ޚަބަރު ދީން

ދީނުގެ ދަންމަރު ނެގެހެއްޓުމުގައި ޒުވާނުންގެ ދައުރު އިންތިހާއަށް މުހިންމު: ހުތުބާ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ހުކުރު ހުތުބާ ކިޔާއިރު ބަޔަކު ހުތުބާ އަޑުއަހަން އިށީދެލައިގެން / ފޮޓޯ:އިސްލާމިކް މިނިސްޓްރީ

ބަދުރު ހަނގުރާމައިގައި ޝަހީދުވެ ދިޔަ ބޭކަލުންގެ ތެރޭގައި ޒުވާން ސަހާބީން ހިމެނިވަޑައިގަތުމަކީ އިބުރަތް ލިބިގަންނަން ޖެހޭ ކަމެއް ކަމަށާއި އެކަމުން އެނގެނީ އިސްލާމްދީނުގެ ދަންމަރު ނެގެހެއްޓުމުގައި ޒުވާނުންގެ ދައުރުގެ މުހިންމުކަން ކަމުގައި މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

Ads by STELCO

ނަސްރުގެ މައްސަރުގެ މައްޗަށް އަލިއަޅުވާލައި ހުތުބާގައި ބުނީ މި ބަރަކާތްތެރި މަހަކީ ﷲ އެ މަހެއްގައި ނުހަނު ގިނަގުނަ ދަރުމަ އާއި ނަސްރުދެއްވުން ލައްވަވާފައިވާ މައްސަރެއް ކަމަށެވެ. އެގޮތުން ހިޖުރައިން ދެވަނަ އަހަރު ރޯދަ މަހުގެ 17 ވަނަ ދުވަހު ބަދުރު ހަނގުރާމަ ކުރެވުނު ކަމަށެވެ. އެ ހަނގުރާމައަކީ އިސްލާމީ ތާރީހުގައި ކުރެވުނު ފުރަތަމަ ހަނގުރާމަ ކަމަށެވެ.

މާތް ﷲ ވަހީކުރެއްވި ބަސްފުޅެއްގެ މާނައިގައިވެ އެވެ. "ތިޔަބައިމީހުން الله އަށް (އެބަހީ: الله ގެ ދީނަށް) ނަސްރުދޭ ނަމަ، އެކަލާނގެ ތިޔަބައިމީހުންނަށް ނަސްރުދެއްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ ފައިތިލަތައް ސާބިތުކުރައްވާނެތެވެ."

ހުކުރު ހުތުބާގައި ބުނި ބަދުރު ހަނގުރާމައަކީ އިސްލާމީ އުންމަތަށް އެތައް ފިލާވަޅުތަކެއް ލިބުނު ހާދިސާއެއް ކަމުގަ އެވެ. އޭގެ ތެރެއިން އެއް ފިލާވަޅަކީ ކަންކަމުގައި މަޝްވަރާގެ ރިވެތި އުސޫލު ބޭނުންކުރުން ކަމުގަ އެވެ. ކީރިތި ރަސޫލާ އެ ހަނގުރާމައިގެ ކަންތައްތަކާ މެދު މުހާޖިރުންނާއި އަންސާރުންނާ މަޝްވަރާކުރެއްވި ކަމުގަ އެވެ.

ބަދުރު ހަނގުރާމައިން ލިބުނު ދެ ވަނަ ފިލާވަޅަކީ ވެރީންނަށް ކިޔަމަންގަތުމުގެ މާތް ސިފަ ކަމުގަ އެވެ. މުހާޖިރުންނާއި އަންސާރުންގެ ފަރާތްޕުޅުން ފެނުނު ކިޔަމަންތެރިކަމަކީ އެކަމުގެ ރިވެތި މިސާލެއް ކަމުގަ އެވެ. ޖިހާދުކުރުމުގެ އިޒުނަ އައުމުން އެ ބޭކަލުން އެ ކަމަށް އިޖާބަ ދެއްވި ގޮތުން އެނގި ހާމަވީ އެ ބޭކަލުންގެ ކިޔަމަންތެރިކަން ކަމުގަ އެވެ. ބަދުރު ހަނގުރާމައިގެ ދުވަހު މުހާޖިރުންނާއި އަންސާރުން ކީރިތި ރަސޫލާއަށް އެރުވި މަޝްވަރާއިން އެކަން ހާމަވާ ކަމުގަ އެވެ.

