ޚަބަރު

ހުޅުމާލޭގައި 80،000 ލީޓަރުގެ ދެ ތެޔޮ ޓޭންކު ބަހައްޓަން އެމްޓީސީސީއާ ހަވާލުކޮށްފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ސްޓެލްކޯއިން ހުޅުމާލޭގައި ގާއިމުކުރާ އިންޖީނު ގޭގައި ތެޔޮ ރައްކާކުރާ ޓޭންކުތައް ބެހެއްޓުމުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން / ފޮޓޯ:ސްޓެލްކޯ

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ހުޅުމާލޭގައި ގާއިމުކުރާ އިންޖީނުގޭގައި ތެޔޮ ރައްކާކުރަން ޓޭންކުތައް ބެހެއްޓުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފި އެވެ.

ސްޓެލްކޯއިން މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ އެއީ ޕީކް ސީޒަނަށް ތައްޔާރުވުމުގެ އިތުރުން ގްރޭޓާ މާލެ ޕަވަ ޖެނެރޭޝަން ބެކަޕްގެ ގޮތުގައި ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ގާއިމުކުރާ ހުޅުމާލެ ޕަވަހައުސް އެނެކްސް ދޭއްގައި ބަހައްޓާ 80،000 ލީޓަރުގެ ދެ ތެޔޮ ޓޭންކު ކަމަށެވެ.

ތެޔޮ ޓޭންކުތައް ޑިޒައިންކޮށް، ފެބްރިކޭޓް ކުރުމުގެ މަސައްކަތް ސްޓެލްކޯއިން ހަވާލުކޮށްފައި ވަނީ އެމްޓީސީސީ އާ އެވެ. އެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައުދީ އެވެ.

އެމްޓީސީސީން ބުނީ ޓޭންކުތަކާ އެކު ޕީކް ގަޑިތަކުގައި ކަރަންޓު ބޭނުންކުރާ މިންވަރާ އެއްވަރަށް ތެޔޮ ފޯރުކޮށްދިނުމުގެ ގާބިލުކަން އިތުރުކުރެވި، ހިދުމަތް ފޯރުކޮށްދިނުމުގައި ސްޓެލްކޯއަށް އޮންނަ އިތުބާރު ކަށަވަރުކުރެވިގެންދާނެ ކަމަށެވެ.

ހޫނު މޫސުމާ އަދި ރޯދަ މަހު ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާތީ ހުޅުމާލޭގައި 17 މެގަވޮޓުގެ ކަރަންޓު އުފެއްދުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް ސްޓެލްކޯއިން ދަނީ ކުރަމުންނެވެ.

މާލެ ސަރަހައްދުގައި ހިމެނޭ މާލެ، ހުޅުމާލެ އަދި ހުޅުލެއަށް ބޭނުންވާ ކަރަންޓު ސްޓެލްކޯއިން ފޯރުކޮށްދެމުން އަންނަނީ ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑް މެދުވެރިކޮށެވެ.

Ads by Allied Insurance