ޚަބަރު ސިޔާސީ

ކަންބޮޑުވުމަކީ "މަޖިލިހަށް ވަގަށް" ފައިސާ ޗާޕުކުރަން އުޅުން، ކުރިން ކުރި ގޮތަށް މިހާރު ވެސް ކުރެވޭނެ: ޝަމްހީދު

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޝަމްހީދު ވާހަކަ ދައްކަވަނީ / ފޮޓޯ:މަޖިލިސް

އޮތް ކަންބޮޑުވުމަކީ "މަޖިލިހަށް ވަގަށް" ފައިސާ ޗާޕުކުރުމުގެ މަސައްކަތް ކުރާތީ ކަމަށާއި މީގެކުރިން ވެސް އެކަން ކުރި އުސޫލުން ގާނޫނުތަކުގައިވާ ގޮތަށް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައިގެން ކުރުމުން ހުރިހާ ފަރާތްތަކަށް ވެސް ވާނުވާ އެނގޭނެ ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

Ads by STELCO

އެހެން ވިދާޅުވީ އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުން މަޖިލިހުގެ އިދާރާގައި މިއަދު މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

ޝަމްހީދު ވިދާޅުވީ އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމުން އަހްމަދު އިމާދު ވަކިކުރުމުގެ މަސައްކަތް ހިނގާކަން އެނގިވަޑައިގެންނެވީ ވެސް އިއްޔެ ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމަށް ވަޑައިގެންނެވުން ކަމަށެވެ.

ކޮމިޓީގެ ބައްދަލުވުމަށް ޑެޕިއުޓީ ގަވަރުނަރުގެ މަގާމުން އިމާދު ވަކިކުރުމަށް ރައީސަށް ލަފާއެރުމަށް ހުށަހެޅުއްވީ ދިއްދޫ ދާއިރާގެ ކޮންގްރެސް ޕާޓީގެ މެމްބަރު އަބްދުއްލަތީފް މުހައްމަދެވެ.

މެމްބަރު ފޮނުއްވި ސިޓީގައި ބުނެފައި ވަނީ އެމްއެމްއޭގެ ގަވަރުނަރު ކަމުގައި ހުންނެވި އަލީ ހާޝިމް މަގާމުން ވަކިކޮށްފައި ވަނީ ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާކުރެއްވުމުގައި އިހުމާލުވެވަޑައިގެންފައިވާތީ ކަމަށެވެ. ގަވަރުނަރު އޭރު ނިންމެވި ހުރިހާ ނިންމެވުންތަކުގައި ޑެޕިއުޓީ ގަވަރުނަރުގެ ހައިސިއްޔަތުން އިމާދު ބައިވެރިވެވަޑައިގެންފައިވާ ކަމަށާ އަދި އެ ނިންމެވުންތަކުގެ ޒިންމާ އޭނާ ވެސް ނަންގަވަން ޖެހޭނެ ކަމަށް ސިޓީގައި ބުނެފައިވެ އެވެ.

ޝަމްހީދު ވިދާޅުވި ގޮތުގައި ޑެޕިއުޓީ ގަވަރުނަރު މަގާމުން ވަކިކުރަން ޖެހޭ އެއްވެސް ކަމެއް ސިޓީގައި ފާހަގަކޮށްފައި ނުވާ ކަމުގަ އެވެ. ހަމައެކަނި ބުނެފައި ވަނީ މީގެކުރިން ހުންނެވި ގަވަރުނަރު މަގާމުން ވަކިކުރެވުނުއިރު، ގަވަރުނަރާ އެކު މަސައްކަތް ކުރެއްވި ޑެޕިއުޓީ ގަވަރުނަރު ވެސް މަގާމުން ވަކިކުރެވެން ޖެހޭނެ ކަމުގަ އެވެ.

"މި ހުރިހާ ކަމަކާ ގުޅިގެން ދަނީ ދިވެހި ސަރުކާރުގެ ފަރާތުން 15 ބިލިއަން އަދި ކޮންމެ އަދަދެއް ކަމަށް ވިޔަސް. އެމްއެމްއޭ މެދުވެރިކޮށް ފައިސާ ޗާޕުކުރަން ނިންމުމެއް ނިންމައިގެން، އެޔަށް ބޭނުންވާ އެމްއެމްއޭގެ ބޯޑުން ނިންމަން ޖެހޭ ނިންމުންތަކެއް ނިންމުމުގައި ދަތިތަކެއް ހުރެގެން އެކަމުގައި ޑެޕިއުޓީ ގަވަރުނަރު ވަކިކުރަން އުޅޭ ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި އިނީ،" ޝަމްހީދު ވިދާޅުވި އެވެ.

ކަމާ ގުޅިގެން ކުއްލި މައްސަލައެއް ހުށަހެޅި ނަމަވެސް ހިނގާ ކަމެއް ކަން ނޭނގޭ ކަމަށް ބުނެ މަޖިލިހުގެ އިދާރާއިން މައްސަލަ ބަލައިގެންފައި ނުވާ ކަމުގަ އެވެ. އަދި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ފައިސާ ޗާޕުކުރުމާ ގުޅޭގޮތުން ދެކެވެމުން އަންނަ ވާހަކަތަކުގެ ހަގީގަތް ހޯދުމަށް "ސިޓީއަކުން ދަންނަވަން، މިއީ ހިނގާ ކަމެއްތޯ އާއި އަދި ހިނގާ ނަމަ މިއީ ކޮން އުސޫލަކުން ހިނގާ ކަމެއްތޯ ލިޔުމުން ޖަވާބު ހޯދަން،" ހުށަހެޅުއްވި ކަމަށް މެމްބަރު ފާހަގަކުރެއްވި އެވެ.

މާލިއްޔަތު ކޮމިޓީގެ މެންޑޭޓުގައި އެމްއެމްއޭއިން ކުރާ ކަންކަން ބެލުން ހިމެނޭއިރު، އެ ކޮމިޓީން މައްސަލަ ބަލަން ބޭނުން ނުވި ކަމަށެވެ. ވެރިކަން ކުރާ ކޮންގްރެސް ޕާޓީގެ މެމްބަރުން އޭނާގެ ހުށަހެޅުމާ ދެކޮޅަށް ވޯޓު ދީގެން އެ ހުށަހެޅުން ކޮމިޓީން ފާސްވާ ގޮތް ނުވެފައިވާ ކަމަށެވެ.

ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ވިދާޅުވި ގޮތުގައި އެމްއެމްއޭގެ ކޮންސެޕްޓެއް ގޮތަށް ފެންނަނީ ރާއްޖޭގައި ހުރި ބިންތައް އަގުކޮށް، އެ އަގަށް ވާވަރަށް ފައިސާ ޗާޕުކުރަން ކަމުގަ އެވެ. މުދަލަކާ އަޅުވައި ކުރާ ކަމަށް ވުމުން އެ ކަމަކީ ފައިސާ ޕްރިންޓްކުރުން ކަމަށް ނުވާނެ ކަމަށް ދެކޭ ކަމުގަ އެވެ.

"22 ހެކްޓަރު ހުޅުމާލޭން ގަންނަނީ. ދައުލަތުން އަގުކުރަނީ ވެސް. ދައުލަތުން ގަންނަނީ ވެސް. އަޅުގަނޑަކަށް ނޭނގެ މީގަ ސެންސްމޭކް ކުރާނެ ގޮތެއް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެގޮތަށް ފައިސާ، ގޯލްޑް ކަހަލަ އެސެޓެއް ގޮތުގައި ބިން ކަމަށް ވަންޏާ ދިވެހިރާއްޖޭގައި އެބަހުރި 200 ވަރަކަށް ޓޫރިސްޓް ރިސޯޓުތައް. އެ ރިސޯޓުތަކުގެ ބިމުގެ ހެކްޓަރު އެބައަރާ 2،000 ވަރު. އެޔަށްވުރެ އިތުރު ވެސް ވެދާނެ. އެހެން ކަމަށްވާ ނަމަ އެއީ މުދާ ކަމަށް ބަލާފައި އެމްއެމްއޭއިން ޕްރިންޓްކުރަން ބޭނުންވެއްޖިއްޔާ އެއް ޓްރިލިއަން ދިވެހި ރުފިޔާ ވެސް ޕްރިންޓް ކުރެވިދާނެ،" ޝަމްހީދު ވިދާޅުވި އެވެ.

