ޚަބަރު

18 ސްކޫލެއްގެ ނުނިމި ހުރި މަސައްކަތް ކުރަން ތިން ކުންފުންޏަކަށް

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
އެމްޓީސީސީ އާ ހަވާލުކޮށްފައި ވަނީ 4 ރަށެއްގެ ސްކޫލުތަކުގައި ނުނިމި ހުރި މަސައްކަތްތައް ކުރުމަށް / ފޮޓޯ:އެޑިއުކޭޝަން މިނިސްޓްރީ

ރާއްޖޭގެ 18 ރަށެއްގެ ސްކޫލުތަކުގައި ނުނިމި ހުރި މަސައްކަތްތައް ކުރުމަށް ސަރުކާރު ހިއްސާވާ ތިން ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

Ads by STELCO

އެޑިއުކޭޝަން މިނިސްޓްރީގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ މަސައްކަތް ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ފެނަކަ ކޯޕަރޭޝަން އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ އެވެ.

އެމްޓީސީސީ އާ ހަވާލުކުރީ ހއ. އުލިގަމު، ރ. އުނގޫފާރު، ކ. މާފުށި އަދި ވ. ފުލިދޫ ސްކޫލުގެ ނުނިމިހުރި މަސައްކަތްތައް ނިންމުމަށެވެ. އެ މަސައްކަތްތައް ހަވާލުކުރުމުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އިސްމާއީލް ޝަފީއު އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައުދީ އެވެ.

ފެނަކަ އާ ވަނީ 12 ސްކޫލެއްގެ މަސައްކަތް ނިންމަން ހަވާލުކޮށްފަ އެވެ. އެއީ ތ. ވޭމަންޑޫ، ގއ. ކަނޑުހުޅުދޫ، ހދ. ވައިކަރަދޫ، ތ. އޮމަދޫ، ލ. ކުނަހަންދޫ، ށ. ފީވަށް، ށ. ގޮއިދޫ، ފ. ބިލެއްދޫ، ގއ. ކޮނޑޭ، ފ. ފީއަލި، ބ. ގޮއިދޫގެ އިތުރުން ބ. ފުޅަދޫގެ ސްކޫލުގެ މަސައްކަތެވެ. އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވާފައި ވަނީ މިނިސްޓަރު އިސްމާއީލް ޝަފީއު އެވެ. ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު އެވެ.

އިތުރު ދެ ރަށެއްގެ ސްކޫލުގެ މަސައްކަތް ނިންމުމަށް އާރުޑީސީ ވަނީ ހަވާލުކޮށްފަ އެވެ. ހއ. ފިއްލަދޫ އަދި ރ. ހުޅުދުއްފާރު ސްކޫލުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އިސްމާއީލް ޝަފީއު އެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހެއިރު އެވެ.

ސްކޫލުތަކުގައި ނުނިމި ހުރި މަސައްކަތްތައް ކުރަން ހަވާލުކުރިއިރު، ނުވަ ރަށެއްގައި އަލަށް އިމާރާތްކުރާ ހޮސްޕިޓަލާއި ސިއްހީ މަރުކަޒުތަކުގެ މަސައްކަތް ކުރުމަށް އެ ކުންފުނިތަކާ ވަނީ ހަވާލުކޮށްފަ އެވެ.

އޭގެ އިތުރުން 75 ރަށެއްގައި ކުންޏާއި ވަސީލަތްތައް މެނޭޖުކުރާ މަރުކަޒުތައް ގާއިމުކުރުމާއި ތަރައްގީ ކުރުމުގެ މަސައްކަތާ އަދި 75 ރަށެއްގައި ފުލުހުންގެ މަރުކަޒުތައް އެޅުމުގެ މަސައްކަތް ވެސް ވަނީ ހަވާލުކޮށްފަ އެވެ.

Ads by Allied Insurance