އިގުތިސޯދީ ސިޔާސަތެއްގެ ދަށުން ހިންގާ މަޝްރޫއުތަކަށް ފައިސާ ހޯދުމަށް ހުޅުވާލައިފި

ދައުލަތުގެ އާންމު މަންފާއަށް ހާސިލުކުރަން ބޭނުންވާ އިގުތިސޯދީ ސިޔާސަތެއްގެ ދަށުން ހިންގާނެ މުހިންމު މަޝްރޫއުތައް ކަނޑައެޅުމަށް އެކަށައަޅުއްވާފައިވާ ގަރާރު އިސްލާހު ކުރައްވައި މަޝްރޫއުތަކަށް ފައިސާ ހޯދުމަށް ހުޅުވާލައިފި އެވެ.
މި ގަރާރަކީ ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނުގެ ދަށުން ދައުލަތުގެ އާންމު މަންފާއަކަށް ޓަކައި ހާސިލުކުރަން ބޭނުންވާ އިގުތިސޯދީ ސިޔާސަތެއް ނުވަތަ އިޖުތިމާއީ ސިޔާސަތެއްގެ ދަށުން ހިންގުމަށް ސަރުކާރުން ކަނޑައަޅާ މުހިންމު މަޝްރޫއުތަކާއި އެ މަޝްރޫއު ހަވާލުކުރެވޭ ފަރާތުން އެންމެ މަދުވެގެން ކުރަން ޖެހޭ އިންވެސްޓްމަންޓުގެ އަދަދުތައް ކަނޑައަޅުއްވައި އާންމުކުރައްވަމުން އަންނަ ގަރާރެކެވެ.
އެ ސިޔާސަތުގެ ދަށުން ނެރެފައިވާ ގަރާރު އެންމެފަހުން އިސްލާހު ކުރައްވާފައި ވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ 27 ވަނަ ދުވަހު އެވެ. އެފަހަރު ފައިސާ ހޯދުމަށް އިއުލާނުކުރައްވާފައި ވަނީ ޖުމްލަ 13 މަޝްރޫއަކަށެވެ.
ކުރިން އާންމުކޮށްފައިވާ ގޮތަށް ބަދަލުތައް ގެންނަން ފެނިވަޑައިގަތުމުން ބަދަލު ގެންނަވައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އާންމުކުރެއްވި ގަރާރުގައި ވަނީ ސަރުކާރުން ކަނޑައަޅާފައިވާ 25 މަޝްރޫއަކާ އެ މަޝްރޫއުތައް ހިންގުމަށް ނިންމާފައިވާ ސަރަހައްދުތަކާ އަދި މަޝްރޫއުތަކަށް އެންމެ މަދުވެގެން ހަރަދުކުރަން ޖެހޭނެ މިންވަރު ބަޔާންކުރައްވާފަ އެވެ.
އެއާޕޯޓުތައް ތަރައްގީކުރުމުގެ އިތުރުން ފަތުރުވެރިކަން ކުރިއެރުވުމުގެ މަޝްރޫއުތައް
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެއާޕޯޓުތައް ތަރައްގީކުރުމަށް ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ތެރެއިން ހއ. ދިއްދޫ، ހދ. މަކުނުދޫ، ށ. ކޮމަންޑޫ، ށ. މިލަންދޫ، ށ. ބިލެތްފަހި، ރ. ފައިނު، ރ. އަލިފުށި، ބ. ތުޅާދޫ، އއ. މަތިވެރި، މ. މުލި، ފ. ނިލަންދޫ، ތ. ގުރައިދޫ، ތ. ވިލުފުށި އަދި ގއ. ވިލިނގިލީގައި އެއާޕޯޓު އެޅުމަށް ފައިސާ ހޯދުމަށް ވަނީ ހިމަނުއްވާފަ އެވެ. އެ މަޝްރޫތަކަށް އެންމެ ކުޑަ އަގެއްގެ ގޮތުގައި ހަމަޖައްސަވާފައި ވަނީ 5 މިލިއަން ޑޮލަރު (77.1 މިލިއަން ރުފިޔާ) އެވެ.