މާލިއްޔަތު ކޮމިޓީއަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ދައުލަތުން ދައްކަން ޖެހިފައިވާ ބައިވަރު ލޯނުތައް އެބަހުރި ކަމުގަ އެވެ. މިފަހުން އެމްޑީޕީގެ ވެރިކަމުގައި ނަގާފައިވާ ލޯނަކަށް ފައިސާ ދައްކާފައިވާ ކަމަށް ބުނާއިރު، ލޯނު ދެއްކި ކުންފުނިން ކުރިއަށް ވުރެ ބޮޑު އިންޓްރެސްޓެއްގައި 50 މިލިއަން ޑޮލަރުގެ އިތުރު ލޯނެއް ނަގާފައިވާ ކަމުގަ އެވެ. ލޯނު ދައްކަން އިތުރު ލޯނުތައް ނަގަމުންދާ ނަމަ ދައުލަތުގެ ދަރަނި ކުޑަނުވާނެކަން ފާހަގަކުރެއްވި އެވެ.

އެމްޑީޕީ މެމްބަރު ވިދާޅުވީ އޮތް ކަންބޮޑުވުމަކީ "މަޖިލިހަށް ވަގަށް" އެމްއެމްއޭއިން ފައިސާ ޗާޕުކޮށްފި ނަމަ، އެކަމުން ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް އަސަރުކުރާނެ ކަމަށެވެ. އޭގެ އިތުރުން ވޯލްޑް ބޭންކާއި އައިއެމްއެފް ފަދަ ފައިނޭންޝަލް އިންސްޓިޓިއުޓްތަކުން ރާއްޖެ އާ މެދު ދެކޭ ގޮތް ބަދަލުވެ، ސަރުކާރަށް އިތުރު ފައިސާ ހޯދަން ދަތިތަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ. އަންނަ އަހަރު ބޮޑު ދަރަންޏެއް އަދާކުރަން ޖެހިފައިވާއިރު، އެކަމަށް ލޯނު ބޭނުންވާ ކަމަށެވެ. ނުރައްކަލަކީ ޑިފޯލްޓަކަށް ދިއުން ކަމަށާ އަދި އެކަމުން ސަލާމަތްވާން ބޭނުންވާ ނަމަ ދެން ޖެހޭނީ ގައުމީ ސަލާމަތާ ގުޅުންހުރި ކަންތައްތަކެއް ކޮންޕްރޮމައިސްކޮށްފައި "ކޮންމެވެސް ބައެއްގެ އުނގަށް ވެއްޓިގެން" ދަރަންޏަށް ފައިސާ ހޯދަން ކަމަށެވެ.

ކަންބޮޑުވުން ގުޅިފައި ވަނީ ސިއްރިއްޔާތުގައި ފައިސާ ޗާޕުކުރަން މަސައްކަތް ކުރާތީ ކަމަށެވެ. އެކަން ކުރާ ނަމަ މީގެކުރިން ވެސް އެކަން ކުރި އުސޫލުން ގާނޫނުތަކުގައިވާ ގޮތަށް މަޖިލިހަށް ހުށަހަޅައިގެން އެކަން ކުރުމުން ހުރިހާ ފަރާތްތަކަށް ވެސް ވާނުވާ އެނގޭނެ ކަމަށް ޝަމްހީދު ވިދާޅުވި އެވެ.

"ރާއްޖޭގައި ޑިމޮކްރަސީގެ މި އޮންނަ ގޮތަކީ ރައްޔިތުންގެ މަންދޫބުންތަކެއް ތިބެގެން އެ މަންދޫބުން އެ ރައްޔިތުންނަށް ފައިދާވާ، ގެއްލުންވާ ގޮތަކަށް ޑިސިޝަން ނަގަން އޮންނަ އުސޫލެއް،" ޝަމްހީދު ވިދާޅުވި އެވެ.

