ޚަބަރު ސަރުކާރު

ތެލެސީމިއާ ސެންޓަރުގެ މަސައްކަތް އެއް މަސް ތެރޭ ނިންމަން ސިފައިންނާ ހަވާލުކޮށްފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ރައީސް މުއިއްޒު ފެއްޓެވި "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަނީ / ފޮޓޯ:ރައީސް އޮފީސް

ތެލެސީމިއާ ސެންޓަރުގެ ނުނިމި ހުރި މަސައްކަތްތައް ނިންމުމަކީ ގައުމީ ކަމެއްގެ ގޮތުގައި ދެކި، އެއް މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތްތައް ނިންމުމަށް ސިފައިންނާ ހަވާލުކޮށްފި އެވެ.

Ads by STELCO

އެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރެއްވީ "ރައްޔިތުންނާ އެކު" މި ނަމުގައި ރައީސް އޮފީހުން ކުރިއަށް ގެންދިޔަ ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ދާދި ފަހުން ތެލެސީމިއާ ސެންޓަރުގައި ހިނގައިދިޔަ ކަންކަމަށް އަލިއަޅުއްވާލައްވައި އެ ތަނުގެ ހާލަތު ބެއްލެވުމަށްފަހު ކަންކަން ރަނގަޅު ކުރުމަށް އެޅުއްވުމަށް ނިންމެވި ފިޔަވަޅުތައް ހިއްސާކުރައްވާފަ އެވެ.

އެގޮތުން ތެލެސީމިއާ ސެންޓަރު ހިންގުމަށް ހާއްސަ ވަކި ފަރާތެއް ނެތްކަން ކަަމަށާއި އެކަން އިތުރަށް ލަސްވިޔަނުދިނުމަށް ސިވިލް ސާވިސްގެ ތެރެއިން އެ މަގާމަށް އެކަށޭނަ ފަރާތްތައް ބެއްލެވުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތެއް އެ ސެންޓަރު ހިންގުމަށް މިހާރު އައްޔަނުކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ތެލެސީމިއާ ސެންޓަރު ހިންގަން ތިބި ބައެއް މުވައްޒަފުން ބަދަލުކޮށްދިނުމަށް އެދިފައިވާތީ އެކަން ވެސް ކޮށްދެއްވައި އެ މަގާމުތަކަށް އެހެން ބޭފުޅުން ހަމަޖައްސަވާފައިވާ ކަމުގަ އެވެ. އޭގެއިތުރުން ނަރުހުންގެ މަދުކަން ފާހަގަކޮށްފައިވާތީ މިހާރު 5 ނަރުހުން އެ ސެންޓަރަށް ނެގުމަށް އިއުލާނުކޮށްފައިވާ ކަމުގަ އެވެ.

މިއަދުގެ ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ތެލެސީމިއާ ސެންޓަރަށް ވަސީލަތްތައް ހަމަކުރުމަށް ނިންމަވައި، އެކަމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާފަ އެވެ.

އެގޮތުން ޓެސްޓް ކުރުމަށް ބޭނުންވާ ވަސީލަތްތައް ހަމަކުރުމާއި އެކަމަށް ބޭނުންވާ ބަޖެޓުގެ ކަންކަން ހަމަޖެއްސުން ހިމެނޭ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. އަދި ފިލްޓަރުގެ މައްސަލަ އާއި ދެން ވެސް ބެލެނިވެރިން ފާހަގަކުރެއްވި މައްސަލަތައް ވަރަށް ގާތުން ބައްލަވައި، އެ ކަންކަން ހައްލުކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެކަން ފާހަގަކުރެއްވި އެވެ.

މިހާރު ތެލެސީމިއާ ސެންޓަރު ހިންގާ އިމާރާތުގައި އެކި ކަންބޮޑުވުން ހުރި ކަމަށާއި އެ ސެންޓަރު ބަދަލުކުރުމަށް ކަނޑައަޅާފައިވާ "އޮރެންޖް ހިޔާ" އަށް ޒިޔާރަތްކުރައްވައި އެ ތަން ބައްލަވާލައްވާފައިވާ ކަމުގައި ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ ތަނުގެ މަސައްކަތުގެ ބޮޑު ބައެއް އަދިވެސް ނުނިމޭތީ އާ އަދި ކޮންޓްރެކްޓް ވެސް ހަމަވާތީ މާދަމައިން ފެށިގެން އެ ތަން ނިންމުމުގެ މަސައްކަތް، ގައުމީ ކަމެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ސިފައިންނާ ހަވާލުކުރައްވާފައިވާ ކަމަށެވެ.

"ގައުމީ މަސައްކަތެއްގެ ގޮތުގައި ސީދާ ސިފައިން އަމަލީ ގޮތުން އެ ތަން ހަދައިދޭށޭ. އެ އޮންނަ ޑިޒައިނަކަށް ދެން އެތަނުގައި ހުންނަން ޖެހޭ ހުރިހާ ކަމަކާ އެއްކޮށް،" އެ މަސައްކަތް ހަވާލުކުރެއްވީ އެއް މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ކަމުގައި ފާހަގަކުރައްވާ ރައީސް ވިދާޅުވި އެވެ.

އޮރެންޖް ހިޔާއަށް ތެލެސީމިއާ ސެންޓަރުގެ ހިދުމަތް ބަދަލުކުރުމުގެ ކަންކަން ރަނގަޅަށް އަދި ހިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހަވާނެ ގޮތަށް ކުރިއަށް ގެންދިއުމަށް އިރުޝާދު ދެއްވާފައިވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އޮރެންޖް ހިޔާއިން ތެލެސީމިއާގެ ހިދުމަތް ފޯރުކޮށްދޭން ފެށޭއިރަށް ހިދުމަތް ހޯދާ ފަރާތްތައް އެ ތަނަށް ދަތުރުކުރުމަށް އެމްޓީސީސީގެ ބަސް ސްޓޮޕެއް ހަމަޖައްސަވާނެ ކަމުގަ އެވެ. އަދި ހިދުމަތަށް އެދޭ ފަރާތާއި ބެލެނިވެރިޔާއަށް ބަހުގައި ހިލޭ ދަތުރު ކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަން ފާހަގަކުރެއްވި އެވެ.

ސްޓޭޓް އޮފް ދި އާޓް، ތެލެސީމިއާ ހިދުމަތްދޭ ތަނެއް ހެދުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. އެކަމަށް އަލިއަޅުއްވާލައްވައި އެމަނިކުފާނު ވިދާޅުވީ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް މިހާރު ތައްޔާރުވަމުންދާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!