ޚަބަރު

ސިނގިރޭޓް އުފެއްދި ކުންފުންޏަށް ގޮތެއް ނިންމައިދޭން އިކޮނޮމިކް މިނިސްޓްރީގައި އެދިއްޖެ

އަލީ ސަމާޙް ، ދެން އޮންލައިން
ގެއެއްގައި ހުރި ޕްރައިވެޓް އޮފީހެއްގައި ސިނގިރޭޓް އުފައްދާ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ހަރަކާތްތެރިވަނީ

މިދިޔަ ޖެނުއަރީ މަހު މާލޭގައި ވަގަށް ސިނގިރޭޓް އުފައްދާ ކަމުގެ ތުހުމަތުގައި ފުލުހުން ބަަލައި ފާސްކުރި އޮފީސް ހިންގާ ކުންފުންޏަށް ފިޔަވަޅު އަޅަން އިކޮނޮމިކް މިނިސްޓްރީގައި އެދިއްޖެ އެވެ.

ކޯޓު އަމުރެއްގެ ދަށުން ފުލުހުން ރެއިޑުކުރީ ހ. ހުޅުގަލީގައި ހުންނަ އެޕާޓްމެންޓެކެވެ. ފުލުހުން ހިންގި "ސިނގިރޭޓް އޮޕަރޭޝަން" ގައި އެ އޮފީހުން 103 ކާޑުބޯޑު ފޮށީގެ ސިނގިރޭޓް އަތުލައިގަތެެވެ. އެއީ 49،000 ފޮށީގެ ސިނގިރޭޓެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ދެން" އަށް މިއަދު ވިދާޅުވީ އެ މައްސަލާގައި އަތުލައިގަތް ސިނގިރޭޓްތައް ނައްތާލުމާ މެދު ގޮތެއް ނިންމަން އިކޮނޮމިކް މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

އަދި ތުހުމަތުކުރެވޭ ރޭޑިއަސް ޕްރައިވެޓް ލިމިޓެޑްގެ ވިޔަފާރިއާ މެދު ގޮތެއް ނިންމުމަށްވެސް އެދިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ރާއްޖޭގައި ދުންފަތް އުފެއްދުމަށް، އެ ކަމަށް ބޭނުންވާ ސާމާނު އެތެރެކުރުމަކީ ގާނޫނުން މަނާކޮށްފައިވާ ކަމެކެވެ.

ސިނގިރޭޓުގެ ޑިއުޓީ ބޮޑު ކުރުމުން މާލޭގެ ބައެއް ތަންތަނުގައި ސިއްރުން ސިނގިރޭޓު ހެދުން ވަނީ އާއްމުވެފަ އެވެ.