ޚަބަރު

ދިރިއުޅުމުގައި އާމްދަނީ ހޯދުމަށް ކުރެވޭ ހަލާލު އެއްވެސް މަސައްކަތަކީ ހަޑި މަަސައްކަތެއް ނޫނެވެ.

މަނާލް ޒާހިދު ފަހުމީ ، ދެން އޮންލައިން

ޒަމާން ބަދަލުވަމުން ދާ ވަރަކަށް އެ ބައެއްގެ ތެރޭގައި ހުންނަ އާދަކާދަތައް ބަދަލު ވަމުން ދެއެވެ. ޒަމާނަށް ފެތޭ މޮޅު ގޮތްތަކަކަށް އެކި ކަންތައްތައް ބަދަލު ވަމުން ދެއެވެ. ނަމަވެސް، ބައެއްމީހުންނަށް ޤަބޫލު ކުރެވޭ ގޮތުގައި، އިހުގައި ކޮށް އުޅުނު ކަންތައްތަކުގެ ތެރެއިން ބައެއް ކަންތައްތަކަކީ ހަޑި ކަންތަކެވެ.

Ads by Sosun Fihaara

އެހެން ނަމަވެސް އަޅުގަނޑުމެން ޤަބޫލު ކުރަންޖެހޭ ހަޤީޤަތަކީ ޙަލާލު ގޮތުގައި ކުރާ އެއްވެސް މަސައްކަތަކީ ހަޑި މަސައްކަތެއް ނޫންކަމެވެ. އެފަދަ ވަޒީފާއެއް އަދާ ކުރާ މީހަކީ މުޖުތަމަޢުގައި ނިކަމެތިކޮށްލާފައިވާ މީހަކަށް ހަދައިގެން ނުވާނެ ކަމެވެ.

ކޮންމެއަކަސް، މިއަދުގެ މުޖުތަމަޢުން ފެނިގެން ދަނީ ވަރަށް ހިތާމަވެރި މަންޒަރެކެވެ. ސްކޫލު މަސައްކަތު މީހާގެ ދަރިފުޅު ކުލާސް ތެރޭގައި ބާކީ ކޮށްލާ، އެއްވެސް ކުއްޖަކު އޭނާއާއި ވާހަކަ ދައްކަން ބޭނުން ނުވާ މަންޒަރެވެ. އެހެން ނޫނީ އެ ކުއްޖާއަށް މަލާމާތްކޮށް ލަދު ގަންނުވާލާ ތަނެވެ. މިތަނުގައި އެ ކުއްޖާއާއި އެ ކުއްޖާގެ ނިކަމެތި މަންމަގެ އޮތީ ކޮން ކުށެއް ހެއްޔެވެ؟ ހަޑިއީ އެ މަންމަ ދިރިއުޅުމަށް ކުރާ މަސައްކަތެއް ނޫނެވެ. މުޖުތަމަޢު އެ މަސައްކަތާމެދު ދެކޭ ގޮތެވެ. ވިސްނާ ވިސްނުމެވެ.

މަސްވެރިކަމަކީ ދިވެހިންގެ ލޭނާރާއި ގުޅިފައިވާ ކަމެކޭ ބުނާ އަޑު ނާހަމު ހެއްޔެވެ؟ އެހެން ނަމަވެސް، މިހާރަކަށް އައިސް ގިނަ މީހުންނަށް ޤަބޫލު ކުރެވިފައިވާ ގޮތުގައި މިއީ ވެސް ދަށު ދަރަޖައިގެ ހަޑިމަސައްކަތެކެވެ. ދަރިން ނުކިޔެވުމުން ދާންޖެހޭނީ މަހަށޭ ބުނުމުން އެ ކުދިންގެ ޅަ ސިކުނޑި ތަކަށް ވެސް ނަގައިގަނެވޭނީ އެއީ ހަމަ އެކަނި ނުކިޔަވާ ތިބި މީހުންނަށް އޮތް ވަޒީފާއެއްގެ ގޮތުގައެވެ.

ރާއްޖޭގެ ވެރިކަން ކުރާ ރަށް ކަމަށްވާ މާލޭގައި ހަލުވި ކަމާއެކު ކޮވިޑް19 ފެތުރެމުންދާ މި ދަނޑިވަޅުގައި އެންމެ ކުރީ ސަފުގައި މަސައްކަތް ކުރަމުންދާ އެއް ބަޔަކީ ވެމްކޯގެ މުވައްޒަފުންނެވެ. މިފަދަ ނާޒުކު ހާލަތެއްގައި އެ މީހުން ކުރާ މަސައްކަތުގެ އަގު ވަޒަންކުރާ މީހުން ވަރަށް މަދެވެ. ސަބަބަކީ ކޮބައިތޯއެވެ؟ އެ މީހުން އަޅުގަނޑުމެން އުކާލާ ކުނި ނެގުމަށް ދާހިއްލައިގެން، ބުރަ މަސައްކަތްކުރާތީ ހެއްޔެވެ؟ އެހެން ކަމަށް ވަންޏާ އަޅުގަނޑުމެންގެ ވިސްނުން ބަދަލު ކުރަން އެބަޖެހެއެވެ. އެ މީހުން އެ ކުރާ މަސައްކަތަކީ ޤައުމީ ޚިދުމަތެއްގެ ގޮތުގައި ބަލައިގަންނަން އެބަ ޖެހެއެވެ.

ދީނުގައި ހަލާލު ކުރައްވާފައިވާ އެއްވެސް މަސައްކަތެއް ހަޑި މަސައްކަތަކަށް ނުވާނެއެވެ. އެއީ ކިތަންމެ އުޖޫރަ ކުޑަ މަސައްކަތަކަށް ވިޔަސްމެއެވެ. ހަމަ މިފަދައިން، ދީނުގައި ނަހީ ކުރައްވާފައިވާ ކަމަކަށް އަރައިގަނެވޭ ފަދަ މަސައްކަތަކީ ކިތަންމެ އުޖޫރަ ބޮޑު މަސައްކަތަކަށް ވިޔަސް ހަޑި މަސައްކަތް ތަކެވެ.

Ads by Allied Insurance
  1. އަސްލުވެސް!

  2. ޒުބޭ

    މިއީ މިއަދުގެ ހިތާމަވެރި ހަޤީޤަތެވެ. ވަރަށް ކަމުދާ ލިޔުން ކޮޅެކެވެ. މަނާލް ގެ ލިޔުންތައް ވަރަށް ރީތި ހެހެ

  3. ޒުހައިރާ

    ވަރަށް ވެސް ތެދު ހަގީގަތެއް!