ޚަބަރު ސިޔާސީ

ފްލެޓުގެ ހައްގުވެރިންގެ އަތުން އެ ތަންތަން ނިގުޅައިގަންނަނީ އިޒްރޭލުން އަމަލުކުރާ އުސޫލުން: ޝާހިދު

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު / ފޮޓޯ؛ދެން

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފަހުކޮޅު "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ދޫކުރި 4،000 ފްލެޓުގެ ހައްގުވެރިން ކަމަށް އެ ސަރުކާރުން ކަނޑައެޅި މީހުންގެ އަތުން އެ ތަންތަން ނިގުޅައިގަތުމަށް މި ސަރުކާރުން މަސައްކަތް ކުރަނީ އިޒްރޭލުގެ ސަރުކާރުން ފަލަސްތީނުގެ ރައްޔިތުންނާ މެދު އަމަލު ކުރަމުންދާ ގޮތަށް ކަމުގައި އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސް އަބްދުﷲ ޝާހިދު ސިފަކުރައްވައިފި އެވެ.

Ads by MPL

އެމްޑީޕީ ސަރުކާރުން އެކުލަވާލި 4،939 މީހުންގެ ލިސްޓު ރިވިއު ކުރުމަށް ފަހު މި ސަރުކާރުން އާންމުކޮށްފައި ވަނީ މިދިޔަ މަހުގެ ފަހުކޮޅު އެވެ. އެ ލިސްޓުގައި ފްލެޓަށް ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައި ވަނީ 1،820 މީހަކަށެވެ.

ސަރުކާރުން ބުނެފައި ވަނީ ވެރިފިކޭޝަން މަރުހަލާ ނިމުނުއިރު، 3 ކޮޓަރީގެ ލިސްޓުގައި ހިމެނޭ 3،721 ފަރާތުގެ ތެރެއިން ޝަރުތު ހަމަވެ، 75 ޕޮއިންޓަށް ވުރެން މަތިން ޕޮއިންޓް ލިބިފައި ވަނީ 1،423 ފަރާތަކަށް ކަމަށެވެ. ދެ ކޮޓަރީގެ ލިސްޓުގައި ހިމެނޭ 1،218 ފަރާތުގެ ތެރެއިން ޝަރުތު ހަމަވެ، 73 ޕޮއިންޓަށް ވުރެ މަތިން ޕޮއިންޓް ލިބިފައި ވަނީ 397 ފަރާތަކަށް ކަމަށެވެ.

"އެކްސް" ގައި ރޭ ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ގާނޫނު އަސާސީގެ 40 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުން މީހުންގެ މުދަލަކީ ނިގުޅައި ގަނެވޭނެ އެއްޗެއް ނޫން ކަމަށެވެ. އެކަން ކުރެވޭނީ އާންމުވެގެންވާ ފައިދާއަކަށް ޓަކައި އެކަން ކުރަން ޖެހިއްޖެ ހާލަތެއްގައި އެކަނި ކަމަށެވެ.

މީހެއްގެ މުދާ ނެގުން ލާޒިމުކުރާ ހާލަތެއްގައި އެކަން ކުރެވޭނީ ގާނޫނުގައި ކަނޑައެޅިފައިވާ ގޮތެއްގެ މަތިން ކޯޓުގެ ހުކުމަކުން އަދުލުވެރި ބަދަލެއް ދިނުމަށް ފަހުގައި ކަމުގައި ކަން ފާހަގަކުރެއްވި އެވެ.

އެމްޑީޕީގެ ރައީސް ވިދާޅުވި ގޮތުގައި 4،000 ފްލެޓުގެ ހައްގުވެރިން ސަރުކާރުން ވަނީ ކަނޑައަޅާފައި ކަމުގަ އެވެ. އެ ފްލެޓުތައް ލިބުނު 4،000 ރައްޔިތުންގެ ހައްގު ގާނޫނު އަސާސީން ކަށަވަރުކޮށްދީފައި ވުމާ އެކު އެ އެ މީހުންގެ ކިބައިން އެ ހައްގު ނިގުޅައިނުގަނެވޭނެ ކަމުގަ އެވެ.

"އަޅުގަނޑުމެންނަށް މިހާރު ފެނިގެން މި ދަނީ އިޒްރޭލުން އަމަލުކުރާ ގޮތަށް. އިޒްރޭލުގެ ސަރުކާރުން އަމަލުކުރަމުން ގެންދާ ގޮތަށް. އަޅުގަނޑުމެންގެ ރައްޔިތުންގެ، 4،000 މީހުންގެ ހައްގުތައް، އެ މީހުންގެ ބޯހިޔާވަހިކަން، އެ މީހުންގެ ގެދޮރު ނިގުޅައިގަންނަ ތަން،" ޝާހިދު ވިދާޅުވި އެވެ.

މި ސަރުކާރުން އެތައް ރައްޔިތުންގެ ފްލެޓް ނިގުޅައިގެންފައި ވަނީ ރޯދަ މަހަށް ހަނދު ބެލި ރޭ އިޒްރޭލުގެ ސަރުކާރުން ފަލަސްތީނުގެ ރައްޔިތުންނާ ދޭތެރޭ އަމަލުކުރި ގޮތަށް ކަމުގައި ސިފަކުރެއްވި އެވެ.

"އަޅުގަނޑުމެންގެ މިއަދުގެ ސަރުކާރަކީ އިޒްރޭލުގެ ސަރުކާރެކޭ އެއްވަރަށް އަނިޔާވެރި ސަރުކާރެއް ކަމަށް ފެންނަނީ. މި ބަރަކާތްތެރި ރޯދަ މަހު ރައްޔިތުންގެ ބޯހިޔާވަހިކަން އެ ނިގުޅައިގެންފައި ވަނީ،" ޝާހިދު ވިދާޅުވި އެވެ.

އެމްޑީޕީ ވެރިކަމުގެ ފޮރިން މިނިސްޓަރު ވަނީ އާންމުންގެ އެތައް ބަޔަކަށް ލިބުނު ބޯހިޔާވަހިކަމުގެ ހައްގުން މަހުރޫމުކޮށް، މަގުމަތިކޮށްފައި ވަނީ ބާރުގެ ބޭނުންކޮށްގެން ކަމުގައި ވިދާޅުވެފަ އެވެ. އެ އާއެކު ޝާހިދު ވަނީ ގާނޫނު އަސާސީގެ އިމުގެ ތެރެއަށް ސަރުކާރުން ވަނުމަށް ގޮވާލައްވާފަ އެވެ.

އާންމުކުރި ފްލެޓު ލިބޭ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލީ މި މަހުގެ ނިޔަލަށެވެ. އެހެންނަމަވެސް ރޯދައިގެ ފަހު ދިހަ އާއި އީދު ބަންދާ އެކު ދެ ހަފުތާއަށް ސަރުކާރު ބަންދުވާތީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް އިތުރު 15 ދުވަސް މިހާރު ވަނީ ދީފަ އެވެ. އިތުރުކުރި މުއްދަތާ އެކު އެޕްރީލް މަހުގެ 15 ވަނަ ދުވަހަށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮންނާނެ އެވެ.

Ads by Allied Insurance