3 ނޮވެމްބަރުގައި ޝަހީދުވި ސިފައިންގެ އާއިލާތަކުގެ ކޮންމެ މީހަކަށް މަހަކު 9،000ރ ދެނީ

ނޮވެމްބަރު 3، 1988 ގެ އުދުވާނީ ހަމަލާގައި ޝަހީދުވި ސިފައިންގެ އާއިލާތަކުގެ ކޮންމެ މީހަކަށް މަހަކު 9،000 ރުފިޔާގެ އިނާޔަތެއް ދިނުމަށް ސަރުކާރުން ނިންމައިފި އެވެ.
ޑިފެންސް މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އިނާޔަތް ދިނުމަށް ނިންމާފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ގައުމާއި ދިވެހި ރައްޔިތުންގެ ހައްގުގައި އެ ފަރާތްތަކުން ވެވަޑައިގަންނަވާފައިވާ ގުރުބާނީ އާއި ކުރައްވާފައިވާ މަތިވެރި ޖިހާދުގެ އަގުވަޒަން ކުރުމުގެ ގޮތުން ކަމަށެވެ. އެގޮތުން ޝަހީދުންގެ އާއިލާތަކަށާއި އާދަޔާހިލާފު ހިތްވަރާއި ސާބިތުކަން އެ ދުވަހު ދައްކުވައިދީފައިވާ ސިފައިންގެ ތެރެއިން ދުނިޔޭގައި ތިއްބެވި ފަރާތްތަކަށް އިނާޔަތް ދިނުމުގެ އުސޫލު ގެޒެޓުކޮށްފައިވާ ކަމަށެވެ.
އެ އުސޫލުގައިވާ ގޮތުން ނޮވެމްބަރު 3 ގައި ޝަހީދުވި ސިފައިންގެ އާއިލާގެ މެމްބަރުންގެ ތެރެއިން މައިންބަފައިންނާއި ހުވަފަތް އަނބިންނާ އަދި ދަރިންގެ ތެރެއިން ކޮންމެ މީހަކަށް މަހަކު 9،000 ރުފިޔާގެ އިނާޔަތެއް ލިބޭނެ އެވެ.
އުދުވާނީ ހަމަލާގައި އަމިއްލަ ހަށިގަނޑާއި ފުރާނައަށް ބެލުމެއް ނެތި ދެއްކި ހިތްވަރަށް ހުރަވީ ރަން މެޑަލް ދީފައިވާ ފަރާތްތަކަށް މަހަކު 9،000 ރުފިޔާ ލިބޭނެ އެވެ. ހުރަވީ ރިހި މެޑަލް ލިބިފައިވާ ފަރާތްތަކަށް މަހަކު 8،000 ރުފިޔާ އަދި ހިތްވަރުގަދަ ކަމުގެ ކުލަ ލިބިފައިވާ ފަރާތްތަކަށް މަހަކު 6،000 ރުފިޔާގެ އިނާޔަތެއް ލިބޭނެ އެވެ.
އިނާޔަތް ދޭނީ އެ ފަރާތެއް ދުނިޔޭގައި ދެމިހުރި ދުވަސްތަކަށް ކަމަށާއި އިނާޔަތް ލިބެމުންދާ ފަރާތެއް މަރުވެއްޖެ ނަމަ، އިނާޔަތް ދިނުން ހުއްޓުމަކަށް އަންނާނެ ކަމަށް އުސޫލުގައިވެ އެވެ. އަދި އިނާޔަތް ލިބޭ ފަރާތެއް މަރުވެއްޖެ ނަމަ، އާއިލާގެ ފަރާތުން އެކަން އެއް މަސް ދުވަހުގެ ތެރޭގައި ޑިފެންސް މިނިސްޓްރީއަށް އަންގަންވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި މި އުސޫލުގެ ތެރެއިން ދެމެހެއްޓެނިވި ގޮތެއްގައި އިނާޔަތް ދިނުމަށް ސަރުކާރުން ހަމަޖައްސާފައިވާއިރު، މިއަދުން ފެށިގެން އިނާޔަތް ލިބޭނެ ކަމުގަ އެވެ.
ނޮވެމްބަރު 3، 1988 ގެ އުދުވާނީ ހަމަލާގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދިފާއުކޮށް، އާދަޔާ ހިލާފު ހިތްވަރު ދައްކުވައިދިން ގައުމީ ބަތަލުން ކުރެއްވި ހިދުމަތުގެ އަގުވަޒަން ކުރުމަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކޮށް ރައްކާތެރި ކުރުމަށާ އަދި ގައުމީ ލޯތްބާއި ދިވެހި ގައުމިއްޔަތު ދިރުވާއާލާކުރުމަށް ރައީސް ހާއްސަ އިސްކަމެއްދެއްވާ ކަމެއް ކަމުގައި ވެސް ޑިފެންސް މިނިސްޓްރީގެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.
