ޚަބަރު

އަޒްމިރަލްދާ ހާޒިރުކުރުން ލަސްކުރަނީ ޖޭއެސްސީން ބަލާނެ މައްސަލައެއް ނެތީމަ: ވަކީލު

އަލީ ސަމާޙް ، ދެން އޮންލައިން
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އަޒްމިރާލްދާ ޒާހިރު އައްޔަން ކުރެއްވުމުން ލިޔުމުގައި ސޮއިކުރައްވަނީ / ފޮޓޯ: ރައީސް އޮފީސް

ސަސްޕެންޝަނުގައި ހުންނެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ޖުޑީޝަލް ސާވީސް ކޮމިޝަން (ޖޭއެސްސީ) އަށް ހާޒިރުކުރުން ލަސްކުރަނީ ބަލަން ޖެހޭ އެއްވެސް ކަމެއް ނެތުމުން ކަމަށް އޭނާގެ ވަކީލު މިއަދު ވިދާޅުވެއްޖެ އެވެ.

ޖޭއެސްސީ އަށް އަޒްމިރާލްދާ ހާޒިރުކުރަނީ މަސާޖު ޕާލާއަކުން ހައްޔަރުކުރި އޭނާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދުގެ މައްސަލަ އަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގަ އެވެ.

އަޒްމިރާލްދާ ޖޭއެސްސީއަށް ހާޒިރުވާން ކުރިން އޮތީ އާދިއްތަ ދުވަހު 11 ޖަހާއިރަށެވެ. އެކަމަކު އޭގެ ފަހުން މިއަދަށް ބަދަލުކުރި އެވެ. އެކަމަކު މިއަދުވެސް ހާޒިރުވާން ޖެހޭ ވަކި ގަޑިއެއް އަންފާއިނުވާއިރު މިއަދުގެ އަޑު އެހުންވެސް ވަނީ ކެންސަލްކޮށްފަ އެވެ. އަޑު އެހުމެއް ދެން އޮންނާނެ ދުވަހެއްވެސް ނޭނގޭ އެވެ.

އަޒްމިރާލްދާގެ ވަކީލު އިބްރާހިމް ޝަމީލް "ދެން'' އަށް މިއަދު ވިދާޅުވީ މިއަދުގެ އަޑުއެހުން ކެންސަލްކުރިކަންވެސް ޖޭއެސްސީން އަންގާފައިވާނުވާ ކަމަށެވެ. އަދި އެނގުނީ ޖޭއެސްސީއަށް ގުޅުމުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އަދި އަޑުއެހުންތައް ލަސްވާ ސަބަބާ ގުޅޭ ގޮތުން ޖޭއެސްސީގައި ސުވާލުކުރުމުން އަދި މިހާތަނަށް ސަބަބެއް ބުނެދެވިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. ދެން އަޑުއެހުންތައް އޮންނާނެ ދުވަހެއްވެސް ނާންގާ ކަމަށް ވިދާޅުވި އެވެ.

އެއަށް ފަހު ޝަމީލް ވިދާޅުވީ ހާޒިރުކުުރުން ލަސްކުރަނީ އަޒްމިރާލްދާއާ ގުޅޭ ގޮތުން ބަލާނެ މައްސަލައެއް ނެތުމުން ކަމަށެވެ.

"ފަނޑިޔާރާ ގުޅޭ ގޮތުން ތުހުމަތުކުރެވެން ޖެހޭ ކަމެއް ނޭތީމަ ހާޒިރުކުރުން ލަސްކުރަނީ"

ޖޭއެސްސީން ބަލަމުންދާ އަޒްމިރާލްދާގެ ސުލޫކީ މައްސަލައާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ހޯދަން 3 ސިޓީއެއް އެ ކޮމިޝަނަށް ފޮނުވި ކަމަށް ވަކީލު ވިދާޅުވި އެވެ. އެއީ މައްސަލަ ބަލާ ކޮމިޓީގެ މެންބަރުންގެ ތަފްސީލު ހޯދުމަށާއި، ތަހުގީގުކުރާ ސުލޫކީ މައްސަލައިގެ ހުރިހާ އަޑުއެހުުންތަކެއް އާއްމުކޮށް ހުޅުވާލައިގެން ބާއްވައިދިނުމަށެވެ.

އެ ސިޓީ ތަކުގެ ތެރެއިން ޖޭއެސްސީން ޖަވާބު ދިނީ އަޑުއެހުން ހުޅުވާލައިގެން ކުރިއަށް ގެންދިޔުމަށް އެދުނު މައްސަލަ އެވެ. އެ މައްސަލާގައި ޖޭއެސްސީން ބުނީ، އަޑުއެހުން އާއްމުކޮށް ހުޅުވާލައިގެން ގެންގޮސްފިނަމަ މުޖުތަމައުގެ އާއްމު މަސްލަހަތަށް ގެއްލުން ވެދާނެކަމަށެވެ.

އަޒްމިރާލްދާގެ އިތުރު މައްސަލައެއްވެސް ޖޭއެސްސީން އެބަ ބަލަ އެވެ. އެއީ ހައި ކޯޓުގެ އެސިސެންޓް ރެޖިސްޓްރާ ހުސެން މުހައްމަދު ހަނީފް، ސުޕްރީމް ކޯޓަށް ހާޒިރުކޮށް ހުސްނުއްސުއޫދު ހުތުރުބަހުން މުއާމަލާތްކުރެއްވި މަޖިލީހެއް ގައި އަޒްމިރާލްދާ އާއި މަހާޒު ވެސް އިންނެވި މައްސަލަ އެވެ.

Ads by Allied Insurance