ޚަބަރު

ފެންބޮޑުވެ، ނަޖިސް ބޭރުވުމާ ގުޅިގެން މާލޭން 40 މީހަކު ވަގުތީ ހިޔާތަކަށް

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
މާލެއަށް މެދުނުކެނޑި ބޯކޮށް ވާރޭވެހި ފެން ބޮޑުވުމާ ގުޅިގެން ފެން ހިންދުމުގައި ސިފައިން ހަރަކާތްތެރިވަނީ / ފޮޓޯ:އެމްއެންޑީއެފް

މާލެއަށް މެދުނުކެނޑި ބޯކޮށް ވާރޭވެހި ބައެއް ސަރަހައްދުތަކުގައި ފެން ބޮޑުވެ، ނަޖިސް ބޭރުވުމުގެ ސަބަބުން 40 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

ހުކުރު ދުވަހުން ފެށިގެން މާލެ ސަރަހައްދަށް މޫސުން ގޯސްވެ، އިއްޔެ މެންދުރުފަހުން ފެށިގެން ރޭ ފަތިހާ ހަމައަށް ވެހުނު ވާރޭގައި މާލޭގައި އާންމުކޮށް ފެން ބޮޑުވާ ގިނަ މަގުތަކުގައި ވަނީ ވަރަށް ބޮޑަށް ފެން ބޮޑުވެފަ އެވެ.

ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްގެ ސިފައިންގެ އިތުރުން މާލެ ސިޓީ ކައުންސިލުން ވެސް ވަނީ މާލޭގެ އެ މަގުތަކުގައި ހަރަކާތްތެރިވެފަ އެވެ.

މާލޭގެ 6 ސަރަހައްދެއްގައި 13 ޕަމްޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ސިފައިން ވަނީ ކޮށްފަ އެވެ. އެއީ އައިޖީއެމްއެޗް، މާފަންނު ފެރީ ޓާމިނަލް، ވެސްޓްޕާކް، ސަލްމާން މިސްކިތް، ބޮޑުވަޅު އަދި ކުޑަކުދިންގެ ބަގީޗާ ހުންނަ ސަރަހައްދުގަ އެވެ.

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މާލެ އާއި އަތޮޅުތެރޭގެ ގިނަ ރަށްތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ، ގިނަ އަދަދެއްގެ ގޭގެއަށް ފެންވަންނަމުން ދިއުމާ ގުޅިގެން އެންޑީއެމްއޭއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެގޮތުން ކުރީގެ ހައުސިން މިނިސްޓްރީ ހުރި ބިމުގައި އާންމުންނަށް ވެލިބަސްތާ ދޫކުރުމުގެ އިންތިޒާމް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީ އާ ގުޅިގެން ވަނީ ހަމަޖައްސާފަ އެވެ.

އެންޑީއެމްއޭއިން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ މާލޭގައި ފެން ބޮޑުވެ، ނަޖިސް ބޭރުވުމުގެ ސަބަބުން ހަތަރު ގެއަކުން 40 މީހަކު ރައްކާތެރި ތަންތަނަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އަދި ކ. ތުލުސްދޫގެ ބައެއް ގޭގެއިން ނަޖިސް ލީކުވުމާ ގުޅިގެން ރިޕޯޓުކޮށްފައިވާ ކަމަށާއި ރަށު ކައުންސިލާ ގުޅިގެން އިޖާބަދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މާލެއަށް މެދުނުކެނޑި ބޯކޮށް ވާރޭވެހި، ބައެއް ސަރަހައްދުތަކުގަ އާއި ހޮސްޕިޓަލު ސަރަހައްދުގައި ފެން ބޮޑުވެ، އާންމުންނަށް ހޮސްޕިޓަލަށް އައުމާ އަދި އެނބުރި ދިއުމުގައި ދަތިތަކާ ކުރިމަތިވެފައިވާތީ ދަރުމަވަންތަ ހޮސްޕިޓަލާއި، އައިޖީއެމްއެޗް އަދި ވިލިމާލެ ހޮސްޕިޓަލުގެ އައުޓް ޕޭޝަންޓުގެ ހިދުމަތް ނުވަތަ އޯޕީޑީތައް މިއަދަށް ވަނީ ބަންދުކޮށްފަ އެވެ.

ނަމަވެސް އެ ތިން ހޮސްޕިޓަލުން އައިޕީޑީ އަދި އިމަޖެންސީ ހިދުމަތްތައް މެދުނުކެނޑި ކުރިއަށްދާނެ ކަމަށް އައިޖީއެމްއެޗުން ބުނެފައިވެ އެވެ.

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ، މެދުނުކެނޑި ބޯކޮށް ވާރޭވެހި މާލެ އާއި ބައެއް ރަށްރަށުގެ މަގުތަކުގައި ފެންބޮޑުވެ، އާންމުންނަށް ތަކުލީފުތަކެއް ލިބިފައިވާތީ މިއަދަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހަމަޖައްސަވާފަ އެވެ.