Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ސަރުކާރު

ބަލި ޖެހުމުގެ ކުރިން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް އިންވެސްޓް ކުރަނީ

ބަލި ޖެހުމުގެ ކުރިން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް އިންވެސްޓް ކުރަނީ

ބަލި ޖެހުމުގެ ކުރިން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް "އިންވެސްޓްކުރަން" ނުވަތަ އެކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭ ކަމަށާއި އެފަދަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމަށް މި ސަރުކާރުން ހާއްސަ އިސްކަމެއް ދެމުންދާ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު އެކަން ފާހަގަކުރެއްވީ ރައްޔިތުންނާ ވީހާވެސް ގާތުން މައުލޫމާތު ހިއްސާކުރައްވައި، ރައްޔިތުންގެ ހިޔާލުތަކާއި ކަންބޮޑުވުންތައް އަޑުއައްސަވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދަވާ "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓުގެ ދެ ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި "ޕްރިވެންޓިވް ހެލްތު ކެއާ" ނުވަތަ ބަލި ޖެހުމުގެ ކުރިން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ސިއްހީ ދާއިރާއިން އިސްކަންދޭން ބޭނުންފުޅުވާ ކަމުގައި ފާހަގަކުރެއްވި އެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރުމުން ޖީލެއް ދުރުކުރެވުމަކީ ހަގީގަތުގައި، ޕްރިވެންޓިވް ހެލްތު ކެއާގެ ތެރެއިން ހާސިލުކުރެވޭނެ އެންމެ ބޮޑު އަމާޒު ކަމުގައި ވިދާޅުވި އެވެ.

Advertisement
Ooredoo — Truecaller (box)

އޭގެ އިތުރުން "ޕްރިވެންޓިވް ހެލްތު ކެއާ" އަށް މަގުފަހިކުރުމުގެ ގޮތުން ތަރުކާރީ އާއި މޭވާގެ ބާވަތްތަކާއި ރަނގަޅު ކާނާ ލިބޭނެ މަގުފަހިކޮށްދެއްވާ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. އަދި މޫދު ކަސްރަތަކީ ވެސް ހަށިގަނޑަށް ވަރަށް ފައިދާހުރި ކަމެއްކަން ފާހަގަކުރައްވައި، މޫދަށް އެރޭނެ ތަންތަން ނެތް ރަށްރަށުގައި މަޝްރޫއުތައް ކުރިއަށް ގެންދަނީ އެކި މަޝްރޫއުތަކުގެ ތެރޭގައި މޫދަށް އެރޭނެ ތަންތަން ހިމަނައިގެން ކަމުގައި ފާހަގަކުރެއްވި އެވެ.

ރައީސް ވަނީ އަންނަ އަހަރުގެ ނިޔަލަށް ކޮންމެ ރަށެއްގައި އައުޓްޑޯ ޖިމެއް ގާއިމުކުރެވޭނެ ކަމުގައި ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފަ އެވެ. އަދި ކުޑަކުދިން ބޭރަށް ނުކުމެ ހަރަކާތްތެރިވެ އުޅުމަށާއި އާއިލާ އާއެކު ވަގުތު ހޭދަކޮށްލުމަށް ކުޑަކުދިންގެ ޕާކުތައް ހަދަމުންދާކަން ވެސް ފާހަގަކުރެއްވި އެވެ. އެކަމުގެ ސަބަބުން ސިކުނޑިއަށް ހަމަޖެހުން ލިބިގެންދާނެކަން އެމަނިކުފާނު ވިދާޅުވި އެވެ.

[caption id="attachment_277897" align="alignnone" width="1024"]<img class="wp-image-277897 size-large" src="https://cdn.dhen.mv/wp-content/uploads/2025/04/396745_37e39d42-8_-1-1024x683.jpg" alt="" width="1024" height="683" /> ރައީސް މުއިއްޒު ފެއްޓެވި "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަނީ / ފޮޓޯ:ރައީސް އޮފީސް[/caption]

އެ މަސައްކަތުގެ ތެރެއިން މާލޭގެ ހަލާކުވެފައިވާ ޕާކުތައް މަރާމާތު ކުރުމަށް ނިންމަވާފައިވާ ކަމަށާއި ސަލްޓަން ޕާކު މަރާމާތު ކުރުމަށް ކުރާނެ މަސައްކަތްތަކުގެ ތަފުސީލީ މައުލޫމާތު ހިއްސާކުރެއްވި އެވެ. އެގޮތުން އެ ޕާކު ތަރައްގީ ކުރާނީ "އެޑްވެންޗަރަސް" ކަންކަން ހިމަނައިގެން ކަމުގައި ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ހިންގާ ކުޅިވަރާ ގުޅުންހުރި މަޝްރޫއުތައް ހިންގަނީ ވެސް "ޕްރިވެންޓިވް ހެލްތު ކެއާ" އަށް މަގުފަހިކުރުމުގެ މަގުސަދު ހާސިލު ކުރެވޭނެ ގޮތަށް ކަމަށެވެ.

މިއަދުގެ ޕޮޑްކާސްޓުގައި އާންމު ސިއްހަތު ރައްކާތެރި ކުރުމަށް ހިންގޭ ޕަބްލިކް ހެލްތުގެ ކަންކަން ހަރުދަނާ ކުރުމަށާއި ދަމަނަވެށީގެ ހިދުމަތް ކޮންމެ އަތޮޅެއްގައި ދިނުމަށް، މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.

މި ސަރުކާރުން ތަންފީޒު ކުރަމުން ގެންދަނީ ވަށާ ޖެހޭ ސިއްހީ ހިދުމަތުގެ ސިޔާސަތެއް ކަމުގައި ފާހަގަކުރެއްވި އެވެ. ރައީސް ވިދާޅުވީ އެ ކަންކަން އެހެން ކުރެވުމާ އެކު، ޑޮކްޓަރަށް ދައްކަން ޖެހޭ މިންވަރު މަދު ކުރެވި، ރާއްޖޭގައި ތިބެގެން ސިއްހީ ހިދުމަތް ހޯދުމުގެ ފުރުސަތުތައް ފަހިވެގެންދާނެ ކަމުގަ އެވެ.

އަދުގެ ހާލަތު އޮތް ގޮތުން ރާއްޖެއިން ބޭރަށް ގޮސް ސިއްހީ ހިދުމަތް ހޯދަން ޖެހޭ ހާލަތްތައް މެދުވެރިވާކަން ފާހަގަކުރައްވާ އެމަނިކުފާނު ވަނީ އެއީ ފަސޭހަ ކަމެއް ނޫން ކަމަށާއި ބަލި ޖެހޭ ހިސާބުން، ރާއްޖޭގައި ތިބިގެން ފަރުވާ ކުރެވޭނެ އިންތިޒާމުތައް ހަމަޖެހިފައި އޮންނަން ޖެހޭ ކަމުގައި ވިދާޅުވެފަ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް