ޚަބަރު

އިތުރު 11 ވެންޓިލޭޓަރ ގެނެސް، ނާޑް ކުންފުންޏާ ހަވާލުކުރި 20 ވެންޓިލޭޓަރ ހަމަކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑް-19 އާއި ގުޅިގެން ފަރުވާ ދިނުމަށް އިތުރު 11 ވެންޓިލޭޓަރު ގެެނެސް ނާޑު ކުންފުންޏާއި ހަވާލުކުރި 20 ވެންޓިލޭޓަރ މިއަދު ހަމަކޮށްފިއެވެ.

ވެންޓިލޭޓަރާއި އެސޯސިއޭޓެޑް އެކްސެސަރީޒް ގެނައީ ގަތަރު އެއާވޭސްގެ ބޯޓަކުން ކަމަށް އެކުންފުނީގެ އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ. އަދި އެ ހުރިހާ އެއްޗެއް ވެސް ގެނެސްފައި ވަނީ ޖަރުމަނުވިލާތުން ސީދާ އެ ތަކެތި އުފައްދާ މެނުފެކްޗަރުގެ އަތުން ކަމަށާއި އެ އެއްޗެހި އިންސްޓޯލްކޮށް ޓްރެއިނިން ދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ.

ނާޑް ޕްރައިވެޓް ލިމިޓެޑާ 24 ވެންޓިލޭޓަރު ހޯދަން ހަވާލުކުރީ ދެ އެއްބަސްވުމެއްގެ ދަށުންނެވެ.

އެގޮތުން މާރޗް 8 ގައި ފުރަތަމަ އެއްބަސްވީ 14 ދުވަހުގެ ތެރޭގައި ހަތަރު ވެންޓިލޭޓަރު ގެންނާށެވެ. އެ ތަކެތި ހަވާލުކުރުމުން، 20 ވެންޓިލޭޓަރު ގެންނަން ހަވާލުކުރީ މާރޗް 19 ގައެވެ.

ހަތް މިލިއަން ރުފިޔާއަށް އެ ވެންޓިލޭޓަރުތައް ގެންނަން ހަވާލު ކުރީ ދެހަފްތާގެ މުއްދަތަކަށެވެ. ނަމަވެސް ދުނިޔޭގެ މާކެޓުގައި ވެންޓިލޭޓަރު ހޯދުމަށް ހުރި ދަތިތަކެއްގެ ސަބަބުން އެމުއްދަތު އިތުރު ކުރިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!