ބަދުރު ހަނގުރާމައިން ލިބުނު ތިން ވަނަ ފިލާވަޅަކީ އަސްހާބު ބޭކަލުންގެ ގުރުބާނީ ކަމުގައި ހުތުބާގައި ފާހަގަ ކުރި އެވެ. އެ ދުވަހު ބަދުރުގެ މައިދާނުގައި ކީރިތި ރަސޫލާ ހުއްޓިވަޑައިގެން ހުންނެވުމަށް ހާއްސަ ކުރެވިފައިވާ އަރީޝްކޮޅުގައި އެކަލޭގެފާނު ހުއްޓިވަޑައިގެން ހުންނެވިއިރު، އެކަލޭގެފާނުގެ ހަށިފާރައަށް އަބޫބަކުރުގެފާނާއި ސައުދުބުން މުއާޒުގެފާނު މަޑުކުރެއްވި އެވެ. އަދި މުސްލިމުންގެ ލަޝްކަރަށް ހިތްވަރު ދެއްވަމުން ގެންދެވި އެވެ.

ބަދުރުގެ ދުވަހުގައި ޝަހީދުވެ ދިޔައީ ސާދަ ބޭކަލުން ކަމުގައި ފާހަގަކޮށް މިއަދުގެ ހުތުބާގައި ވަނީ އެ ބޭކަލުންގެ ތެރޭގައި ޒުވާން ސަހާބީން ހިމެނިވަޑައިގަތުމަކީ ޒުވާނުން އިބުރަތް ލިބިގަންނަން ޖެހޭ ކަމެއް ކަމަށް ބުނެފަ އެވެ. އެއީ އިސްލާމްދީނުގެ ދަންމަރު ނެގެހެއްޓުމުގައި ޒުވާނުންގެ ދައުރު އިންތިހާއަށް މުހިންމުކަމުގެ އިޝާރާތެއް ކަމުގަ އެވެ.

ހުކުރު ހުތުބާގައި ބުނީ ބަދުރު ހަނގުރާމައިން ލިބުނު ހަތަރު ވަނަ ފިލާވަޅަކީ މާތް ﷲ އަށް ވަކީލުކުރުމާއި ދުއާކުރުމުގެ މުހިންމުކަން ކަމަށެވެ. ކަންކަމުގައި ﷲ އަށް ވަކީލު ކުރުމަކީ ނަސްރާއި ކާމިޔާބަށް ވާސިލުކޮށްދޭ ކަމެއް ކަމަށެވެ. ވަކީލު ކުރުމާއި އަޒުމު ވަރުގަދަވުމުގެ ސަބަބުން އެ ދުވަހު މުސްލިމުންގެ ލަޝްކަރަށް ލިބުނު ކާމިޔާބާ ބެހޭގޮތުން މާތް ﷲ ބަސްފުޅު ވަހީކުރައްވާފައިވާ ކަމަށެވެ.

ދުއާއަކީ މުއުމިނުންގެ ހަތިޔާރު ކަމަށެވެ. ކަންކަމުގައި ﷲ ހަޒުރަތުގައި ދުއާ ދެންނެވުމަށް ލަދުގަނެގެން ނުވާނެ ކަމަށެވެ. އެކަލާނގެއީ އަޅުތަކުންގެ ދުއާ އިޖާބަކުރައްވާ ރަސްކަލާނގެ ކަމަށެވެ. އެކަލާނގެއަށް ބިރުވެތި އިހުލާސްތެރި ހިތަކުން ދުއާކުރުމަކީ އެ ދުއާއެއް އިޖާބަވުމަށް އޮތް ބާރެއް ކަމަށެވެ.

ބަދުރު ހަނގުރާމައިގެ ދުވަހު ކީރިތި ރަސޫލާ އިސްލާމީ އުންމަތަށް ދެއްކެވީ ކެތްތެރިކަމާއި ސާބިތުކަމާއި އަދި ވަކީލުކޮށްގެން ﷲ އަށް ދުއާ ދެންނެވުމުގައި ގެންގުޅެން ޖެހޭނެ އެންމެ ފުރިހަމަ ނަމޫނާ ކަމުގައި ވެސް މިއަދުގެ ހުކުރު ހުތުބާގައި ފާހަގަކުރި އެވެ.

Ads by Ooredoo