އަޑިއަށް ދިޔަ ލޯންޗުގައި ތިބި މީހުން ސަލާމަތްކުރުމަށް އޮފިސަރުން ދެއްކީ ނަމޫނާއެއް: ސީޕީ

މިިއަދު ހެނދުނު އދ. ދިގުރަށުން މާލެއަށް ދަތުރުކުރަނިކޮށް އަޑިއަށް ދިޔަ ލޯންޗުން ދަތުރުކުރި މީހުން ސަލާމަތް ކުރުމަށް ފުލުހުން ކުރި މަސައްކަތަށް ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) އަލީ ޝުޖާއު ތައުރީފް ކުރައްވައިފި އެވެ.
އާންމުކޮށް ކަނޑުމަތީގެ ހާދިސާތަކުގައި މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވަނީ ކޯސްޓުގާޑުގެ ބޭފުޅުން ނަމަވެސް މިއަދު އެކަމުގައި ފުލުހުން ހަރަކާތްތެރިވި އެވެ.
"ހުވަން" ނަމަކަށް ކިޔާ ލޯންޗުން ދަތުރުކުރި 48 މީހުން ކަޑުވެފައި ތިއްބާ މިއަދު ސަލާމަތްކުރި އިރު އެކަމުގައި އުޅުނު ފުލުހުންނަށް ސީޕީ ވަނީ ގުޅުއްވައި ޝުކުރުވެސް އަދާކުރައްވައިފަ އެވެ.
ހާއްސަކޮށް ރަމަޟާން މަހުގެ ދުވަހެއްގެ ހެނދުނުގެ ވަގުތުގައި މި މަސައްކަތް ކުރިއަށް ގެންދިއުމުގައި އޮފިސަރުން ދެއްކެވި ނަމޫނާ މަސައްކަތާމެދު ފަހުރުވެރިވާކަމަށް ސީޕީ ވިދާޅުވި އެވެ. އަދި މީހުންގެ ފުރާނަ ސަލާމަތްކުރުމަށް ކުރި މަސައްކަތުގެ މުހިންމުކަން ފާހަގަކުރައްވައި، ސަލާމަތްކުރުމުގެ މަސައްކަތް ވިލަރެސްކުރުމުގައި ކޮށްފައިވާ މަސައްކަތްވެސް ސީޕީ ފާހަގަކުރެއްވި އެވެ.
ސީޕީގެ އިތުރުން ޑެޕިއުޓީ ކޮމިޝަނާ ފަރުހާދު ފިކުރީ ވިދާޅުވީ އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންގެ އަވަސް ނިންމުންތަކަކީ އެފަރާތްތަކުގެ ތައްޔާރީ އަދި އިހުލާސްތެރި މަސައްކަތުގެ ހެއްކެއް ކަމަށެވެ.
ކަނޑުވި އެންމެންވެސް ފަހުން ވަނީ ދިގު ރަށަށް ގެންގޮސްފަ އެވެ. އެ އެންމެންގެ ހާލުވެސް ރަނގަޅެވެ.
ފުލުހުން ބުނީ އެކަން ހިނގައި ދިޔަ ގޮތުގެ ތަހުގީގު މިހާރު ފަށާފައިވާ ކަމަށެވެ.