ދުންފަތުގެ ތެރެއަށް ކުދިން ވަނުން ދުރުކުރަން "ޖެނެރޭޝަން ބޭން" އެއް ތައާރަފުކުރަނީ

ދިވެހި މުޖުތަމައު ދުންފަތާ ދުރުކުރުމަށް، ހާއްސަކޮށް ދުންފަތުގެ އިސްތިއުމާލު ކުރުމަށް އަލަށް ވަންނަ ކުދިން އެކަމުން ދުރުކުރުމަށް "ޖެނެރޭޝަން ބޭން" ގެ ގޮތުގައި ފިޔަވަޅުތަކެއް އެޅުއްވުމަށް ނިންމަވާފައިވާ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު އެކަން ހާމަކުރެއްވީ "ރައްޔިތުންނާ އެކު" މި ނަމުގައި ރައީސް އޮފީހުން މިއަދު ފެށި ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ދުންފަތުގެ އިސްތިއުމާލުކުރުން ކޮންޓްރޯލް ކުރުމަށް އަޅުއްވާފައިވާ ފިޔަވަޅުތަކާ އަދި ކުރިއަށްއޮތް ތަނުގައި އަޅުއްވާނެ ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވާފަ އެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުމާ ރައްޔިތުން ދުުރުކުރުމުގެ މަސައްކަތް ފެއްޓެވީ ވަރަށް މާތް މަގުސަދެއް ކަމުގައި ރައީސް ވިދާޅުވި އެވެ. އެއީ ދިރިއުޅުމުގެ ވައްޓަފާޅިއަށް އުދަނގުލެއްކޮށް، އަތުން ބޮޑު ހޭދައެއް ކުރުމަށް މަޖުބޫރުކުރަން އެޅުއްވި ފިޔަވަޅުތަކެއް ނޫން ކަމަށެވެ.
"އަޅުގަނޑަށް އިނގޭ ވަރަށް ބޮޑަށް ކަށީގައި ހިފާފައި. އެވަކި ދިވެހިންނެއް ނޫން. އާންމުކޮށް އިންސާނުންގެ އޮތް ބޮޑު ކަމެއް މިކަމަކީ،" ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވާން ބާރުއެޅުމުގެ ގޮތުން ވޭޕް މަނާކޮށް، ސިނގިރޭޓުގެ ޑިއުޓީ ބޮޑު ކުރެވިފައިވާކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެންމެ ފުރަތަމަ ނެންގެވީ ތަންކޮޅެއް ބޮޑު "ސްޓެޕް" އެއް ނަމަވެސް ކުރިއަށް އޮތް ތަނުގައި އަމަލު ކުރައްވާނީ "ސްޓެޕް ބައި ސްޓެޕް" ކަމުގަ އެވެ. އެގޮތުން "ޖެނެރޭޝަން ބޭން" ގެ ގޮތުގައި ފިޔަވަޅުތަކެއް އެޅުއްވުމަށް ނިންމާފައިވާކަން ހާމަކުރެއްވި އެވެ.
"ޖެނެރޭޝަން ބޭން އޭ މިކިޔާ ހާއްސަކޮށް ޒުވާން ކުދިންނަށް، އަލަށް ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ތެރެއަށް ވަންނަ ކުދިން އެކަމުން ދުރުކުރުމަށް ފިޔަވަޅުތަކެއް އަޅާނަން،" އެކަން ކުރަން ނިންމެވީ އަލަށް މިކަމުގެ ތެރެއަށް ވަންނަ ކުދިން، އެ ކުދިންގެ މުޅި ހަޔާތް އެކަމުން ދުރުކޮށް ސަލާމަތްވުމަށް ބާރުއެޅުއްވުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.
އެ މަސައްކަތް ކުރިއަށް އެބަދާ ކަމަށާއި ކަމާ ގުޅުންހުރި އިތުރު ތަފުސީލު ފަހުން ހިއްސާކުރައްވާނެ ކަމުގައި ފާހަގަކުރެއްވި އެވެ.
ޖެނެރޭޝަން ބޭން ފިޔަވަޅުތަކަކީ ދުނިޔޭގެ އެކި ގައުމުތަކުގައި އަޅަމުންދާ ދުންފަތުގެ އިސްތިއުމާލުކުރަން އަލަށް ވަންނަ ކުދިން އެކަމުން ދުރުކުރުމަށް އަޅާ ފިޔަވަޅުތަކެކެވެ.
މިއަދުގެ ޕޮޑްކާސްޓުގައި ރައީސް ވަނީ ސަރުކާރުގެ ވިސްނުމަކީ ދުޅަހެޔޮ ދިރިއުޅުމަކަށް ރައްޔިތުން ގެންދިއުން ކަމުގައި ފާހަގަކުރައްވާފަ އެވެ. އެކަމަށް އިޝާރާތްކުރައްވާ އެމަނިކުފާނު ވަނީ ތަރުކާރީ އާއި މޭވާގެ ބާވަތްތައް އަތްފޯރާފަށަށް ތިރިކުރުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމުގައި ވިދާޅުވެފަ އެވެ.