ޚަބަރު

ޓެސްޓުތަކުން ދެއްކީ ކޮތަރުތަކަށް ބައްޔެއް ޖެހިފައިވާކަން، އިންސާނުންނަށް ނުރައްކަލެއް ނެތް

. ، ދެން އޮންލައިން
ޖުމްހޫރީ މައިދާނުގައި ކޮތަރުތަކެއް އުދުއްސައިގަންނަނީ/ ފޮޓޯ: ދެން

މި ދޭތެެރެއިން މާލޭގެ އެކި ހިސާބުތަކުން މަރުވެފައިވާ ކޮތަރުތައް ގިނަވީ ބައްޔެއް ޖެހިގެން ކަމަށާއި، އެކަމަކު އޭގެ ސަބަބުން އިންސާނުންނަށް ނުރައްކަލެއް ނެތް ކަމަށް އެގްރިކަލްޗާ އެންޑް އެނިމަލްވެލްފެއާ މިނިސްޓްރީން މިއަދު ބުނެފި އެވެ.

ކޮތަރުތައް މަރުވާ ސަބަބުތައް ދެނެގަންނަން ޓެސްޓުކުރަން މިނިސްޓްރީން އޮތީ ސާމްޕަލް ނަގާފަ އެވެ.

އެ ސާމްޕަލްގެ ނަތީއްޖާ ހިއްސާކޮށް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ތަހުލީލުތަކުން ކޮތަރުތަކަށް ޖެހިފައިވާ ބައްޔަކީ އިންފެކްޝަސް ކޮރައިޒާކަން ދެނެގަނެވިފައިވާ ކަމަށެވެ. މިނިސްޓްރީން ބުނީ އެ ބައްޔަކީ ދޫނި ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެއް ކަމަށެވެ.

އެނިމަލް މިނިސްޓްރީން ބުނީ، ޑައިގްނޯސިސް ބިނާވެފައިވަނީ ބަލި ފެތުރިފައިވާ ގޮތާއި، ބަލީގެ އަލާމާތްތަކާއި، ނެކްރޯޕްސީ ހޯދުންތަކާއި އަދި ލެބޯޓަރީ ޓެސްޓުތަކުގެ މައްޗަށް ކަމަށެވެ. އެއީ އެވިބެކްޓީރިއަލް ޕެރަގެލިނޭރަމް ނަމަކަށް ކިޔާ ދޫނީގެ ނޭވާލާ ނިޒާމަށް ހަމަލާދޭ ބެކްޓީރިއާއެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ.

މީގެ އިތުރުން ތަހުލީލުތަކުން މި ކޮތަރުތަކަށް ކޮކްސިޑިއޯސިސް، ކެންޑިޑިއޭސިސް އަދި އެހެނިހެން ބެކްޓީރިއަލް އިންފެކްޝަންތައް ޖެހިފައިވާކަން ފާހަގަކުރަމެވެ. އިންފެކްޝަން ކޮރައިޒާގެ އިތުރުން ސެކަންޑަރީ ބެކްޓީރިއަލް އިންފެކްޝަންތައް ޖެހުމުގެ ސަބަބުން ބަލި ބޮޑުވެ، ދޫނި މަރުވެއެެވެެ.

އެ ބަލިޖެހުމުން ނޭފަތުން ފެން އައިސް، ދޫނި ކެއްސާ، ނޭވާލުމަށް އުދަނގޫވެ، ބޮލާއި މޫނު ދުޅަވެ، ކެއުން ބުއިމަށް އުދަނގޫވެ އެވެ.

މިނިސްޓްރީން ބުނީ އެ ބައްޔަކީ އޭގެ ޒާތުގައި އަމިއްލައަށް ކޮންޓްރޯލްވާނެ ބައްޔެއް ކަމަށެވެ. އެއީ އިންސާނުންނަށް އޭގެ ސަބަބުން އެއްވެސް ނުރައްކަލެއް ކުރިމަތިކުރުވާނެ ބައްޔެއް ނޫން ކަމަށާއި، ނަމަވެސް ރައްކާތެރިގޮތަކީ ބަލިވެފައިވާ ކޮތަރުތަކާއި މަރުވެފައިވާ ކޮތަރުތަކާ ކުޑަކުދިން ކައިރިނުކުރުން ކަމަށް މިނިސްޓްރީން ބުންޏެވެ.

ބޮޑެތި މީހުންވެސް އެތަކެތީގައި އަތްލައި ހިފައިއުޅޭއިރު ރައްކާތެރިކަމުގެ ވަސީލަތް ބޭނުންކުރުމަށް މިނިސްޓްރީން އިލްތިމާސްކޮށްފައިވެ އެވެ.

Ads by Allied Insurance