ޚަބަރު

ވިނަރެސްގެ ލިފްޓުތަކުގެ މެއިންޓެނެންސް ބަލަަހައްޓައިދޭނެ ބަޔަކު ހޯދަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ވިނަރެސް ފްލެޓްތައް/ ފޮޓޯ: އެޗްޑީސީ

ހުޅުމާލޭގެ ފޭސް ދޭއްގައި ގާއިމުކޮށްފައިވާ ވިނަރެސް ފްލެޓްތަކުގެ ލިފްޓުތަކުގެ މެއިންޓެނެންސް ބަލަހައްޓައިދޭނެ ބަޔަކު ހޯދަން އެޗްޑީސީން ރޭ އިއުލާންކޮށްފި އެވެ.

އެޗްޑީސީން ރޭ ކުރި އިއުލާނެއްގައި ވަނީ ވިނަރެސްގެ 10 ޓަވަރުގެ ލިފްޓުތަކުގެ މެއިންޓެނެންސް ބަލަހައްޓައިދޭން ބޭނުންވާ ފަރާތްތަކުން ބީލަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ. އެއީ ހަމައެކަނި 100 ޕަސެންޓް ދިވެހި ކުންފުނިތަކަށެވެ.

އެކަމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ މި މަހުގެ 18އާ ހަމަ އަށެވެ.

ބީލަން ހުށަހަޅާއިރު ހުށަހަޅާ ފަރާތާ އެޗްޑީސީގެ އެއްވެސް ފަރާތަކާ އެއްވެސް ގުޅުމެއް އޮތްނަމަ އެކަން ސާފުކޮށްދޭން ޖެހޭނެ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.

ވިނަރެސް ފްލެޓްތަކަީ ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ)އާ ހަވާލުކޮށްގެން އެޅި ފްލެޓްތަކެކެވެ. އެގޮތުން ވިނަރެސް މަަޝްރޫއުގެ ދަށުން 13 ބުރީގެ 10 ޓަވަރު އެޅިއިރު އެ ތަނުގައި ހުންނަނީ ތިން ކޮޓަރީގެ އެޕާޓްމަންޓްތަކެވެ.

ވިނަރެސްގެ އެޕާޓްމަންޓްތައް ނިންމައި 2022 ވަނަ އަހަރު އެޗްޑީސީއާ ހަވާލުކުރި އިރު އެތަނުގެ ތަޅުދަނޑި ފްލެޓްތަކުގެ މީހުންނަށް ހަވާލުކުރީ 2023 ވަނަ އަހަރު އެވެ.