ދަރުމަވަންތަ، އައިޖީއެމްއެޗް އަދި ވިލިމާލެ ހޮސްޕިޓަލުގެ އޯޕީޑީތައް މިއަދު ބަންދު

މާލެއަށް މެދުނުކެނޑި ބޯކޮށް ވާރޭވެހި، ބައެއް ސަރަހައްދުތަކުގައި އާއި ހޮސްޕިޓަލު ސަރަހައްދުގައި ފެން ބޮޑުވެ، އާންމުންނަށް ހޮސްޕިޓަލަށް އައުމާ އަދި އެނބުރި ދިއުމުގައި ދަތިތަކާ ކުރިމަތިވެފައިވާތީ ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗް އަދި ވިލިމާލެ ހޮސްޕިޓަލުގެ އައުޓް ޕޭޝަންޓުގެ ހިދުމަތް ނުވަތަ އޯޕީޑީ މިއަދަށް ބަންދުކޮށްފި އެވެ.
ހުކުރު ދުވަހުން ފެށިގެން މާލެ ސަރަހައްދަށް މޫސުން ގޯސްވެ، އިއްޔެ މެންދުރުފަހުން ފެށިގެން ރޭ ފަތިހާ ހަމައަށް ވެހުނު ވާރޭގައި މާލޭގައި އާންމުކޮށް ފެން ބޮޑުވާ ގިނަ މަގުތަކުގައި ވަނީ ވަރަށް ބޮޑަށް ފެން ބޮޑުވެފަ އެވެ.
ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްގެ ސިފައިންގެ އިތުރުން މާލެ ސިޓީ ކައުންސިލުން ވެސް ވަނީ މާލޭގެ އެ މަގުތަކުގައި ހަރަކާތްތެރިވެފަ އެވެ.
މާލޭގެ 6 ސަރަހައްދެއްގައި 13 ޕަމްޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ސިފައިން ވަނީ ކޮށްފަ އެވެ. އެއީ އައިޖީއެމްއެޗް، މާފަންނު ފެރީ ޓާމިނަލް، ވެސްޓްޕާކް، ސަލްމާން މިސްކިތް، ބޮޑުވަޅު އަދި ކުޑަކުދިންގެ ބަގީޗާ ހުންނަ ސަރަހައްދުގަ އެވެ.
އައިޖީއެމްއެޗުން މިއަދު ހެނދުނު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ މާލެއަށް މެދުނުކެނޑި ބޯކޮށް ވާރޭވެހި އަދި ބައެއް ސަރަހައްދުތަކުގައި އާއި ހޮސްޕިޓަލު ސަރަހައްދުގައި ފެން ބޮޑުވެފައިވާތީ، އާންމުންނަށް ހޮސްޕިޓަލަށް އައުމާ އަދި އެނބުރި ދިއުމުގައި ތަކުލީފަކަށް ވެދާނެ ކަމަށެވެ. އެހެންކަމުން މިއަދު، އެ ހޮސްޕިޓަލާއި ދަރުމަވަންތަ ހޮސްޕިޓަލާ އަދި ވިލިމާލެ ހޮސްޕިޓަލުގެ އޯޕީޑީތައް ބަންދުވާނެ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.
ނަމަވެސް އެ ތިން ހޮސްޕިޓަލުން އައިޕީޑީ އަދި އިމަޖެންސީ ހިދުމަތްތައް މެދުނުކެނޑި ކުރިއަށްދާނެކަން ފާހަގަކޮށްފައިވެ އެވެ.
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ، މެދުނުކެނޑި ބޯކޮށް ވާރޭވެހި މާލެ އާއި ބައެއް ރަށްރަށުގެ މަގުތަކުގައި ފެންބޮޑުވެ، އާންމުންނަށް ތަކުލީފުތަކެއް ލިބިފައިވާތީ މިއަދަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހަމަޖައްސަވާފަ އެވެ.