ކޮވިޑް-19: މަޑަވެލި މޮނީޓަރިންގެ ހާލަތުން ނަގައިފި
ކޮވިޑާއި ގުޅިގެން މޮނީޓަރިންގެ ހާލަތަށް ލީ ގދ. މަޑަވެލި، ޢާއްމު ހާލަތަށް ގެނެސްފިއެވެ.
މަޑަވެލި މޮނީޓަރިންގެ ހާލަތަށްލީ ކޯޒްވޭ އަކުން އެރަށާއި ގުޅިފައިވާ ގދ. ހޯޑެއްދޫ އިން ގިނަ ބަޔަކު ކޮވިޑަށް ފައްސިވުމާއި ގުޅިގެންނެވެ. މަޑަވެލި މޮނިޓަރިންގެ ހާލަތަށް ލާފައި ވަނީ ސެޕްޓެމްބަރު ފަސް ވަނަ ދުވަހު އެވެ.
އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކޯޒްވޭ އަކުން ގުޅާފައިވާ ހޯޑެއްދޫ އަދި މަޑަވެލީގެ ތެރެއިން މިވަގުތު ކަރަންޓީނުގައި އޮތީ ހޯޑެއްދޫ އެކަނި ކަމަށެވެ.
މަޑަވެލިން ރެންޑަމް ސާމްޕަލް ތަކެއް ނެގި ކަމަށާއި ނަމަވެސް އެހުރިހާ ސާމްޕަލެއް ވެސް ކޮވިޑަށް ނައްސި ވުމުން މަޑަވެލި މިހާރު އޮތީ މޮނީޓަރިންގެ ހާލަތުން ނަގާފައި ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ރާއްޖެއިން ކޮވިޑަށް ފައްސި ވަމުން އަންނަ މީހުން މިހާރު ވަނީ ބޮޑުތަނުން މަދު ވެފައެވެ. އެގޮތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ ސާވޭލަންސް ޑޭޓާއަށް ބަލާއިރު މިއަދު ރާއްޖެއިން ކޮވިޑަށް ފައްސި ވެފައިވަނީ 31 ދިވެހިންނާއި 15 ބިދޭސީންނެވެ.
އިއްޔެގެ 18:00 އިން މިއަދުގެ 18:00 އަށް 46 މީހުން ބައްޔަށް ފައްސި ވެފައިވާއިރު މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 9،770 މީހުން ފައްސި ވެފައިވެއެވެ.
ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ 8،390 މީހުންނެވެ. އަދި މިބަލީގައި ރާއްޖެއިން ނިޔާވެފައިވަނީ 34 މީހުންނެވެ.