ގައްޒާއަށް ހުއްޓުމެއް ނެތި އިންސާނީ އެހީ ފޯރުކޮށްދޭން ރާއްޖެއިން ގޮވާލައިފި

އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ހިންގާ އަމަލުތަކާ ދެކޮޅަން އަޑުއުފުލުމަށް އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ސައުދީ އަރަބިއްޔާގެ ޖިއްދާގައި ހާރިޖީ ވަޒީރުންގެ ފެންވަރުގައި ބޭއްވި އެކްސްޓްރާއޯޑިނަރީ ސެޝަންގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ބައިވެރިވެ ވަޑައިގަންނަވައިފި އެވެ.
ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ބިމުން ފޭބުމަށް ގޮވާލާ ގޮވާލުންތައް މިނިސްޓަރު ވަނީ ކުށްވެރިކޮށް، ގައްޒާ އާރާސްތުކުރުމަށް އަރަބި ލީގް ސަމިޓްގައި ފާސްކުރެވުނު ގައްޒާ އާރާސްތުކުރުމުގެ މަގުޗާޓަށް ތާއިދުކުރާކަން ހަލީލް ވަނީ ހާމަކުރައްވާފަ އެވެ.
އެ ބައްދަލުވުމުގައި ހަލީލް ތަގްރީރް ދެއްވަމުން ވިދާޅުވީ އިސްރާއީލުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށެވެ. އަދި މެދުކެނޑުމެއްނެތި އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރިކަން ކުށްވެރިކުރައްވާ އެކަމާވެސް ހަލީލް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ހަލީލް ވިދާޅުވީ ފަލަސްތީނު ރައްޔިތުން އެމީހުންގެ ބިމުން ފޭބުމަށް ގޮވާލާ ގޮވާލުންތައް ކުށްވެރިކުރާ ކަމަށެވެ. އަދި ގައްޒާގެ ހުރިހާ ސަރަހައްދަކަށް ރައްކާތެރިކަމާ، ދެމެހެއްޓެނިވި ގޮތެއްގައި ހުއްޓުމެއްނެތި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް މިނިސްޓަރު ވަނީ ގޮވާލާފަ އެވެ.
މީގެ އިތުރުން ހަލީލް ވިދާޅުވީ ފަލަސްތީނުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރާ މަސައްކަތުގައި ދިވެހިރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނެ ކަމަށެވެ.
ފަލަސްތީނަށް ފޯރުކޮށްދެމުންދާ އިންސާނީ އެހީތެރިކަމަށް ހުރަސްއެޅޭ ގޮތަށް އިސްރާއީލުން ހިންގަމުންދާ އަމަލުތަކާ ގުޅިގެން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގެ އިސްތިޝާރީ ލަފައެއް ހޯދުމަށް ހުށަހަޅާފައިވާ މައްސަލައިގައި ރާއްޖެއިން ބައިވެރިވެ، އެ ކޯޓަށް ބަޔާނެއް ހުށަހަޅާފައިވާކަމަށްވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާ އެވެ.
މި ހަނގުރާމައަށް އޮތް ހަމައެކަނި ދެމެހެއްޓެނިވި ހައްލަކީ 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއްގެ ގޮތުގައި ފަލަސްތީނުގެ ދައުލަތް ގާއިމުކުރެވުމުންކަމުގައި ހަލީލް ވިދާޅުވި އެވެ.
އޯއައިސީ. އަކީ 57 ގައުމުގެ މައްޗައް އެކުލެވިގެންވާ ފަލަސްތީނުގެ ހައްގުގައި އަބަދުވެސް ވަކާލާތުކުރަމުން އަންނަ ޖަމިއްޔާއެކެވެ. ދިވެހިރާއްޖެ އަކީ 1976 މި ޖަމިއްޔާގެ މެންބަރަކަށް ވުމަށްފަހު މި ޖަމިއްޔާގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ގައުމެކެވެ.
