މާރުކޭޓުތަކަށް އިމިގްރޭޝަނުގެ ހާއްސަ ރެއިޑެއް: 4 ބިދޭސީއަކު އަތުލައިގެންފި

ރޯދަ މަހާ ގުޅިގެން މާލޭގެ މާރުކޭޓުތަކުގައި ހުއްދަ ނެތި މަސައްކަތްކުރާ ބިދޭސީންނަށް އަމާޒުކޮށް ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހަތަރު ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އިމިގްރޭޝަނުން އިއްޔެ "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ އެ އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ރޯދަ އާ ދިމާކޮށް މާލޭގައި ހިންގަމުންދާ މާރުކޭޓުތަކުގައި ބިދޭސީން އަތްގަދަކޮށް ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ކަމުގެ ރިޕޯޓުތައް އިމިގްރޭޝަން ވޮޗްއަށް ލިބުމާ ގުޅިގެން ކަމަށެވެ.
އެ ރިޕޯޓުތަކާ ގުޅިގެން ހުސްވި މަހުގެ 18 ވަނަ ދުވަހު ފުރަތަމަ ބަލައި ފާސްކުރީ މާލެ ތެރޭގައި ހިންގަމުންދާ ކުދި މާރުކޭޓުތައް ކަމަށެވެ. އެ އޮޕަރޭޝަނުގައި ފަސް ތަނެއް ބަލައި، ދެ ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
އެއަށް ފަހު ލޯކަލް މާރުކޭޓާ އަދި ދަތުރުވެރިންގެ މާރުކޭޓަށް އަމާޒުކޮށް އޮޕަރޭޝަނެއް ފެށި ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
"އޮޕަރޭޝަނުގެ ދެ ދުވަސް ކުރިން ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު އޮފިސަރުން ވަނީ ސިއްރުން ބިދޭސީން ތިބި ގޮޅިތައް ދެނެގަނެފައި،"
އޭގެ އެއް ދުވަސް ފަހުން، ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި އެ ގޮޅިތައް ބަލައި ފާސްކޮށް ގޮޅިތަކުގައި ހަރަކާތްތެރިވަމުން އައި ބިދޭސީންގެ ލިޔެކިޔުންތައް އިމިގްރޭޝަނުން ވަނީ ޗެކްކޮށްފަ އެވެ. އަދި ދޫކޮށްފައިވާ ހުއްދައިގެ ބޭރުން މަސައްކަތް ކުރަމުންދިޔަ ދެ ބިދޭސީއަކު ވަނީ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
އިމިގްރޭޝަނުން ބުނި ގޮތުގައި އޮޕަރޭޝަނުގެ ތެރެއިން ގިނަ އަދަދެއްގެ ބިދޭސީން ބަލައި ފާސްކުރެވުނުއިރު، ސައްހަ ވިސާގައި އެ މީހަކު މަސައްކަތްކުރަން ޖެހޭ ތަނުގައި މަސައްކަތްކުރަމުންދާ މީހުންގެ އަދަދު ގިނަކަން ފާހަގަކުރެވިފައިވާ ކަމުގަ އެވެ.
"ކުރި އާ އަޅާބަލާއިރު، ސައްހަ ވިސާގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީންގެ އަދަދު އިތުރުވަމުން އަންނަކަން ވެސް ފާހަގަކޮށްލަން،"
ރާއްޖޭގައި ގަވާއިދާ ހިލާފަށް މަސައްކަތްކޮށް، ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް ކުރިއަށް ގެންދާ އޮޕަރޭޝަންތައް މި ރޯދަ މަހު ވެސް ހުއްޓުމެއް ނެތި ދަނީ ކުރިއަށް ގެންދަމުންނެވެ.
އިމިގްރޭޝަން ވޮޗްއަށް ލިބުނު ރިޕޯޓަކާ ގުޅިގެން އިއްޔެ މެންދުރުފަހު މާލޭގައި ހިންގަމުން އަންނަ ގަރާޖެއް ބަލައި ފާސްކޮށްފައިވާ ކަމަށް އެ އިދާރާއިން މިއަދު ބުންޏެވެ. އިމިގްރޭޝަނުން ބުނީ އެ ތަނުގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދިޔަ ދެ ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.