ރެޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަގާމަށް ޝައްމަ އައްޔަނުކޮށްފި

ރެޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަގާމުން މަރިޔަމް ޝައްމަ އިސްމާއިލް އައްޔަނުކޮށްފި އެވެ.
ޝައްމަ އެ މަގާމަށް އައްޔަނުކުރިކަން ހާމަކޮށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެކްސްގައި މިއަދު ވިދާޅުވީ އެ މަގާމުގެ ކޮންމެ ހަރުފަތެއްގައި ޝައްމައަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އިނގިރޭސިވިލާތުން ގާނޫނީ ދާއިރާއިން ތައުލީމު ހާސިލުކުރެއްވި ޝައްމަ ވަނީ މީގެ ކުރިން ވެސް ފުންނާބު އުސް މަގާމުތަކެއް ފުރުއްވައިފަ އެވެ.
އޭނާ ކުރިން އަދާކުރެއްވި މުހިންމު މަގާާމުތަކުގެ ތެރޭގައި ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ކަމުގެ މަގާމާއި ކޮންސިއުމާ އޮމްބަޑްސްޕާސަންގެ މަގާމު ހިމެނެ އެވެ.
އޭގެ އިތުރުން އޭނާ ޝައްމަ ވަނީ އިކޮނޮމިކް މިނިސްޓްރީގެ ލީގަލް ކޮންސަލްޓެންޓެއްގެ މަގާމުވެސް ފުރުއްވައިފަ އެވެ.
ރެޖިސްޓްރާ އޮފް ކޮމްޕެނީސްގެ މާގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި މަރިޔަމް ވިސާމް މިިދިޔަ ހަފްތާގައި އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ވިސާމް މަގާމުން އިސްތިއުފާ ދެއްވި އިރު އެ މަގާމު ފުރުއްވާތާ ގާތްގަނޑަކަށް 11 އަހަރު ވެއްޖެ އެވެ.
ވިސާމް އިސްތިއުފާ ދެއްވީ ޕްރައިވެޓް ސެކްޓާގައި މަސައްކަތްކުރަން ބޭނުންވާތީ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