ފައިސާ ޗާޕުކުރުމާ ގުޅުންހުރި ނިންމުމެއް މެމްބަރުންނާ ނުލައި ނުނެގޭނެ ކަމަށެވެ. މަޖިލިހާ މައްސަލަ ހިއްސާކުރަން ޖެހެނީ އެހެންވެ ކަމަށެވެ. އާންމުން ނިކަމެތި ކުރާނީތޯ ނޫންތޯ ނިންމާނީ މެމްބަރުން ކަމަށް ވިދާޅުވި އެވެ.

މައްސަލަ ހައްލުކުރަން އެމްޑީޕީ ވެރިކަމުގައި އާމްދަނީ އިތުރުކުރުމުގެ ގޮތުން ޓެކްސް ބޮޑުކޮށް، ސަބްސިޑީ ރިފޯމް ކުރުމުގެ އެޖެންޑާގެ މަސައްކަތް ފެށި ކަމަށެވެ. އެކަމަކު މި ސަރުކާރަށް އެކަމުގެ އަމަލީ މަސައްކަތް އަދި ފެށިފައި ނުވާ ކަމަށެވެ. އާމްދަނީ އިތުރުކުރަން ޓެކްސް ބޮޑުކުރި ނަމަވެސް އޭގެ ބޭނުންކުރީ އިތުރު ވަޒީފާތައް އުފެއްދުން ފަދަ ބޭކާރު ކަންކަމަށް ކަމަށެވެ. ފައިނޭންޝަލް އިންސްޓިޓިއުޓްތަކުން ކަންކުރަންވާ ގޮތް ބަޔާންކޮށްދީފައިވާއިރު، އެގޮތަށް ސަރުކާރުން ކުރިއަށް ދިޔައީމާ ކަންކަމަށް ހައްލު ހޯދޭނެކަން ފާހަގަކުރެއްވި އެވެ.

ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު (މަޓޭ) ވިދާޅުވީ ފައިސާ ޗާޕުކުރުމުގައި ގައުމުތަކުން އަމަލުކުރާ ހަމަތަކެއް ހުންނަ ކަމަށެވެ. އެކަމަކު މިއަދު ފައިސާ ޗާޕުކުރުމަކީ އިގުތިސޯދީ ކާރިސާއަކާ ކުރިމަތިލާން ޖެހިދާނެ ފަދަ ނުރައްކާތެރި ރަހުނެއް ކަމެއް ސިފަކުރެވޭ ކަމަށެވެ.

"އެމްޑީޕީން ފައިސާ ޗާޕުކުރީ އިގުތިސޯދީ ކާރިސާއަކުން ސަލާމަތްވުމަށް ޓަކައި. މިއަދު މިއީ އިގުތިސޯދީ ކާރިސާއަކަށް ވައްޓާލުމަށް ޓަކައި. މިއަދު ވެސް މަޖިލިހުގެ ތަޅުމުން އަޅުގަނޑުމެންނަށް އެނގިގެންދިޔަ އިގުތިސޯދު ބަރާބަރަށް ހިނގާ ކަމާއި ޓޫރިސްޓުން އިންތިހާއަށް އެރަވަލްސް ހުރި ކަމާ،" މަޓޭ ވިދާޅުވި އެވެ.

ދިމާވެގެން އުޅޭ މައްސަލައަކީ ދައުލަތުގެ ހަރަދުތައް ކުޑަކޮށް، ފައިސާ މެނޭޖްކުރަން ނޭނގުން ކަމަށެވެ. އަދި އިސްރާފު ބޮޑުވުން ކަމަށެވެ. ރުފިޔާގެ އަގު ދަށްވުމާއި، އިންޓްރެސްޓް ރޭޓް ބޮޑުވުމާ އަދި ޓެކްސް ބޮޑުވުމުގެ އަގު ދައްކަން ޖެހޭނީ އާންމުން ކަމުގައި ފާހަގަކުރެއްވި އެވެ.

Ads by Allied Insurance