މުޝްފިގް ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި، އަދި ނުފެނޭ

"ހޮޅުދޫ ބޯޓު" ގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުނު އަލީ މުޝްފިގް މުހައްމަދު ޝަރީފް ހޯދަން ކުރިއަށް ގެންދާ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގެ ތެރެއިން އިއްޔެ ވެސް ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
ހޮޅުދޫ ބޯޓުގައި ރޯވީ ތ. ހިރިލަންދޫން ފުރައިގެން މާލެ ދަތުރުކުރަނިކޮށް މިދިޔަ ބުދަ ދުވަހުގެ ރޭ 09:07 ހާއިރު އެވެ. އަލިފާން ރޯވުމާ ގުޅިގެން ބޯޓުން ދަތުރުކުރަމުން ދިޔަ އެންމެން ކަނޑަށް ފުންމާލި އެވެ. އެ މީހުންގެ ތެރޭގައި މުޝްފިގު ހިމެނުނު ނަމަވެސް އެފަހުން އޭނާ ވަނީ ގެއްލިފަ އެވެ.
ލ. މާވަށަށް ނިސްބަތްވާ އުމުރުން 25 އަހަރުގެ ޒުވާނާ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ގާޒީ، އެފްއައިސީ މާފަތް، އެޗްޕީ 114، ޑައިވަރުންނާއި އެއާ ކޯގެ ޑްރޯން އަދި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުގެ ސިފައިން ގުޅިގެން ކަނޑުމަތިންނާއި ޑައިވްކޮށްގެން އަދި ވައިގެ މަގުން ދަނީ ހަރަކާތްތެރިވަމުންނެވެ.
މުޝްފިގް ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގައި އެމްއެންޑީއެފުން ވަނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ބޮޑު ސަރަހައްދެއް ބަލާފަ އެވެ. އެ މައުލޫމާތު ހިއްސާކޮށް ބުނީ:
- ސާފޭސް ސާޗްގެ ގޮތުގައި 133 ސްކެއާ މޭލް ބަލާފައި
- އަންޑަވޯޓާ (ޑައިވިން) ސާޗްގެ ގޮތުގައި 143،880 މޭލް ބަލާފައި
- ވައިގެ މަގުން 5،000 ސްކެއާ ކިލޯމީޓަރު ބަލާފައި






ކޮމެންޓް