އީދު ފާހަގަކުރަން މާލޭގައި ބޮޑު ހަވީރެއް ބާއްވަނީ

މާލޭގައި "އީދު ހަވީރު 1446" ގެ ނަމުގައި ސަލާމަތީ ބާރުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތައް ގުޅިގެން ބޮޑު ހަވީރެއް ބޭއްވުމަށް ނިންމައިފި އެވެ.
އީދު ހަވީރަކީ ފިތުރު އީދުގެ އުފަލުގައި އާއިލާތައް އެކުވެރި މާހައުލެއްގައި ބައްދަލުވެ އީދު ސަލާންކޮށް، ހިތްހަމަޖެހޭ މާހައުލެއްގައި ވަގުތު ހޭދަކޮށްލުމުގެ ގޮތުން އީދު ދުވަހުގެ ހަވީރު މާލޭގައި ބާއްވާ ހާއްސަ ހަރަކާތެކެވެ.
އެމްއެންޑީއެފުން މިއަދު ބުނީ އީދު ހަވީރު އޮންނާނީ މާލެ ސަލްޓަންޕާކުން ފެށިގެން އިސްލާމީ މަރުކަޒު މައިދާނާއި ޖުމްހޫރީ މައިދާނާ އަދި ރަސްމީ ބޮޑު ފާލަމުގެ ސަރަހައްދު ހިމެނޭހެން އެކަމަށް ތައްޔާރުކުރެވިފައިވާ ބޮޑު ސަރަހައްދެއްގައި ކަމަށެވެ.
މުނިފޫހިފިލުވުމުގެ ތަފާތު އައިޓަމްތަކާ އަދި އީދު ހަދިޔާ ދިނުން ކުރިއަށްދާއިރު، އެ ސަރަހައްދުގައި އެ ހަވީރަށް ޒިޔާރަތްކުރާ އާއިލާތައް މަޑުކޮށްލައިގެން ތިބެވޭނެ ގޮތާއި އީދު އުފަލުގައި ބާއްވާ އެކި ކުޅިވަރުތަކުގައި ބައިވެރިވުމުގެ އިންތިޒާމު ހަމަޖެހިފައިވާނެ ކަމަށެވެ.
އީދު ހަވީރު ކުރިއަށްދާނީ ކުޑަކުދިން ގަޔާވާނެ ގިނަ ކަންކަން ހިމަނައިގެން ކަމަށް އެ ހިދުމަތުން ބުންޏެވެ. އޭގެ އިތުރުން އެކި ފަންނުވެރިންގެ ރީތި ހުށަހެޅުންތަކާ އަދި ކުޅިވަރު ކުޅުމާއި ހާއްސަ އެކި ފަރާތްތަކާ ބައްދަލުވުމުގެ ހަނދާނީ ވަގުތުކޮޅުތަކާ އެކުގައިކަން ފާހަގަކުރި އެވެ.
އީދު ހަވީރު ކުރިއަށްދާނީ ފިތުރު އީދު ދުވަހުގެ ހަވީރު 4 އިން 6 އަށެވެ. ހަވީރުގައި ކުދިބޮޑު އެންމެނަށް ބައިވެރިވުމުގެ ފުރުސަތު އޮންނާނެ އެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި ހަވީރުގައި ބައިވެރިވުމަށް ޒިޔާރަތްކުރާ އާއިލާތަކުން ސަލްޓަންޕާކުން ފެށިގެން ޖުމްހޫރީ މައިދާނާ ހަމައަށް އެކަމަށް ތައްޔާރުކުރެވިފައިވާ ސަރަހައްދަށް ވަނުމުގެ އިންތިޒާމު ހަމަޖެހިފައިވާނެ ކަމުގަ އެވެ.
މި ހަވީރަކީ ގައުމީ ދިފާއީ ބާރާއި ދިވެހި ފުލުހުންގެ ހިދުމަތާ އަދި ސަރުކާރު ހިއްސާވާ ކުންފުނިތައް ގުޅިގެން ބާއްވާ ހަވީރެކެވެ. އިދާރާތައް ގުޅިގެން މާލޭގައި މިފަދަ ހަވީރެއް އިންތިޒާމު ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ އިސްލާމީ މި މުހިންމު މުނާސަބާގެ އުފަލުގައި ވީހާ ގިނަ ދިވެހި އާއިލާތަކެއް އެއް ތަނަކުން ބައްދަލުވެ، އިޖުތިމާއީ ރޫހު އާލާކުރުން ކަމަށް އެމްއެންޑީއެފުން ފާހަގަކުރި އެވެ.
ކުޑަކުދިންނަށް އީދުގެ އުފާވެރިކަން ބޮޑަށް އިހުސާސްކޮށްދިނުމާ އެކު ޒަމާނުއްސުރެ ކޮންމެ އީދެއްގައި ދިވެހިންގެ މެދުގައި އޮތް އެއްބަޔަކު އަނެއް ބަޔަކާ ބައްދަލުވެ، ސަލާންގަލާންކޮށް، މުނިފޫހިފިލުވައި، ހަދިޔާ ބަދަލުކުރުން ފަދަ ރީތި އާދަތަކަށް ދިރުން ގެނެސްދިނުމަކީ ވެސް މިފަދަ ހަވީރެއް ބޭއްވުމުގެ ބޭނުމެއް ކަމަށް އެ ހިދުމަތުން ބުންޏެވެ.