ޚަބަރު ސަރުކާރު

ސްޓޫޑެންޓް ލޯނުގެ 500 ފުރުސަތަށް އެދި ހުށަހަޅަން ހުޅުވާލައިފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
އެމްއެންޔޫގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ދަރިވަރުންތަކެއް ބައިވެރިވަނީ / ފޮޓޯ:އެމްއެންޔޫ

ރާއްޖެ އާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީނު ހޯދުމަށް ލޯނަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

Ads by MPL

ހަޔާ އެޑިޔުކޭޝަން، ލޭބަ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ވަނީ ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ފެންވަރު 5 އިން ފެށިގެން ފެންވަރު 10 ގެ ނިޔަލަށް ކިޔެވުމަށާ އަދި ލައިސަންސް ހޯދަން ކިޔެވުމުގެ 500 ފުރުސަތު ހުޅުވާލާފަ އެވެ.

ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު އަލަށް ކިޔަވަން ފަށާ ދައިވަރުންނަށާއި މިހާރު ވެސް ކިޔަވަމުންދާ ދަރިވަރުންނަށް އޮންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އަލަށް ކިޔަވަން ފަށާ ދަރިވަރުންގެ ގޮތުގައި ބަލާނީ ލޯނުގެ ފުރުސަތަށް އެދި އިއުލާނުގެ އެޕްލިކޭޝަން ހުށަހެޅުމަށް ދީފައިވާ ސުންގަޑި އާ ހަމައަށް މަތީ ތައުލީމު ދޭ މަރުކަޒެއްގައި ކިޔެވުމަށް ރަޖިސްޓްރީވެފައި ނުވާ ނުވަތަ ޓިއުޝަން ފީ ދައްކާފައި ނުވާ ދަރިވަރުންނެވެ.

މިހާރު ކިޔަވަމުންދާ ދަރިވަރުންގެ ގޮތުގައި ބަލާނީ އިއުލާނުގައި އެޕްލިކޭޝަން ހުށަހެޅުމަށް ދީފައިވާ ސުންގަޑީގެ ކުރިން މަތީތައުލީމު ދޭ މަރުކަޒެއްގައި ކިޔެވުން ފަށާފައިވާ ދަރިވަރުންނެވެ.

އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް 20 ކެޓަގަރީއަކުން 314 ސްލޮޓް ވަނީ ހުޅުވާލާފަ އެވެ. މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް 19 ކެޓަގަރީއަކުން 186 ސްލޮޓް ދީފައިވެ އެވެ. އޭގެ ތެރޭގައި ޓޮޕްއަޕް ލޯނުގެ ގޮތުގައި ދިނުމަށް ހާއްސަކޮށްފައިވާ 35 ސްލޮޓް ހިމެނެ އެވެ.

ރާއްޖޭގައި ތިބެގެން ކިޔެވުމުގެ ފުރުސަތު ހުޅުވާލާފައިވާ ދާއިރާތަކާއި ސްލޮޓްތަކުގެ އަދަދު:

  • ޕައިލެޓް ސްޓަޑީސް / ލައިސަންސް - 10 ސްލޮޓް
  • ހައިލީ ޓެކްނިކަލް ދާއިރާތައް / ޑިޕްލޮމާ - 25 ސްލޮޓް
  • ނޭޝަނަލް ޓްރެއިން ނީޑްސް ލިސްޓް / ޑިޕްލޮމާ - 10 ސްލޮޓް
  • ނޭޝަނަލް ޓްރެއިން ނީޑްސް ލިސްޓް / ޑިޕްލޮމާ (ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް) - 5 ސްލޮޓް
  • ނޭޝަނަލް ޓްރެއިން ނީޑްސް ލިސްޓް / ބެޗްލާސް ޑިގްރީ (އިތުރު އެހީ/ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް) - 5 ސްލޮޓް
  • ނޭޝަނަލް ޓްރެއިން ނީޑްސް ލިސްޓް / ބެޗްލާސް ޑިގްރީ (އިތުރު އެހީ) - 20 ސްލޮޓް
  • ހައިލީ ޓެކްނިކަލް ދާއިރާތައް / މާސްޓާސް ޑިގްރީ - 30 ސްލޮޓް
  • ނޭޝަނަލް ޓްރެއިން ނީޑްސް ލިސްޓް / މާސްޓާސް ޑިގްރީ - 20 ސްލޮޓް
  • ނޭޝަނަލް ޓްރެއިން ނީޑްސް ލިސްޓް / ޑޮކްޓޯރަލް ޑިގްރީ - 10 ސްލޮޓް

ރާއްޖެއިން ބޭރުން ކިޔެވުމުގެ ފުރުސަތު ހުޅުވާލާފައިވާ ދާއިރާތަކާއި ސްލޮޓްތަކުގެ އަދަދު:

