ޚަބަރު ސަރުކާރު

ހުޅަނގު އައްސޭރީގައި އިޒްރޭލުގެ އާބާދީތައް އިތުރުކުރަން އަޅާ ފިޔަވަޅުތައް ރާއްޖޭން ކުށްވެރިކޮށްފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ފޮރިން މިނިސްޓްރީ ހިންގާ ފަތުހުﷲ ޖަމީލް ބިލްޑިން / ފޮޓޯ:ދެން އިމޭޖްސް

ގާޒާއިން ފަލަސްތީނުގެ ރައްޔިތުން މަޖުބޫރުން ބޭރުކުރުމަށާ އަދި ހުޅަނގު އައްސޭރީގައިވާ 13 ގައިރުގާނޫނީ އާބާދީ ހިމެނޭ ސަރަހައްދު ވަކިކޮށް، އެ އާބާދީތަކަށް ގާނޫނީ ހައިސިއްޔަތު ދިނުމަށް ތައްޔާރުވުމުގެ ގޮތުން ރާވާފައިވާ ރޭވުންތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.

Ads by STELCO

ފަލަސްތީނުގެ ރައްޔިތުން ގާޒާއިން ބޭރުކުރުމަށާ އަދި ހުޅަނގު އައްސޭރީގައި އިޒްރޭލުގެ އާބާދީތައް އިތުރުކުރަން އެ ގައުމުން އަޅާ ފިޔަވަޅުތަކާ ގުޅިގެން ފޮރިން މިނިސްޓްރީން ރޭ ވަނީ ބަޔާނެއް ނެރެފަ އެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ ފަލަސްތީނުގެ ރައްޔިތުން މަޖުބޫރުން ގާޒާއިން ބޭރުކުރުމުގެ މަގުސަދުގައި އޭޖެންސީއެއް ގާއިމުކުރުމަށް އިޒްރޭލުގެ ސަރުކާރުން ކޮށްފައިވާ އިއުލާނާއި ހުޅަނގު އައްސޭރީގައިވާ 13 ގައިރުގާނޫނީ އާބާދީ ހިމެނޭ ސަރަހައްދު ވަކިކޮށް، އެ އާބާދީތަކަށް ގާނޫނީ ހައިސިއްޔަތު ދިނުމަށް ތައްޔާރުވުމުގެ ގޮތުން ރާވާފައިވާ ރޭވުންތައް ކުށްވެރިކޮށްފަ އެވެ.

ފަލަސްތީނުގެ ރައްޔިތުން އެ މީހުންގެ ބިމުން ނެރުމަށް ހިންގާ މިފަދަ އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނާއި އދ. ގެ ގަރާރުތައް، ހާއްސަކޮށް އދ. ގެ ސަލާމަތީ މަޖިލީހުގެ ގަރާރު 2334 އާ މުޅިން ހިލާފު އަމަލުތަކެއް ކަމުގައި ދިވެހި ސަރުކާރުން ގަބޫލުކުރާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އަދި މިފަދަ އަމަލުތަކަކީ ސުލްހައަށް ކުރެވޭ މަސައްކަތްތަކަށް ހުރަސްއެޅޭ އަދި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކާއި ކަރާމާތަށް ނުރައްކާވާފަދަ ކަންތައްތައްތަކެއް ކަމުގައި ފާހަގަކުރި އެވެ.

އެ މިނިސްޓްރީގެ ބަޔާނުގައި ބުނި ގޮތުގައި މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި، ސުލްހަވެރި ހައްލެއް ހޯދޭނީ 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައިއޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިކަންކުރާ ރަށް ކަމުގައި ކަނޑައަޅައި، ފަލަސްތީނަކީ މިނިވަން، މުސްތަގިއްލު އަދި އަމިއްލަ ސިޔާދަތީ ބާރުހިނގާ ދައުލަތެއްގެ ގޮތުގައި ގާއިމުކުރެވުމުން ކަމުގަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!