައްކަތް ފަށާފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.

އިއްޔެއިން ފެށިގެން ރާއްޖޭގެ ބޮޑު ބަޔަކަށް ދަނީ ވާރޭ ވެހެމުންނެވެ. ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މިއަދު ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 8:00 އަށް ޅ. އަތޮޅުން ފެށިގެން މ. އަތޮޅަށް ވަނީ ޔެލޯ އެލާޓް ނެރެފަ އެވެ. އަދި މިރޭ 10:15 އާ ހަމައަށް ތ. އިން ފެށިގެން އައްޑޫ ސިޓީއަށް ވަނީ ވައިޓް އެލާޓް ވެސް ނެރެފަ އެވެ.

އެމްއެންޑީއެފުން ބުނީ ބޯކޮށް ވާރޭވެހި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން ފެން ހިންދުމުގައި ފަޔަ އެންޑް ރެސްކިޔު ސާވިސްގެ ސިފައިން ދަނީ ހަތަރު ސަރަހައްދެއްގައި ހަރަކާތްތެރިވަމުންދާ ކަަމަށެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ ވިއްސާރަ އާ ގުޅިގެން އަތޮޅުތެރެއާއި މާލޭގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެފަ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ހަވީރު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރިއަށް އޮތް ދެތިން ދުވަހަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވާތީ ރައްޔިތުންނަށް ދިމާވެދާނެ ތަކުލީފުތައް ކުޑަކުރުމަށް ޓަކައި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން މިހާރު ވެސް މަސައްކަތް ފަށާފައިވާ ކަމަށެވެ.

"އަދި މޫސުން ގޯސްވުމުގެ ސަބަބުން މުލަ ރޯދަ ދުވަހަށް ތައްޔާރުވުމުގައި ވީހާވެސް ފަސޭހަ ގޮތަކަށް ރައްޔިތުންނަށް ކަންކަން އިންތިޒާމް ކުރުމަށް މަސައްކަތްކުރާނެ ވާހަކަ ދަންނަވަން،" ހީނާ ވިދާޅުވި އެވެ.

އެހެންނަމަވެސް ތަކުލީފުތައް ކުޑަކުރަން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލު ދެއްވާފައެއް ނުވެ އެވެ.

ދާދި ފަހުން ވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވިގެން ދުރާލާ މާލޭގެ އެކި ސަރަހައްދުތަކުގައި ވެލި ބަސްތާތައް ޖެހުމުގެ މަސައްކަތްތައް ކުރިި އެވެ.

ބޯކޮށް ވާރޭ ވެހި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެ، ބައެއް ރަށްތަކަށް ބޮޑެތި ގެއްލުންތައް މިދިޔަ އަހަރު ވެފައިވެ އެވެ.