  • ހައިލީ ޓެކްނިކަލް ދާއިރާތައް / ޑިޕްލޮމާ - 30 ސްލޮޓް
  • ނޭޝަނަލް ޓްރެއިން ނީޑްސް ލިސްޓް (ރާއްޖޭގައި ހިންގާ ކޯސްތައް ފިޔަވާ) / ޑިޕްލޮމާ - 15 ސްލޮޓް
  • ނޭޝަނަލް ޓްރެއިން ނީޑްސް ލިސްޓް / ޑިޕްލޮމާ (ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް) - 2 ސްލޮޓް
  • ހައިލީ ޓެކްނިކަލް ދާއިރާތައް / ބެޗްލާސް ޑިގްރީ - 75 ސްލޮޓް
  • ނޭޝަނަލް ޓްރެއިން ނީޑްސް ލިސްޓް (ރާއްޖޭގައި ހިންގާ ކޯސްތައް ފިޔަވާ) / ބެޗްލާސް ޑިގްރީ - 40 ސްލޮޓް
  • ނޭޝަނަލް ޓްރެއިން ނީޑްސް ލިސްޓް / ބެޗްލާސް ޑިގްރީ (ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް) - 3 ސްލޮޓް
  • އެމްބީބީއެސް / ބެޗްލާސް ޑިގްރީ - 25 ސްލޮޓް
  • ހައިލީ ޓެކްނިކަލް ދާއިރާތައް / މާސްޓާސް ޑިގްރީ - 55 ސްލޮޓް
  • ނޭޝަނަލް ޓްރެއިން ނީޑްސް ލިސްޓް (ރާއްޖޭގައި ހިންގާ ކޯސްތައް ފިޔަވާ) / މާސްޓާސް ޑިގްރީ - 30 ސްލޮޓް
  • ނޭޝަނަލް ޓްރެއިން ނީޑްސް ލިސްޓް (ރާއްޖޭގައި ހިންގާ ކޯސްތައް ފިޔަވާ) / ޕޯސްޓްގްރެޖުއޭޓް މެޑިސިން - 27 ސްލޮޓް
  • ނޭޝަނަލް ޓްރެއިން ނީޑްސް ލިސްޓް (ރާއްޖޭގައި ހިންގާ ކޯސްތައް ފިޔަވާ) / ޑޮކްޓޯރަލް ޑިގްރީ - 6 ސްލޮޓް
  • ހައިލީ ޓެކްނިކަލް ދާއިރާތައް / މެޑިކަލްފެލޯޝިޕް - 10 ސްލޮޓް

ސްޓޫޑެންޓް ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތުގެ ތެރެއިން މިނިސްޓްރީން ވަނީ ޓޮޕްއަޕް ލޯނަށް ޖާގަތަކެއް ހާއްސަކޮށްފަ އެވެ. މިއީ އެ ލޯނުގެ ދަށުން ކަނޑައެޅިފައިވާ ޕްރޮގްރާމުގެ މުއްދަތުގައި ދަރިވަރުގެ އިހުތިޔާރުން ބޭރުން ދިމާވާ ސަބަބަކާ ހުރެ ޕްރޮގްރާމް ފުރިހަމަނުކުރެވި ތިބި ދަރިވަރުންނާއި ފުރިހަމަކުރި ޕްރޮގްރާމާ ގުޅިގެން ހަދަން ޖެހޭ އިންޓާންޝިޕް ހެދުމަށް ދަރިވަރުންނަށް އެހީތެރިވުމުގެ ގޮތުން ހުޅުވާލާފައިވާ ފުރުސަތެކެވެ.

ޓޮޕްއަޕް ލޯނު ދިނުމަށް ހަމަޖެހިފައި ވަނީ 7 ލައްކަ ރުފިޔާއަށް ވުރެ ބޮޑުނުވާ އަދަދަކަށެވެ. އެކަމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ފޯމުތައް އިވެލުއޭޓްކުރުމުގައި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ލޯނު ދިނުމުގައި އެކަޑަމިކް މެރިޓް ސްކޯއިން އެންމެ މަތިން ސްކޯކުރާ ދަރިވަރުންނަށް އިސްކަންދޭނެ ކަމަށް ވަނީ ބުނެފަ އެވެ.

ލޯނަށް އެދި އެޕްލިކޭޝަން ފޯމު ހުށަހަޅާނީ އެކަމަށް ތައްޔާރުކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތަކާ އެކުގައި ކަމަށް މިނިސްޓްރީން ބުންޏެވެ. ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި ފެށޭ އެޕްރީލު މަހުގެ 30 ވަނަ ދުވަހުގެ މެންދުރުފަހު 1:30 ގެ ނިޔަލަށެވެ.

އިއުލާނުގައި ބުނި ގޮތުގައި ކޮންމެ ދަރިވަރަކަށް ވެސް ހުށަހެޅޭނީ އެއް އެޕްލިކޭޝަން ފޯމު ކަމުގަ އެވެ. އެއް އެޕްލިކޭޝަނަށް ވުރެ ގިނަ އެޕްލިކޭޝަން ހުށަހަޅައިފި ނަމަ ނުވަތަ އެޕްލިކޭޝަނާ އެކު ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް ފުރިހަމަނުވާ ނަމަ، އެ ފަރާތެއްގެ އެޕްލިކޭޝަންތައް ބާތިލުވާނެ ކަމުގަ އެވެ.

ސްޓޫޑެންޓް ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ހުޅުވާލިއިރު، ރާއްޖެ އާއި ރާއްޖެއިން ބޭރުގައި މަތީ ތައުލީމާއި ތަމްރީނު ހޯދުމަށް ދޫކުރާ އަދި ދޫކޮށްފައިވާ ލޯނުތަކަކީ، އިސްލާމީ ހަމަތަކަށް ފެތޭ، "ޝަރީއާ ކޮމްޕްލަޔަންޓް" ލޯނުތަކަކަށް ހެދުމަށް އެ މިނިސްޓްރީއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަންގަވާފަ އެވެ.

އެގޮތުން ލޯނާ އެކު ހިމެނިފައިވާ 1 އިންސައްތަ އެޑްމިނިސްޓްރޭޓިވް ފީ ގެ ގޮތުގައި ނަގަމުންދާ އަދަދު އެއްކޮށް އުނިކުރުމަށާ އަދި ލޯނުގެ ގޮތުގައި ދޫކުރާ ފައިސާގެ އިތުރުން އެއްވެސް މިންވަރެއް އިތުރަށް ޗާޖް ނުކުރަން އަންގަވާފައިވާ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!