ޚަބަރު

ބެންޗު ކުޑަކުރާ ބިލު އަނބުރާ ފޮނުވުމުން ބިލު ބޭރުކޮށްލަން އަޒާން ގޮވާލައްވައިފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގު

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކޮށް ބެންޗު ހަތަކުން ފަހަކަށް ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ތަސްދީގުނުކޮށް އަނބުރާ ފޮނުވާލުމުން އެ ބިލު މަޖިލީހުން ބޭރުކޮށްލަން، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މިރޭ ގޮވާލައްވައިފި އެވެ.

Ads by STELCO

ބިލާ މެދު އަލުން ވިސްނެވުމަށް އެދިވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އަނބުރާ މަޖިލީހަށް ބިލު ފޮނުއްވީ މިއަދެވެ. ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުން ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރަން ފާސްކުރީ މިދިޔަ މަހުގެ 26ވަނަ ދުވަހުގަ އެވެ.

ޕީއެންސީގެ ލީޑާޝިޕުން އަންގައިގެން ތްރީލައިން ވިޕެއް ނެެރެފައިވަނިކޮށް، މަޖިލީހުގެ ހާޒިރުވެވަޑައިގެން ބިލަށް ވޯޓު ނުދެއްވައި އަޒާން ތަޅުމުން ނުކުމެވަޑައިގެންނެވި އެވެ. އޭގެ ފަހުގައި މަޖިލީހުގެ މުހިންމު ދެ ކޮމިޓީއަކުން އަޒާން ދުރުކޮށް، އާދައިގެ ދެ ކޮމިޓީއަކަށް ބަދަލު ވެސް ކުރި އެވެ.

މިއަދު ރައީސް ބިލު ތަސްދީގު ނުކުރެއްވުމުން އަޒާން ފޭސްބުކްގައި ލިޔުއްވީ އެންމެ ފުރަތަމަ ދުވަހު ވެސް އޭނާ ވަކާލާތު ކުރެއްވީ އެއީ ގާނޫނުއަސާސީއާ ހިލާފު ބިލެއް ކަމަށެވެ. ބިލު ދެން މަޖިލީހުން ބޭރުކޮށްލަން އަޒާން އެ ޕޯސްޓްގައި ލިޔުއްވާފައިވެ އެވެ.

"މިއީ ފުރަތަމަ ދުވަހު ވެސް މި ބިލާ މެދު އަޅުގަނޑުގެ ވެސް ވިސްނުން. މި ބިލަކީ ގާނޫނުއަސާސީއާ ހިލާފު ބިލެއް. އަޅުގަނޑުގެ އުންމީދަކީ ރައީސް އެދިލެއްވި ގޮތަށް މަޖިލީހުގެ މެމްބަރުން އަލުން ވިސްނަވައި މި ބިލު މަޖިލީހުން ބޭރުކޮށްލުން،" އަޒާން ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހަށް ބިލު ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު އަމިއްލަ ހައިސިއްޔަތުންނެވެ. މަޖިލީހުގައި ބިލަށް ތާއީދުކޮށް ވޯޓު ދެއްވުމަށް މެންބަރުންނަށް އެންގެވީ ވެސް ސަރުކާރު ހިންގާ ޕީއެންސީގެ ލީޑާޝިޕުންނެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރަން ޖެހޭ ގޮތަށް ބިލެއް ފާސްކުރީ، ޕާޓީން ކަނޑާލުމުން މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް އިތުރުކުރި މާއްދާތައް ބާތިލްކުރަން ހުށަހެޅި މައްސަލަ ކުރިއަށް ގެންދަން ސުޕްރީމް ކޯޓުން ނިންމާފައި ވަނިކޮށެވެ.

ގާނޫނުއަސާސީގައި ހިމެނި މަޖިލީހުގެ ގޮނޑި ގެއްލޭ އާ ހާލަތްތަކަށް އަމަލުކުރުން މަޑުޖައްސާލުމުގެ އަމުރަކާ ގުޅޭ އަޑުއެހުމެއް ތާވަލުކޮށްފައިވަނިކޮށް އަޑުއެހުމުގެ ކުރިއަށް ބިލު މަޖިލީހުން ފާސްކުރި އެވެ. އަދި އެ ދުވަހު ތިން ފަނޑިޔާރަކު ސަސްޕެންޑް ވެސް ކުރި އެވެ.

ސަސްޕެންޑްކުރި ފަނޑިޔާރުންގެ ތެރެއިން ހުސްނުއްސުއޫދު ވަނީ މިދިޔަ ހަފުތާ އަންގާރަ ދުވަހު އިސްތިއުފާ ދެއްވައިފަ އެވެ. ހުސްވި މަގާމަށް ކުރިމަތިލާން އިއްޔެ ހުޅުވާލި އެވެ. ހުޅުވާލީ މާދަމާ މެންދުރުގެ ނިޔަލަށެވެ.

ދެން ސަސްޕެންޑްކުރި، ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ ސުލޫކީ މައްސަލަތަކެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ދަނީ ބަލަމުންނެވެ.