މައްސަލަ ބަލަން ނިންމިތަނާ ސުއޫދުގެ އިސްތިއުފާގެ ސިޓީ ޖޭއެސްސީއަށް ފޮނުވައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމުން މިއަދު އިސްތިފާ ދެއްވި ހުސްނުއްސުއޫދުގެ އިސްތިއުފާގެ ސިޓީ ޖުޑީޝަލް ސާވީސް ކޮމިޝަން (ޖޭއެސްސީ) އަށް ފޮނުވައިފި އެވެ.
އިސްތިއުފާ ދެއްވައި ސުއޫދު ޖޭއެސްސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާފުށި ދާއިރާގެ މެންބަރު ހުސެއިން ރިޒާއަށް ފޮނުއްވި ސިޓީ "ދެން" އަށް ވަނީ ލިބިފަ އެވެ.
އެ ސިޓީގައި އޮތީ އިސްތިއުފާދެއްވިކަން ހާމަކުރައްވާ ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ފޮނުވި ސިޓީގައި އޮތް ވާހަކަތަކެވެ.
ސުއޫދު، ޖޭއެސްސީއަށް ސިޓީ ފޮނުވާފައިމިވަނީ އެ ކޮމިޝަނަށް އޭނާގެ އިސްތިއުފާގެ ސިޓީ ނުލިބޭތީ ސުލޫކީ މައްސަލަތަކެއް ބަލަން ނިންމާފައި ވަނިކޮށެވެ.
އެކަމަކު މި ހަބަރު ލިޔުމާ ހަމަޔަށް ސުއޫދުގެ އިސްތިއުފާގެ ސިޓީ ލިބިފައިނުވާ ކަމަށް ނަން ނުޖަހަން ޝަރުތުކޮށް "ދެން" އަށް ޖޭއެސްސީގެ އިސް އޮފިޝަލަކު ވަނީ ޔަގީންކޮށްދެއްވާފަ އެވެ.
ޖޭއެސްސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސަސްޕެންޑް ކޮށްފައިވަނިކޮށް އިސްތިއުފާދެއްވަން ރައީސް މުއިއްޒު އަށް ފޮނުއްވި ސިޓީގައި ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު ކަމަށް އިންތިހާބުވާ ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބެލުމުގެ އިހުތިސާސް އެ ކޯޓަށް ލިބިގެންވާ ކަމަށް ނިންމުމާ ގުޅިގެން ސަރުކާރުން ގާނޫނު އަސާސީ އާ ހިލާފަށް ރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމަށް ނުފޫޒު ފޯރުވަމުންދާ ކަމަށެވެ.
ގާނޫނު އަސާސީގެ މާއްދާއަކާ ހަވާލާދެއްވާ ސުއޫދު ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ރައީސް މުއިއްޒު އެދިވަޑައިގަންނަވާ ގޮތަށް ނިންމުމަށް "ކޯޓުގެ ހުރިހާ ފަނޑިޔާރުންނަށް ބިރު ދައްކަމުންދާ" ކަމަށް ތުހުމަތު ކުރައްވާފަ އެވެ.
"އެކަމާ އިހުތިޖާޖްކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން މި ހިނދުން ފެށިގެން އަޅުގަނޑު އިސްތިއުފާދީފީމެވެ،" ސިޓީގައިވެ އެވެ.
ސުޕްރީމު ކޯޓުގެ ފަނޑިޔާރުގެ މަގާމުން ސުއޫދު މިއަދު އިސްތިއުފާ ދެއްވިއިރު، ގާނޫނީ ދާއިރާއަށް އޭނާ ނިކުމެވަޑައިގެންނެވީ މީގެ 38 އަހަރު ކުރިން އެޓާނީ ޖެނެރަލްގެ އޮފީހުގެ ލީގަލް އޮފިސަރުގެ މަގާމުންނެވެ. ސުއޫދު ވަނީ 2009 އިން 2010 އަށް ބަންޑާރަ ނައިބުގެ މަގާމު ފުރުއްވާފަ އެވެ. ހިއުމަން ރައިޓްސް ކޮމިޝަނުގެ ފުރަތަމަ މެމްބަރުކަން ކުރެއްވި ސުއޫދު ވަނީ ގާނޫނު އަސާސީ ޑްރާފްޓްކޮށް އެކުލަވާލުމަށް އުފެއްދި ހާއްސަ މަޖިލިހުގެ އައްޑޫ ދާއިރާގެ މެމްބަރުކަން ކުރައްވާފަ އެވެ. ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެމްބަރުކަމާއި ލޯ ކޮމިޝަން އޮފް މޯލްޑިވްސްގެ ޗެއާމަންގެ މަގާމާ އަދި ބާ އެސޯސިއޭޝަންގެ ރައީސްކަން ވެސް އަދާކުރައްވާފައިވެ އެވެ.
ގާނޫނީ ދާއިރާއިން ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ސުއޫދު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް އައްޔަންކޮށްފައިވަނީ ޑިސެމްބަރު 8، 2019 ގަ އެވެ. އެ މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން ސުއޫދު ހުންނެވީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރަން މިދިޔަ ސަރުކާރުން އުފެއްދި ރިޔާސީ ކޮމިޝަންގެ ޗެއާމަނަކަށެވެ.
ގާނޫނީ ދާއިރާގެ ތަޖުރިބާކާރެއްގެ އިތުރުން ސުއޫދަކީ ލިޔުންތެރިއެއް ވެސް މެ އެވެ. ގާނޫނާ ގުޅޭގޮތުން 13 ވަަރަކަށް ފޮތް އޭނާ ލިޔުއްވާފައިވެ އެވެ. އޭގެ ތެރޭގައި ދިވެހި ގާނޫނީ ރަދީފު، އިސްލާމީ ޝަރީއާގައި ތަރިކަ މުދާ ބެހުން އަދި ރާއްޖޭގެ ބިމާބެހޭ ގާނޫނުގެ ތަރުތީބުގެ ފޮތް ހިމެނެ އެވެ.