ޚަބަރު

ނުވަ ރަށެއްގައި ހޮސްޕިޓަލާއި ސިއްހީ މަރުކަޒުތައް އަޅަން 627 މިލިއަނަށް ތިން ކުންފުންޏަކަށް

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ނުވަ ރަށެއްގައި ހޮސްޕިޓަލާއި ސިއްހީ މަރުކަޒުތައް އެޅުމަށް ތިން ކުންފުންޏަކާ ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ:ހެލްތު މިނިސްޓްރީ

ނުވަ ރަށެއްގައި އަލަށް އިމާރާތްކުރާ ހޮސްޕިޓަލާއި ސިއްހީ މަރުކަޒުތަކުގެ މަސައްކަތް ކުރުމަށް 627 މިލިއަން ރުފިޔާއަށް ސަރުކާރު ހިއްސާވާ ތިން ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

Ads by STELCO

ހެލްތު މިނިސްޓްރީގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ މަސައްކަތް ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ފެނަކަ ކޯޕަރޭޝަން އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ އެވެ.

އެމްޓީސީސީ އާ ހަވާލުކުރި 4 ރަށަކީ:

  • ނ. ފޮއްދޫ ސިއްހީ މަރުކަޒު އިމާރާތްކުރުން - 26,878,072.40 ރުފިޔާ
  • ށ. މާއުނގޫދޫ ސިއްހީ މަރުކަޒު އިމާރާތްކުރުން - 27,219,325.40 ރުފިޔާ
  • ވ. ފެލިދޫ ހޮސްޕިޓަލް އިމާރާތްކުރުން - 105,360,655.93 ރުފިޔާ
  • ތ. ވިލުފުށި ހޮސްޕިޓަލް އިމާރާތްކުރުން - 105,132,701.20 ރުފިޔާ

އެ ހަތަރު ރަށުގައި ސިއްހީ ހިދުމަތްދޭ ތަންތަނުގެ އާ އިމާރާތްކުރުމުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއީލް އަބްދުﷲ އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައުދީ އެވެ.

އާރުޑީސީ އާ ހަވާލުކުރި 3 ރަށަކީ:

  • ކ. ގާފަރު ސިއްހީ މަރުކަޒު އިމާރާތްކުރުން - 26,819,434.82 ރުފިޔާ
  • ހދ. ހަނިމާދޫ ހޮސްޕިޓަލް އިމާރާތްކުރުން - 104,834,778.55 ރުފިޔާ
  • އދ. މާމިގިލީ ހޮސްޕިޓަލް އިމާރާތްކުރުން - 105,004,634.47 ރުފިޔާ

އޭގެ އިތުރުން ހދ. ކުޅުދުއްފުށީ ސިޓީގައި އިމާރާތް ކުރާ ދަމަނަވެށީގެ މަސައްކަތް ވެސް ހަވާލުކުރީ އާރުޑީސީ އާ އެވެ. އެ މަސައްކަތް ހަވާލުކޮށްފައި ވަނީ 23,113,061.08 ރުފިޔާ އަށެވެ.

އެ ރަށްރަށުގައި ސިއްހީ ހިދުމަތްދޭ ތަންތަނުގެ އާ އިމާރާތްކުރުމުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއީލް އަބްދުﷲ އެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހެއިރެވެ.

ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރީ:

  • ހދ. މަކުނުދޫ ސިއްހީ މަރުކަޒު އިމާރާތްކުރުން: 103,595,304.83 ރުފިޔާ

މަކުނުދޫގައި ސިއްހީ މަރުކަޒުގައި އާ އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހްމަދު ގާސިމެވެ. ފެނަކައިގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހެވެ.

އެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ބައިވެރިވަޑައިގެންނެވި އެވެ. ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ކައިރި މުސްތަގުބަލެއްގައި އިތުރު ސިއްހީ ހިދުމަތްދޭ ތަންތަނުގެ މަސައްކަތް ކުރުމަށް ސޮއިކުރެވޭނެ ކަމަށެވެ. އަދި ރައީސްގެ ވައުދާ އެއްގޮތަށް ސިއްހީ ދާއިރާގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.