ޚަބަރު

ޕީއެންސީން އަޒާނަށް ފިޔަވަޅު އަޅައި، 2 ކޮމިޓީއަކުން ވަކިކޮށްފި

އަލީ ސަމާޙް ، ދެން އޮންލައިން
ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގު

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ޕީއެންސީގެ މެންބަރު އަހުމަދު އަޒާނު، މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241) އިން ވަކިކޮށްފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގެ ފައްޓަވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އެ ދެ ކޮމިޓީން ވަކިކޮށް އިމްތިޔާާޒާ ސުލޫކު ކޮމިޓީއާ، ޕެޓިޝަން ކޮމިޓީއަށް އަޒާނު ބަދަލުކޮށްފައިވާ ކަމަށެވެ.

އަޒާނުގެ ބަދަލުގައި މާލިއްޔަތު ކޮމިޓީއަށް ހަމަޖައްސާފައިވަނީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު އައިފާން އެވެ.

އަދި 241 ކޮމިޓީއަށް އަޒާނުގެ ބަދަލުގައި ވިލިމާލޭގެ ޕީއެންސީގެ މެންބަރު މުހައްމަދު އިސްމާއިލް ހަމަޖައްސާފައިވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ކޮމިޓީތަކަށް ބަދަލުތަކެއް ގެނައުމަކީ އާއްމުކޮށްވެސް ކުރާ ކަމެކެވެ.

ކޮމިޓީތަކުން އަޒާން ވަކިކޮށްފައި މިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރަން ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ޕީއެންސީގެ ވިޕްލައިނާ ހިލާފުވެ ބައިވެރިވެވަޑައިނުގަންނަވާތީވެ ޕީއެންސީގެ ގްރޫޕުންވެސް ބޭރުކޮށްފައި ވަނިކޮށެވެ.