މާލެ ފެން ބޮޑުވުމުން، ބަރު އުޅަނދުތައް ނުދުއްވަން އަންގައިފި

މާލޭގެ ގިނަ މަގުތަކުގައި ފެންބޮޑުވެ، ގޭގެއަށް ވެސް ފެން ވަނުމުގެ ހާދިސާތައް ހިނގަމުން ދާތީ ފެން ހިނދެން ދެން ބަރު އުޅަނދުތައް ނުދުއްވުމަށް ފުލުހުން އަންގައިފި އެވެ.
ފުލުހުން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ބަރު އުޅަނދު މާލޭގެ މަގުތަކުގައި ނުދުއްވުމުގެ އިތުރަށް ހަތަރު ފުރުލީ އުޅަނދު ޒަރޫރީ ބޭނުންތަކުގައި މެނުވީ ނުދުއްވުމަށް ވެސް ދަންނަވާ ކަމަށެވެ.
މާލޭގައި ފެން ބޮޑުވެފައިވާތީ ކަމާ ބެހޭ މުއައްސަސާތައް ގުޅިގެން ފެންހިންދުމުގެ މަސައްކަތާއި ވެލި ބަސްތާތައް ޖެހުމުގެ މަަަސައްކަތް ކުރަމުންދާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވި އެވެ.
"ވިއްސާރައިގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ދަތިތައް ކުޑަކުރުމަށާއި ރައްޔިތުންގެ ޙާލު ގާތުން ބަލާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަަަސައްކަތް ސަރުކާރުގެ ކަމާބެހޭ ހުރިހާ އިދާރާތައް ގުޅިގެން ޚާއްޞަ ސަމާލުކަމަކާއެކު ދަނީ ކުރިއަށް ގެންދަވަމުން،" ހީނާ އެކްސްގައި ޕޯސްޓްކުރެއްވި އެވެ.
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ ރޭގެ ވަގުތެއް ފެންހިންދާ އިތުރު ދެ ޕަމްޕް ގެނެސްފައިވާ ކަމަށެވެ. ތިން އިންޗި ފުޅާ މިނުގެ ސޮލިޑް, ފަސޭހަ ކަމާއެކު ދަމާލެވޭ އެ ޕަމްފުން މިނެޓަކު 11356.24 ލީޓަރު ފެންބޭރު ކޮށްލެވޭނެ ކަމަށް އާޒިމް ވިދާޅުވި އެވެ.
މީގެ ކުރިން ފެންހިންދުމަށް މާލެ ސިޓީގައި ބޭނުން ކުރަމުން އައީ މިނެޓަކު 900 އަދި 1300 ލީޓަރުގެ ފެންހިންދާ ޕަމްޕުތަކެއް ކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ. އަލަށް މި ގެނައި ދެ ޕަންޕުގެ ސަބަބުން އަވަހަށް ފެން ހިންދުމަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.
ފެން ހިންދުމަށް މާލޭގެ 6 ސަރަހައްދެއްގައި 13 ޕަންޕު ބަހައްޓައިގެން ސިފައިން ދަނީ މަސައްކަތްކުރަމުންނެވެ:
- އައިޖީއެމްއެޗް
- މާފަންނު ފެރީ ޓާމިނަލް
- ވެސްޓްޕާކް
- ސަލްމާން މިސްކިތް
- ބޮޑުވަޅު
- ކުޑަކުދިންގެ ބަގީޗާ