އޮޅުވާލައިގެން ފަގީރުންގެ ދަފުތަރުގައި ޖެހިފައިވާ ނަމަ ހައްޖުގެ ފުރުސަތު ގެއްލޭނެ: ޝަހީމް

ސަރުކާރުގެ ހަރަދުގައި ހައްޖަަށް ދާން ފަގީރުންގެ ދަފުތަރުން ހޮވޭ ފަރާތްތައް ހައްޖަށް ފޮނުވާނީ އިތުރަށް އެމީހުންގެ ހާލަތު ބެލުމަށް ފަހުގައި ކަމަށާއި އޮޅުވާލައިގެން މައުލޫމާތު ދީގެން ދަފުތަރުގައި ޖެހިފައިވާކަން ސާބިތުވެއްޖެ ނަމަ ހައްޖުގެ ފުރުސަތު ގެއްލޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މި ދައުރުގެ ތެރޭގައި ސަރުކާރުގެ ހަރަދުގައި 1،000 ފަގީރުން ހިލޭ ހައްޖަށް ފޮނުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން މި އަހަރު ހައްޖަށް ފޮނުވުމަށް ހަމަޖެހިފައިވާ 50 މީހުން ކަނޑައެޅުމަށް ގުރުއަތުލުން ނަގާފައި ވަނީ މިދިޔަ އަންގާރަ ދުވަހު އެވެ.
އިސްލާމިކް މިނިސްޓްރީން ބުނެފައި ވަނީ ފަގީރުންގެ ދަފުތަރުގެ ތެރެއިން ހިލޭ ހައްޖަށް މީހުން ފޮނުވުމާ ގުޅޭ އުސޫލުގެ ދަށުން ޝަރުތު ހަމަވާ 302 މީހުންގެ މެދުގައި ނެގުނު ގުރުއަތުން ހައްޖަށް ފޮނުވާނެ 50 މީހުން ހޮވާފައިވާ ކަމަށެވެ.
އޭގެ އިތުރުން އެއްވެސް ސަބަބަކާ ހުރެ ހައްޖު ދަތުރުގައި ބައިވެރިނުވެވޭ ހާލަތެއް ގުރުއަތުން ހޮވޭ ފަރާތަކަށް މެދުވެރިވެއްޖެ ނަމަ، އެ މީހުންގެ ބަދަލުގައި ފޮނުވާނެ 10 މީހުން ވެސް ވަނީ ގުރުއަތުން ހޮވާފަ އެވެ.
ދައުލަތުގެ ހަރަދުގައި ހައްޖަށް ދާނެ މީހުން ކަނޑައެޅުމަށް ގުރުއަތު ނަގާފައި ވަނީ ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ފަގީރުންގެ ދަފުތަރަށް ބަލައިގެންނެވެ. މި ދަފުތަރަކީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ޒަކާތު ހައުސްއިން ރިވިއުކޮށްފައިވާ ދަފުތަރެކެވެ.
އިސްލާމިކް މިނިސްޓަރު މިއަދު ވިދާޅުވީ ސަރުކާރުގެ ހަރަދުގައި ހައްޖަަށް ދާން ފަގީރުންގެ ދަފުތަރުން ހޮވޭ ފަރާތްތައް ހައްޖަށް ފޮނުވާނީ އިތުރަށް އެމީހުންގެ ހާލަތު ބަލައި، ފަގީރުންގެ ޝަރުތައް ފެތޭކަން ކަށަވަރު ކޮށްފައި ކަމަށެވެ.
"މިގޮތުން އެއާ ހިލާފަށް އޮޅުވާލައިގެން މައުލޫމާތު ދީގެން ދަފުތަރުގައި ޖެހިފައިވާކަން ސާބިތުވެއްޖެ ނަމަ ހައްޖުގެ ފުރުސަތު ގެއްލޭނެ،" ޝަހީމް ވިދާޅުވި އެވެ.
ރިޔާސީ ފުރަތަމަ ދައުރުގައި 1،000 ފަގީރުން ހައްޖަށް ފޮނުވާނެކަން ރައީސް އިއުލާނުކުރެއްވީ 2023 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 18 ވަނަ ދުވަހުގެ ރޭ، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ކެމްޕޭނުގައި، މ. މުލަކު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
އެ ވައުދުފުޅާ އެއްގޮތަށް މިދިޔަ އަހަރުގެ ހައްޖު މޫސުމުގައި ދައުލަތުގެ ހަރަދުގައި 50 ފަގީރުން ވަނީ ހައްޖަށް ފޮނުވާފަ އެވެ.