އެ އެއާޕޯޓުތަކުގެ އިތުރުން ގއ. އަތޮޅާއި ލ. އަތޮޅުގައި އިތުރު ދެ އެއާޕޯޓެއް ތަރައްގީކުރުމަށް ރައީސް ވަނީ ނިންމަވާފަ އެވެ. ގއ. އަތޮޅުގައި އަޅާ ދެ އެއާޕޯޓުގެ ތެރެއިން އެއް އެއާޕޯޓަކީ ވިލިނގިލީގައި އަޅާ އެއާޕޯޓެވެ. ވިލިނގިލީގައި އިންޓަނޭޝަނަލް އެއާޕޯޓެއް އެޅުމަށް ކުރީގެ ގަރާރުގައި އޮތް ނަމަވެސް މިފަހަރު އެ ރަށުގައި އަޅަން ފައިސާ ހޯދަނީ ޑޮމެސްޓިކް އެއާޕޯޓަކަށެވެ. އެ އަތޮޅުގައި ދެ ވަނަ އެއާޕޯޓު އަޅާނެ ރަށެއް ފާހަގަކުރައްވާފައެއް ނުވެ އެވެ.
ލ. އަތޮޅުގެ ކައްދޫ އެއާޕޯޓު އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ތަރައްގީކުރުުމަށް ނިންމަވާފައިވާއިރު، އެ އަތޮޅުގައި ދެން އެއާޕޯޓު އަޅަނީ ފޮނަދޫގަ އެވެ. އެއިން ކޮންމެ މަޝްރޫއަކަށް ހަރަދުކުރަން ޖެހޭ އެންމެ ދަށް މިންވަރު ކަމަށް ކަނޑައަޅުއްވާފައި ވަނީ 5 މިލިއަން ޑޮލަރު (77.1 މިލިއަން ރުފިޔާ) އެވެ.
އެ ހަތަރު އެއާޕޯޓާ އެކު ގދ. އަތޮޅުގައި އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީކުރަން ވެސް ގަރާރުގައި ވަނީ ހިމަނުއްވާފަ އެވެ. އެ މަޝްރޫއަށް އެންމެ ކުޑަ އަގުގެ ގޮތުގައި ކަނޑައަޅުއްވާފައި ވަނީ 7 މިލިއަން ރުފިޔާ (107.9 މިލިއަން ރުފިޔާ) އެވެ.
މިދިޔަ އަހަރުގެ މާޗު މަހު ނެރުއްވި ގަރާރުގައި އެއާޕޯޓު އެޅުމަށް ނިންމައި ފައިސާ ހޯދުމަށް ހިމަނުއްވާފައި ރަށްތަކުގެ ތެރެއިން މިފަހަރުގެ ގަރާރުގައި ށ. ދިގުވެއްޔާއި ނ. ވިހަފަރު އަދި ގއ. މާޅެންދޫ ނުހިމެނެ އެވެ. އޭގެ ތެރެއިން މާޅެންދޫގެ ނަން ނެތް ނަމަވެސް ވިލިގިނލީގެ އިތުރުން ގއ. އަތޮޅުގައި އިތުރު އެއާޕޯޓެއް އެޅުމަށް ވަނީ ނިންމަވާފަ އެވެ.
އެ ތިން ރަށުގެ އިތުރުން އެ ގަރާރުގައި ވަކިވަކިން ފައިސާ ހޯދައިގެން ތަރައްގީކުރަން ހިމެނުއްވި ހދ. ކުޅުދުއްފުށި، ށ. ފުނަދޫ، ބ. ދަރަވަންދޫ، ގދ. ތިނަދޫ އަދި ގދ. މާވަރުލު އެއާޕޯޓުގެ ނަމެއް ނެތެވެ. އޭގެތެރެއިން ތިނަދޫގައި ތަރައްގީކުރަން ނިންމަވައި ފައިސާ ހޯދަން އިއުލާނުކުރެއްވީ އިންޓަނޭޝަނަލް އެއާޕޯޓަކަށެވެ.
