އުސައިދު ހުރީ ސަލާމަތުން، އަަދި ބައްދަލެއް ނުވޭ: އާއިލާ

މެލޭޝިއާގައި ގެއްލިގެން ހޯދަމުންދާ ދިވެއްސެއް ކަމަށްވާ އަހުމަދު އުސައިދު އިބްރާހިމް އަފީފް ހުރީ ސަލާމަތުން ކަމަށް އޭނާގެ އާއިލާއިން މިއަދު ބުނެފި އެވެ.
މިދިޔަ އާދިއްތަ ދުވަހުގެ މެންދުރު އޭނާ ސަންވޭ ޖިއޯއިން ނިކުމެގެން ދިޔަ ގޮތަށް ހަބަރެއް ނުވެ އެވެ. އެހެންވެ އެކަން އާއިލާއިން ރިޕޯޓްކުރުމާއެކު ހަމަ އެ ދުވަހު މެލޭޝިއާގެ ފުލުހުން ވަނީ އުސައިދު ހޯދުމުގެ މަސައްކަތް ފަށައިފަ އެވެ.
އުސައިދުގެ ބައްޕަ އިބްރާހިމް އަފީފް މިރޭ ފޭސްބުކް ގައި ކުރި ޕޯސްޓެއްގައި ބުނީ އުސައިދު ގެއްލުމާ ގުޅިގެން އޭނާ ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރި ކަމަށެވެ.
"އެގޮތުން ކުރެވުނު މަސައްކަތުން ސީސީ ކެމެރާ ފްޓޭޖް ތަކުން ލިބުނު މައުލޫމާތުންނާއި، ބައެއްމީހުންގެ ފަރާތުން ލިބުނު މައުލޫމާތުން، ހަމަ އެދުވަހު [އާދިއްތަ ދުވަހު] 16:00 އެހާކަށްހާއިރު، އުސައިދު ރާއްޖޭގެ އެމްބަސީއަށް ދިޔަކަން އެނގުނެވެ. ނަމަވެސް އެދުވަހަކީ ބަންދު ދުވަހަކަށްވާތީ އެމްބަސީގެ މީހަކާ ބައްދަލުވާ ގޮތެއްނުވުމުން، އެތާގައި ގަޑިއެއްހާއިރު މަޑުކޮށްފައި ނުކުމެގެންދިޔައިރު އުސައިދުގެ ވޮލެޓް އާއި ސްޓޫޑެންޓް ކާޑު ވަނީ ބޭއްވިފަ އެވެ." އުސައިދުގެ ބައްޕަ ފޭސްބުކުގައި ބުންޏެވެ.
އަފީފް ބުނީ ތިން ވަނަ ދުވަހު އެމްބަސީ ހުޅުވުމުން އެތަނުގެ ކެމެރާތައް ބަލާ ޗެކްކުރިއިރު އެހިސާބުން އުސައިދު ސަލާމަތުން ހުރިކަން އެނގިފައިވާ ކަމަށެވެ.
"ނަމަވެސް އުސައިދު އަޅުގަނޑުމެންނާ އަދި ބައްދަލެއް ނުވެއެވެ. އިރާދަކުރެއްވިޔާ ވަރަށް އަވަހަށް އުސައިދުގެ ހަބަރެއް ވާނެއެވެ" އަފީފް ބުންޏެވެ.
އެމްބަސީން ވަނީ އުސައިދުގެ ވޮލެޓާއި ސްޓޫޑަންޓް ކާޑު ފުލުހުން މެދިވެރިކޮށް އާއިލާއާ ހަވާލުކޮށްފަ އެވެ.