ޓޫރިޒަމަށް ދޫކުރަން ނިންމި ހަތް ތަނެއް ލިސްޓުން އުނިކޮށްފި

ޓޫރިޒަމްގެ ބޭނުމަށް ކުއްޔަށް ދޫކުރުމަށް ކަނޑައަޅައި މީގެކުރިން އިއުލާނުކޮށްފައިވާ ރަށްރަށާއި ބިންބިމާ އަދި ފަޅުތަކުގެ ލިސްޓުން ހަތް ތަނެއް އުނިކޮށްފި އެވެ.
ޓޫރިޒަމްގެ ބޭނުމަށް ރަށްރަށާއި ބިންބިމާ އަދި ފަޅު ކުއްޔަށް ދޫކުރުމަށް އޮންނަ ގަވާއިދުގެ ދަށުން އެކުލަވާލާފައިވާ ލިސްޓަށް އެންމެފަހުން އިސްލާހު ގެނެސްފައި ވަނީ މިދިޔަ މެއި މަހުގެ 30 ވަނަ ދުވަހު އެވެ. އެ ގަވާއިދުގެ ދަށުން ލިސްޓަށް ބަދަލު ގެނެސް 17 ރަށަކާއި ފަޅެއް ކުއްޔަށް ދޫކުރަން ކަނޑައަޅައި އިއުލާނުކުރި އެވެ.
ލިސްޓުގައި ހިމެނެނީ ހދ، ށ، ރ، އއ، ވ، ގއ އަދި ގދ އަތޮޅުން އެއް ތަނެކެވެ. ޅ. އަދި ކ. އަތޮޅުން ދެ ތަނުގެ އިތުރުން ތ. އަދި ލ. އަތޮޅުން ތިން ތަން ދޫކުރުމަށް ވެސް އޭރުގެ އިއުލާނުގައިވެ އެވެ. ނަމަވެސް އެ ލިސްޓަށް އިއްޔެ ވަނީ އަލުން ބަދަލު ގެނެސްފަ އެވެ.
ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ އެ އިއުލާނާ އަދި އިއުލާނަށް ގެނެވުނު އިސްލާހުތަކުގެ ދަށުން ޝާއިއުކޮށްފައިވާ ރަށްރަށާއި ފަޅުތަކުގެ ލިސްޓުން ބައެއް ރަށްތަކާއި ފަޅުތައް އުނިކޮށްފައިވާ ކަމަށެވެ.
އުނިކުރި ތަންތަނަކީ:
- ކ. ހިއްމިޔާ ފަޅު
- ކ. އަތޮޅު ތިން ފަޅެއް
- ވ. އަތޮޅު ފަޅެއް
- ގއ. ބޭރުމައުއްޑޫ
- ގދ. ރާވެރިންކޮޅިހުއްޓާ
ލިސްޓުން އެ ހަތް ތަން އުނިކުރި ސަބަބު ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފައެއް ނުވެ އެވެ.
މިދިޔަ އަންގާރަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިނިވަންކަމާއި ހަމަޖެހުން ގާއިމުކުރުމަށް ހިންގާ ގައުމީ ސަލާމަތާ ގުޅުން ހުރި މަޝްރޫއުތަކަށް އިންވެސްޓް ކުރެވޭނެ އެންމެ ދަށް އަދަދުގެ ގޮތުގައި އޮންނަ އަދަދު 100 މިލިއަން ޑޮލަރަށް ބޮޑުކޮށްފަ އެވެ.
ހުސްވި މާޗު މަހު ރައީސް ނެރުއްވި ގަރާރުގައި ގައުމީ ސަލާމަތުގެ މަޝްރޫއުތަކަށް ހަރަދުކުރެވޭނެ އެންމެ ދަށް އަދަދުގެ ގޮތުގައި ކަނޑައެޅުއްވީ 15 މިލިއަން ޑޮލަރެވެ.
