ޕާސްޕޯޓު ހަވާލުނުކުރާ ނަމަ ވިސާ ހޯދަން ދަތިވެ، ހައްޖުގެ ފުރުސަތު ގެއްލިދާނެ: ޝަކީލް

ހައްޖަށް ދިއުމުގެ ފުރުސަތު މި އަހަރު ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ގިނަ އަދަދެއްގެ ފަރާތްތަކުގެ ޕާސްޕޯޓު އަދިވެސް އެ ކޯޕަރޭޝަނާ ހަވާލުކޮށްފައި ނުވާ ކަމަށާއި ކަނޑައެޅިފައިވާ މުއްދަތުގައި ޕާސްޕޯޓު ހަވާލު ނުކުރާ ފަރާތްތަކަށް ހައްޖު ވިސާ ލިބުމުގައި ގޮންޖެހުންތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް ކަމުގައި މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވެއްޖެ އެވެ.
ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ރާއްޖެއިން މި އަހަރު ހައްޖަށް ދެވޭނެ ކަމަށް ކިއުގައި ހިމަނާފައި ތިބި އެންމެންނަށް ހައްޖަށް ދެވޭނެ ގޮތް ހަމަޖައްސަވާފައިވާ ކަމަށް މިފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
މިއީ ޒަމާންތަކަކަށް ފަހު، އެ އަހަރެއްގައި ކިއުގައި ޖެހިފައި ތިބި އެންމެންނަށް އެ އަހަރަކު ހައްޖަށް ދެވޭ ފުރަތަމަ ފަހަރު ކަމުގައި ރައީސް ފާހަގަކުރައްވާފައިވެ އެވެ.
ރައީސް އެކަން ފާހަގަކުރައްވާފައި ވިނަމަވެސް، ކިއުގައި ތިބި މީހުންގެ އަދަދެއް އެނގިފައެއް ނުވެ އެވެ. ކަމާ ގުޅުންހުރި އިތުރު މައުލޫމާތު އިސްލާމިކް މިނިސްޓްރީންނާއި ހައްޖު ކޯޕަރޭޝަނުން ވެސް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
މި އަހަރުގެ ހައްޖަށް ވަމުން އަންނަ ތައްޔާރީތަކާ ގުޅޭގޮތުން "އެކްސް" ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވީ އިދާރީ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް މިހާރު ވެސް އެ ކޯޕަރޭޝަނުން ކުރަމުންދާ ކަމަށެވެ.
އެކަމަށް މިވަގުތު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ހައްޖަށް ދިއުމަށް ފުރުސަތު ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ވަރަށް ގިނަ އަދަދެއްގެ ފަރާތްތަކުގެ ޕާސްޕޯޓު ހައްޖު ކޯޕަރޭޝަނާ އަދިވެސް ހަވާލުކޮށްފައި ނުވުން ކަމަށް ޝަކީލް ވިދާޅުވި އެވެ.
ޝަކީލް ވިދާޅުވި ގޮތުގައި ހައްޖު ވިސާއަށް މި ހަފުތާގައި ހުޅުވާލާނެ ކަމަށް ފުރުސަތު ލިބިފައިވާ ފަރާތްތަކަށް އަންގާފައިވާ ކަމުގަ އެވެ. ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ހައްޖު ކޯޕަރޭޝަނާ ޕާސްޕޯޓު ހަވާލު ނުކުރާ ފަރާތްތަކަށް ހައްޖު ވިސާ ލިބުމުގައި ގޮންޖެހުންތަކެއް ކުރިމަތިވުން އެކަށީގެންވާ ކަމުގައި ފާހަގަކުރެއްވި އެވެ.
"އަދި މިފަދަ ހާލަތެއް މެދުވެރިވެ ހައްޖު ވިސާ ނުލިބިއްޖެ ނަމަ، އެ ފަރާތްތަކަށް ހައްޖަށް ދިއުމަށް އޮތް ފުރުސަތު ގެއްލިގެންދާނެ،" ޝަކީލް ވިދާޅުވި އެވެ.
ރާއްޖެއަށް ސައުދީ އަރަބިއްޔާއިން ކަނޑައަޅާފައިވާ ހައްޖު ކޯޓާގެ 50 އިންސައްތަ ހައްޖުވެރިން މި އަހަރު އެ ގައުމަށް ދަތުރުކުރާނީ ގައުމީ އެއާލައިން މޯލްޑިވިއަންގެ މަތިންދާ ބޯޓެއްގަ އެވެ. އެކަމާ ގުޅޭ އިންތިޒާމުތައް ހަމަޖެއްސުމަށް އެ އެއާލައިނާ އެކު ހައްޖު ކޯޕަރޭޝަނުން މިދިޔަ މަހު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
