ޚަބަރު ސަރުކާރު

އައިޖީއެމްއެޗުގެ 75 އެނދުގެ ޕްރޮޖެކްޓު ނިންމައި އަންނަ މަހު ހިދުމަތް ފެށޭނެ: ރައީސް

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ރައީސް މުއިއްޒު ފެއްޓެވި "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަނީ / ފޮޓޯ:ރައީސް އޮފީސް

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން 75 އެނދުގެ ޕްރޮޖެކްޓު ނިންމައި އަންނަ މަހު ހިދުމަތް ފެށޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

Ads by STELCO

އެމަނިކުފާނު އެހެން ވިދާޅުވީ ރައްޔިތުންނާ ވީހާވެސް ގާތުން މައުލޫމާތު ހިއްސާކުރައްވައި، ރައްޔިތުންގެ ހިޔާލުތަކާއި ކަންބޮޑުވުންތައް އަޑުއައްސަވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދަވާ "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓުގެ ދެ ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ސިއްހީ ހިދުމަތް ފޯރުކޮށްދޭ ސަރުކާރުގެ މަރުކަޒުތަކުގެ ހިދުމަތްތައް ފުޅާކުރެއްވުމަކީ ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމަށާއި ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުން ދިރިއުޅެމުން ދަނީ މާލެ ސަރަހައްދުގައި ކަމަށެވެ. އެހެންކަމުން މާލެ ސަރަހައްދަށް ވަރަށް ބޮޑު އިސްކަމެއް ދޭން ޖެހޭ ކަމުގައި ފާހަގަކުރެއްވި އެވެ.

އެއީ ވަކި ރަށެއް ތަފާތު ކުރުން ނޫންކަން ފާހަގަކުރައްވާ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ސިއްހީ ހިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކާއި ހޮސްޕިޓަލުތައް ގާއިމުކުރެވި، ތަރައްގީ ކުރެވޭނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ސަރުކާރުން ހިންގާ އެންމެ ބޮޑު ހޮސްޕިޓަލު، އައިޖީއެމްއެޗްގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރައްވާފަ އެވެ. އެގޮތުން އެ ހޮސްޕިޓަލަށް ދިމާވެފައިވާ ޖާގައިގެ ދަތި ކަމަށް ހައްލު ހޯދުމުގެ ގޮތުން 75 އެނދުގެ މަޝްރޫއެއް ނިންމައި، ހިދުމަތް ދެވެން ފަށާނެ ކަމުގައި ވިދާޅުވި އެވެ.

"އެތަން ހުޅުވިގެން ދިޔައިމަ، މިހާރު އައިޖީއެމްއެޗަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ވަރަށް ބޮޑުތަނުން ހައްލުވެގެން އެބަދޭ އިނގޭތޯ. އެ ޕްރޮޖެކްޓުގެ ވާހަކަ އަޅުގަނޑު ރިޔާސީ ބަޔާނުގައި ވެސް ދެންނެވިން. އެ ތަން ހުޅުވިގެންދާނެ ވާހަކަ. މޭ މަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ހުޅުވޭނެ،" ރައީސް ވިދާޅުވި އެވެ.

އެ މަޝްރޫއުގެ ދަށުން ގާއިމުކުރާ ތަނުގައި ޖެނެރަލް ވޯޑުގެ ގޮތުގައި 44 އެނދާއި ހައި ޑިޕެންޑަންސީ ޔުނިޓު (އެޗްޑީޔޫ) 15 އެނދު އަދި 14 ޕްރައިވެޓް ޔުނިޓު ހުންނާނެކަން ރައީސް ފާހަގަކުރެއްވި އެވެ.

ޕޮޑްކާސްޓުގައި ރައީސް ވަނީ ޓާޝަރީ ފެންވަރަށް ބަދަލުކޮށްފައިވާ ހުޅުމާލެ ހޮސްޕިޓަލުން ފޯރުކޮށްދޭ ހިދުމަތްތައް ތަރައްގީ ކުރަމުން ގެންދާ ކަމުގައި ވިދާޅުވެފަ އެވެ. އަދި ޗައިނާއިން ފޯރުކޮށްދޭ ހިލޭ އެހީގެ ތެރެއިން ވިލިމާލޭގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް ތަރައްގީ ކުރުމުގެ ހުރިހާ ކަމެއް މިހާރު ހަމަޖެހިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި މާލެ ސަރަހައްދުގައި ވަކިވަކި ކަންކަމަށް ހާއްސަ ހޮސްޕިޓަލުތައް ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމުގަ އެވެ. އެގޮތުން ކެންސަރު ހޮސްޕިޓަލާއި ތެލެސީމިއާއަށް ހާއްސަކޮށްގެން ހުޅުމާލޭގައި ތަރައްގީކުރާ ހޮސްޕިޓަލާ އަދި އަންހެނުންނާއި ކުޑަކުދިންނަށް ހާއްސަ ހޮސްޕިޓަލުގެ މަސައްކަތް މި ދައުރުގެ ތެރޭގައި ނިންމާނެ ކަމުގައި ފާހަގަކުރެއްވި އެވެ.

ސަރުކާރުން ތަންފީޒު ކުރަމުން ގެންދާނީ ވަށާ ޖެހޭ ސިއްހީ ހިދުމަތުގެ ސިޔާސަތެއް ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް އަދުގެ ހާލަތު އޮތްގޮތުން ރާއްޖެއިން ބޭރަށް ގޮސް ސިއްހީ ހިދުމަތް ހޯދަން ޖެހޭ ހާލަތްތައް މެދުވެރިވާ ކަމަށާއި އެއީ ފަސޭހަކަމެއް ނޫންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ބަލި ޖެހޭ ހިސާބުން ރާއްޖޭގައި ތިބެގެން ފަރުވާ ކުރެވޭނެ އިންތިޒާމުތައް ހަމަޖެހިފައި އޮންނަން ޖެހޭ ކަަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!