މިއަދު ނެރުއްވި ގަރާރުގައި ފަތުރުވެރިކަމުގެ ދާއިރާއިން ލ. ގަމާއި އައްޑޫ ސިޓީގައި އައްސޭރި ޓޫރިޒަމް މަޝްރޫއު ކުރިއަށް ގެންދެވުމަށް ވަނީ ހިމަނުއްވާފަ އެވެ. އެ ދެ މަޝްރޫއަށް ހަރަދުކުރަން ޖެހޭ އެންމެ ދަށް މިންވަރު ކަމަށް ކަނޑައަޅުއްވާފައި ވަނީ 4 މިލިއަން ޑޮލަރު (61.6 މިލިއަން ރުފިޔާ) އެވެ.
އެންމެފަހުން ނެރުއްވި ގަރާރުގައި ވެސް އެ ދެ މަޝްރޫއު ހިމަނުއްވާފައިވެ އެވެ. އޭރު ގަން މަޝްރޫއަށް ކަނޑައަޅުއްވާފައި ވަނީ 7 މިލިއަން ރުފިޔާ (107.9 މިލިއަން ރުފިޔާ) އެވެ. އަދި އައްޑޫ ސިޓީގެ މަޝްރޫއަށް 10 މިލިއަން ރުފިޔާ (154.2 މިލިއަން ރުފިޔާ) އެވެ.
ހޯޕްއައިލެންޑާއި ސެންޓްރަލް ޕްރިޒަންއެއް އަދި މިނިވަންކަން ހިމާޔަތްކުރަން މަޝްރޫއެއް
ކުށަށް އަރައިގަތުމުގެ ނުރައްކަލުގައިވާ ކުދިންނަށް ބޭނުންވާ ފަރުވާ ފޯރުކޮށްދިނުމަށާއި އިސްލާހީ އަދި ރީހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމަށް ގާއިމުކުރަން ހަމަޖެހިފައިވާ "އުންމީދު/ހޯޕް އައިލެންޑް" މަޝްރޫއަށް ބޭނުންވާ 15 ހެކްޓަރުގެ ބިން ކ. ގިރާވަރު އުތުރުފަޅު (އުތުރު ތިލަފަޅު) ހިއްކައި، އެ ބިމުގައި ހޯޕް އައިލެންޑް ތަރައްގީކުރުމަށް ވަނީ ހިމަނުއްވާފަ އެވެ. އެންމެ ކުޑަ އަގުގެ ގޮތުގައި ބިން ހިއްކުމުގެ މަޝްރޫއަށް 10 މިލިއަން ޑޮލަރު (154.2 މިލިއަން ރުފިޔާ) އަދި ހޯޕް އައިލެންޑް ތަރައްގީކުރަން 15 މިލިއަން ޑޮލަރު (231.3 މިލިއަން ރުފިޔާ) ވަނީ ކަނޑައަޅުއްވާފަ އެވެ.
ހަމަ އެ ފަޅުން، "ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސް" މަޝްރޫއަށް ބޭނުންވާ 30 ހެކްޓަރުގެ ބިން ހިއްކައި، "ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސް" ތަރައްގީކުރުމަށް ވެސް ވަނީ ނިންމަވާފަ އެވެ. ވަކިވަކިން ކުރިއަށް ގެންދެވުމަށް ކަނޑައަޅުއްވާފައިވާ އެ ދެ މަޝްރޫއަށް އެންމެ ކުޑަ އަގެއްގެ ގޮތުގައި ހަމަޖައްސަވާފައި ވަނީ 15 މިލިއަން ޑޮލަރު (231.3 މިލިއަން ރުފިޔާ) އެވެ.
އިގުތިސޯދީ ސިޔާސަތެއްގެ ދަށުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ހިމާޔަތްކޮށް ރައްކާތެރި ކުރުމަށާއި ގައުމުގެ ސުލްހަމަސަލަސްކަން ދެމެހެއްޓުމަށް ރޭވިފައިވާ މަޝްރޫއުތައް ހިންގުމަށް ނިންމަވާފައިވެ އެވެ. މުޅި ރާއްޖެ ހިމެނޭ ގޮތަށް ކުރިއަށް ގެންދާ އެ މަޝްރޫތަކަށް ހަރަދު ކުރަން ޖެހޭ އެންމެ ދަށް މިންވަރެއް ކަމަށް ކަނޑައަޅުއްވާފައި ވަނީ 15 މިލިއަން ޑޮލަރު (231.3 މިލިއަން ރުފިޔާ) އެވެ.
