ޚަބަރު

ޕޮލިޓެކްނިކް ފުޅާކޮށް، އަތޮޅު ތެރޭގައި ސެންޓަރުތަކެއް އަޅަނީ

ރާޔާ ރިޟާ ، ދެން އޮންލައިން

މޯލްޑިވްސް ޕޮލިޓެކްނިކްގެ ބްރާންޗްތައް އަތޮޅުތެރޭގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން، ލޭބަ އެންްޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު ވިދާޅުވެއްޖެ އެވެ.

Ads by STELCO

މިނިސްޓަރު އެހެން ވިދާޅުވީ "ދެން" ގެ އެކްސްކްލޫސިވް ޕްރޮގްރާމުގަ އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި މަސައްކަތުގެ ބާޒާރަށް ބޭނުންވާ ހުނަރުތައް ހުރި ޒުވާނުން ތަމްރީނު ކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް ކަމަށެވެ.

"ވަކިން ހާއްސަކޮށް ޕޮލިޓެކްނިކާ ގުޅިގެން ރާއްޖޭގެ ވަރަށް ގިނަ ރަށްތަކުގައި ޕޮލިޓެކްނިކްގެ ބްރާންޗްތައް ހުޅުވައިގެން ތަމްރީނު ހޯދޭނެ ފުރުސަތުތައް ޒުވާނުންނަށް ފޯރުކޮށްދިނުމަކީ ކުރަން ރާވާފައި ހުރި ކަންތައް. މިހާރު ވަރަށް ގިނަ ސެންޓަރުތައް ގާއިމުކުރުމުގެ މަސައްކަތް ވެސް ކުރިއަށް އެބަދޭ," ހައިދަރު ވިދާޅުވި އެވެ.

ވަޒީފާގައި މިހާރު އުޅޭ ފަރާތްތަކަށް އެ ފަރާތްތަކުގެ ހުނަރު އިތުރު ކުރުމަށް ހާއްސަ އަޕްސްކިލިން ޕްރޮގްރާމުތައް ވެސް ޕޮލިޓެކްނިކުން ހިންގަމުންދާކަން ފާހަގަކުރެއްވި އެވެ.

"އެއީ މިހާރު ވެސް ކުރިއަށްގެންދާ ޕްރޮގްރާމްތަކެއް. އޭގައި ބައިވެރިވެގެން ވަރަށް ގިނަ ފަރާތްތަކުން ފެންވަރު މަތިކުރުމުގެ މަސައްކަތް ކުރިއަށްދޭ," ހައިދަރު ވިދާޅުވީ، ދެން އޮތް ހަރުފަތަކީ މި ޕްރޮގްރާމް ފުޅާކޮށް އަތޮޅުތެރޭގެ ރަށްތަކުގައި ސެންޓަރުތައް ގާއިމުކުރުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ޒުވާނުންނަށް ވަޒީފާ ހޯދުމުގައި އެހީތެރިވުމަށް މޯލްޑިވްސް ކެރިއަ ސާވިސްގެ ހިދުމަތް ވެސް ފޯރުކޮށްދެމުން ގެންދާ ކަމަށެވެ.

"އެތަނުން އެނގޭނެ ކޮބައިކަން މިހާރު ހުޅުވިފައި ހުރި ހުރިހާ ވަޒީފާތަކަކީ ވެސް. އެ ވަޒީފާތަކާ އެ ކުދިންނާ ގުޅުވައިދިނުމުގެ މަސައްކަތް ކުރާނެ މޯލްޑިވްސް ކެރިއަ ސާވިސް," ހައިދަރު ވިދާޅުވި އެވެ.

އޭގެ އިތުރުން ވަޒީފާ ނުހޯދާ ހަވާސާވެފައި ތިބޭ ޒުވާނުން ވަޒީފާގެ ބާޒާރަށް ގެނައުމަށް ޓަކައި ކޮންމެވެސް ވަރެއްގެ އިންސެންޓިވްތަކެއް ދޭން ޖެހޭކަން ވެސް ފާހަގަކުރެއްވި އެވެ. އެކަމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާއިރު، ބައެއް މަސައްކަތްތައް މިހާރު ކުރަމުން ގެންދާ ކަަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ވޮކޭޝަނަލް ޓްރޭނިން ސެންޓަރު (ވީޓީސީ) ގެ ނަމުގައި މޯލްޑިވްސް ޕޮލިޓެކްނިކް އެންމެ ފުރަތަމަ ވުޖޫދުވީ 1975 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހު އެވެ. އޮކްޓޯބަރު 1996 ގައި ވީޓީސީ ވަނީ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނިކަލް އެޑިއުކޭޝަން (މައިޓް) ގެ ނަމަށް ބަދަލުކޮށްފަ އެވެ. އެއަށްފަހު 1999 ވަނަ އަހަރު މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަނުގެ ދަށުން ފެކަލްޓީ އޮފް އިންޖިނިއަރިން ޓެކްނޮލޮޖީ (އެފްއީޓީ) ގެ ދަށަށް މައިޓް ބަދަލުކުރި އެވެ. އޭރު މައިޓްގައި މައިގަނޑުކޮށް ކިޔަވައިދީފައި ވަނީ އިންޖިނިއަރިން ދާއިރާ އާ ގުޅުންހުރި އަސާސީ ކޯސްތަކެވެ.

މައިޓްގެ ނަން މޯލްޑިވްސް ޕޮލިޓެކްނިކަށް ބަދަލުކޮށްފައި ވަނީ 2010 ވަނަ އަހަރުގެ އެޕްރީލް މަހުގެ 12 ވަނަ ދުވަހު އެވެ. އެ އާއެކު، މޯލްޑިވްސް ޕޮލިޓެކްނިކްގައި ތަފާތު އެކި ދާއިރާތަކުން ލެވެލް ތިނަކުން ފެށިގެން އެޑްވާންސްޑް ޑިޕްލޮމާ އާ ހަމައަށް ވޮކޭޝަނަލް ކޯސްތަކުން ތަމްރީން ދޭން ވަނީ ފަށާފަ އެވެ.

Ads by HDC