ލައިލަތުލްޤަދުރި ވިލޭރޭގެ ޢަލާމާތްތައް

الشيخ ابن عثيمين ރަޙިމަހުﷲ ލައިލަތުލްޤަދްރީގެ އަލާމަތްތަކާ ބެހޭގޮތުން ވިދާޅުވެފައިވާ ވާހަކަތަކުގެ ތެރެއިން އަންނަނިވި ކަންތައްތައް ހިމެނެއެވެ.
- އެރޭގެ އަލިކަން ގަދަވެގެންވެއެވެ. މިޒަމާނުގައި އަލިކޮށް ދިއްލައިފައި ހުންނަ ހިސާބުތަކުގައި ދިރިއުޅޭ މީހުންނަށް މި އަލާމާތް ދެނެގަތުން ފަސޭހައެއް ނުވާނެއެވެ. މި އަލިކަން އިހުސާސް ވާނީ އަލިކަމާ ދުރު ހިސާބުތަކުގައި އުޅޭ މީސްތަކުންނަށެވެ.
- ހިތްހަމަޖެހުމާއި މުއުމިނުތަކުންގެ ހިތްތައް انشراحވުން އެރޭގައި ހިމެނެއެވެ. އެބަހީ އެހެން ރޭތަކުގައި އިހުސާސް ނުވާ ފަދަ ހިތްހަމަޖެހުމެއް އެރޭ އިޙްސާސްވާނެއެވެ. އަދި ހިތުގެ ނުތަނަވަސްކަން ފިލައި ހިތްތަނަވަސްވުން އެރޭ ލިބިގެންދާނެއެވެ.
- އެރޭގައި ޖެހޭ ވައިރޯޅި މަޑުވެ ހަމަހިމޭންވެގެން ވެއެވެ. ގަދަފަދަ ރޯޅިތަކާއި ވައިގަދަވުމެއް އެ ރެއަކު ނުވެއެވެ. އެރޭގެ ޖައްވު އޮންނާނީ ވަރަށް މުނާސަބު ޙާލަތެއްގައެވެ.
- މުއުމިނުތަކުންނަށް އެރޭގެ ރޭއަޅުކަމުގެ ލައްޒަތާއި މީރުކަން އިހުސާސްވުން އެހެން ރޭތަކަށް ވުރެ އިތުރުވެގެންވެއެވެ.
އެރޭ ނިމިގެންދާއިރު ފެންނަ ބައެއް ޢަލާމާތްތައް
އެރޭގެ ފަތިހު އިރު އަރާއިރު ދޯދިތަކެއް ނުހުންނާނެއެވެ. އެބަހީ އިރުއެރުމުގެ ކުރީގައި އާންމުގޮތެއްގައި އުދަރެހަށް ފާއްދައިލައިފައި ހުންނަ ދޯދިތައް އެ ރެއަކު ނުހުންނާނެއެވެ. ސަހީހު މުސްލިމުގައި ރިވާވެގެންވެއެވެ. "އެރޭގެ (ހެނދުނުވުމުން) އިރުއަރާހިނދު އޭގައި ދޯދިތަކެއް ނުހުންނާނެއެވެ."
މިފަދަ އަލާމާތްތަކެއް އެރޭގައި ހިމެނިގެންވިއެއް ކަމަކު މިކަންކަން ބަލައި ދެނެގަތުމަށް މަސައްކަތް ކުރުމަކީ ހަގީގަތުގައި އެރޭގެ ހެޔޮ އަމަލުކުރުމަށް ލިބޭ ފުރުސަތުން މަހުރޫމު ކުރުވަނިވި ކަމަކަށްވުން އެކަށީގެންވެއެވެ. ވީމާ، ލައިލަތުލްޤަދްރި ވިލޭރޭގެ މާތްކަން އެދޭމީހާ، އެދެވިގެން ވަނީ ރަމަޟާންމަހުގެ ފަހު ދިހައެއްގެ ރޭތަކުގައި ހެޔޮ އަމަލުތަކުރުމުގައި ދެމިހުރުމެވެ.






ކޮމެންޓް
މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.