ޚަބަރު ސަރުކާރު

މި އަހަރު ކްލާސްރޫމްތައް އޭސީކޮށް ނިމޭނެ، ސްކޫލުތަކުގެ ހޯލުތައް ވެސް އޭސީ ކުރާނަން: ރައީސް

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ރައީސް މަޖީދިއްޔާ ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި: ސްކޫލުތަކުގެ ހޯލުތައް އޭސީކުރަން ނިންމާފައިވާކަން ވަނީ ހާމަކުރައްވާފައި / ފޮޓޯ:ރައީސް އޮފީސް

ސަރުކާރު ސްކޫލުތަކުގެ ކްލާސްރޫމްތައް ފިނިކުރުމަށް ކުރިއަށްގެންދާ "ކޫލް ސްކޫލް" މަޝްރޫއުގެ ދަށުން ހުރިހާ ކްލާސްރޫމުތަކެއްގައި އޭސީ ހަރުކުރުމުގެ މަސައްކަތް މި އަހަރު ތެރޭގައި ނިމޭނެ ކަމަށާއި ސްކޫލުތަކުގެ ހޯލުތަކުގައި އޭސީ ހަރުކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

Ads by STELCO

ސަރުކާރުގެ ހުރިހާ ސްކޫލެއްގެ ކްލާސްރޫމްތައް ފިނިކުރުމަށް "ކޫލް ސްކޫލް" މަޝްރޫއު ފަށާފައި ވަނީ ނިމިދިޔަ އަހަރުގެ ޖޫން މަހުގެ ދެ ވަނަ ދުވަހު އެވެ. މަޝްރޫއު ރަސްމީކޮށް އިފުތިތާހުކުރީ މާފުށި ސްކޫލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

މަޝްރޫއު ކުރިއަށް ގެންދަން ނިންމާފައި ވަނީ ސަރުކާރާއި ކޮމިއުނިޓީގެ އެހީތެރިކަމާ އެކު އެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވާ ގޮތުގައި މަޝްރޫއުގެ ފޭސް 2 ގައި ސްކޫލުތަކުގައި ސޯލާ ޕެނަލް ހަރުކުރުމަށް ނިންމާފައިވާ ކަމުގަ އެވެ. އެކަމުގެ ސަބަބުން ސްކޫލުތަކުގައި ބޭނުންކުރާ ކަރަންޓުގެ 30 އިންސައްތަ ސޯލާ ހަކަތައަށް ބަދަލުކުރެވި، ކަރަންޓަށް ކުރާ ހޭދަ ކުޑަކުރެވޭނެ ކަމުގަ އެވެ.

އަމާޒު ހިފާފައި ވަނީ މަޝްރޫއުގެ ދަށުން ދެ އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުގެ ހުރިހާ ސްކޫލުތަކެއް އޭސީ ކުރުމަށް ކަމަށް ވެސް އޭރު ފާހަގަކޮށްފައިވެ އެވެ.

މިދިޔަ ޖެނުއަރީ މަހު މާޅޮސްމަޑުލު އުތުރުބުރީގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅު ހުޅުދުއްފާރުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ މި އަހަރުގެ ބާކީ އޮތް މަސްތަކުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގައި ހުރި ހުރިހާ ސްކޫލެއްގެ ހުރިހާ ކްލާސް ރޫމްތަކެއް އިއާދަކުރަނިވި ހަކަތައިގެ ބޭނުންކޮށް އޭސީކޮށްދީ، ފިނިކޮށްދޭނެ ކަމަށް ވިދާޅުވެފަ އެވެ.

މުޅި ރާއްޖޭގައި އެ މަސައްކަތް ނިންމަން އަށެއްކަ މަސް ދުވަސް ބޭނުންވާނެ ކަމަށާއި އަމާޒަކީ ސެޕްޓެމްބަރު މަހާ ހަމައަށް މަސައްކަތް ނިންމުން ކަމަށް އޭރު ރައީސް ވިދާޅުވެފައިވެ އެވެ.

ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ކުރިއަށް ގެންދަވާ "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓުގެ ތިން ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު މިއަދު ވިދާޅުވީ ހުރިހާ ކްލާސް ރޫމުތަކެއް އޭސީކުރަން ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށެވެ. މި އަހަރުގެ ތެރޭގައި ޖުމްލަ 3،704 ކްލާހުގައި އޭސީ ހަރުކޮށް ނިމޭނެ ކަމަށެވެ.

"އަމާޒަކީ ސެޕްޓެމްބަރު މަހަށް ނިންމުން. ސެމްޓެމްބަރު މަހަށް ނުނިމި ވެސް ހިނގައިދާނެ. އެކަމަކު މި އަހަރުގެ ނިޔަަލަށް އެ މަސައްކަތް ނިމޭނެ. 800 އެއްހާ އޭސީ މިހާރު ހަރުކުރެވިއްޖެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މީގެކުރިން ސްކޫލުތަކުގެ ހޯލުތައް އޭސީކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް ކަމުގަ އެވެ. އެހެންނަމަވެސް ސްކޫލުތަކުން ބާއްވާ އިތުރު ހަރަކާތްތަކުގެ އިތުރުން ބައެއް ރަށްރަށުގައި ރައްޔިތުންނާ ގުޅުންހުރި އެކި ކަންކަމަށް ވެސް ހޯލުތައް ބޭނުންކުރަމުންދާ ކަމުގަ އެވެ.

އެ ސަބަބާ ހުރެ ހޯލުތައް އޭސީ ކުރުމަކީ މުހިންމު ކަމަކަށްވާތީ އެ މަސައްކަތް ފެށުމަށް ނިންމާފައިވާކަން ފާހަގަކުރެއްވި އެވެ. ކްލާސްރޫމުތައް އޭސީކުރުމުގެ މަސައްކަތް ނިމުމުން އެ މަސައްކަތް ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ކޫލް ސްކޫލް" މަޝްރޫއަކީ ދަރިވަރުންނާއި މުދައްރިސުން ކްލާސްރޫމްގައި ތިބޭއިރު، އިހުސާސްކުރެވޭ ހޫނުމިނުގެ ދަރަޖަ މަތިވެ، އެކަމުގެ ސަބަބުން ތަހައްމަލު ކުރަން ޖެހޭ އުނދަގޫތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް، ރައީސްގެ އިރުޝާދާ އެކު ކުރިއަށްގެންދާ މަޝްރޫއެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!