ބޯހިޔާވަހިކަމާއި މަގު ހެދުމާ އަދި ޔުޓިލިޓީ ހިދުމަތްތައް މުޅި ރާއްޖެއަށް
ގަރާރުގައި ވަނީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން މުޅި ރާއްޖޭގައި ސޯޝަލް ހައުސިން މަޝްރޫއުތައް ހިންގުމަށާ އަދި ރަސްމާލެ، ގުޅީފަޅު، ގިރާވަރުފަޅުގެ އިތުރުން އުތުރު ތިލަފަޅުން ބިން ހިއްކުމަށް ހިމަނުއްވާފަ އެވެ. އެއިން ކޮންމެ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް އެންމެ ދަށް މިންވަރުގެ ގޮތުގައި 5 މިލިއަން ޑޮލަރު (77.1 މިލިއަން ރުފިޔާ) ވަނީ ކަނޑައަޅުއްވާފަ އެވެ.
އޭގެ އިތުރުން ބިން ހިއްކާފައިވާ ރަށްރަށުގައި މަގު ހެދުމަށާއި ޔުޓިލިޓީ ހިދުމަތްތައް ގާއިމުކުރުމަށް ވަނީ ކަނޑައަޅުއްވާފަ އެވެ. މުޅި ރާއްޖެ ހިމެނޭހެން ކުރިއަށް ގެންދާ މަޝްރޫއުތަކަށް ހަރަދު ކުރަން ޖެހޭ އެންމެ ކުޑަ އަގެއް ކަމުގައި ކަނޑައަޅުއްވާފައި ވަނީ 5 މިލިއަން ޑޮލަރު (77.1 މިލިއަން ރުފިޔާ) އެވެ.
ކޯޒްވޭ ލިންކުތަކުން ރަށްތައް ގުޅާލުމާ އަދި ހައިޕާފޯމަންސް ސެންޓަރުތައް ގާއިމުކުރުން
ކޯޒްވޭ ލިންކުތަކެއް އަޅައި ދިހަ ރަށެއް ގުޅާލުމަށް ހިންގަން ނިންމާފައިވާ މަޝްރޫއުތަކަށް ފައިސާ ހޯދުމަށް ރައީސްގެ ގަރާރުގައި ނިންމަވާފައިވެ އެވެ. އެއީ:
- ތ. ވޭމަންޑޫ އާއި ކިނބިދޫ ގުޅާލުން
- ތ. ދިޔަމިގިއްޔާއި މަޑިފުށި ގުޅާލުން
- ލ. ހިތަދޫ އާއި ކުނަހަންދޫ ގުޅާލުން
- ލ. ކަލައިދޫ އާއި ދަނބިދޫ ގުޅައިލުން
- މ. މުއްޔާއި ނާލާފުށި ގުޅާލުން
މިއިން ކޮންމެ މަޝްރޫއަކަށް ހޭދަކުރަން ޖެހޭ އެންމެ ދަށް މިންވަރުގެ ގޮތުގައި ހަމަޖައްސަވާފައި ވަނީ 4 މިލިއަން ޑޮލަރު (61.6 މިލިއަން ރުފިޔާ) އެވެ.
މި މަޝްރޫއުތަކުގެ އިތުރުން މުޅި ރާއްޖޭގައި ހައިޕާފޯމަންސް ސެންޓަރުތައް ގާއިމުކުރަން ހިންގާ މަޝްރޫއު ވެސް ވަނީ ހިމަނުއްވާފަ އެވެ. އެ މަޝްރޫއަށް ހަރަދު ކުރަން ޖެހޭ އެންމެ ކުޑަ އަގެއް ކަމުގައި ކަނޑައަޅުއްވާފައި ވަނީ 20 މިލިއަން ޑޮލަރު (308.4 މިލިއަން ރުފިޔާ) އެވެ.
