ޚަބަރު ސަރުކާރު

ސަރުކާރުގެ ޓެކްސީ ލައިން ޖުލައި މަހުގެ ފުރަތަމަ ހަފުތާގައި ފަށަނީ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
އެއާޕޯޓުގައި ޓެކްސީތައް ކިއު ހަދާފައި / ފޮޓޯ:ދެން އިމޭޖްސް

ސަރުކާރުން ތައާރަފުކުރަން ނިންމާފައިވާ ޓެކްސީ ލައިނުގެ ހިދުމަތް އަންނަ ޖުލައި މަހުގެ ފުރަތަމަ ހަފުތާގައި ފަށާނެ ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

Ads by MPL

މާލެ ސަރަހައްދުގައި ޓެކްސީ ލައިނުގެ ހިދުމަތް ދިނުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު އެވެ.

އިލެކްޓްރޯނިކް ޓެކްސީ (އީވީ) މެދުވެރިކޮށް އެމްޓީސީސީން ފަށާ ހިދުމަތް ދޭނީ "އޫބާ" އާއި "ގްރޭބް" ކޮންސެޕްޓުގައި އެ ކުންފުނިން ތައްޔާރުކޮށްފައިވާ އަމިއްލަ ސޮފްޓްވެއާއެއް މެދުވެރިކޮށެވެ.

ދައުލަތުގެ މީޑިއާއިން ގެނެސްދޭ "ރާއްޖެމިއަދު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު ވިދާޅުވީ ޓެކްސީ ލައިނުގެ ހިދުމަތް ފެށުމަށް ބޭނުންވާ ސައިޒުގެ ޓެކްސީ ހޯދަން އެމްޓީސީސީން އިއުލާނުކޮށް، ސަޕްލައިކުރަން ބަޔަކާ ހަވާލުކޮށްފައިވާ ކަމަށެވެ. މިހާރު ކުރަމުން ދަނީ ޓެކްސީތައް ޗާޖުކުރުމާއި މެއިންޓެއިން ކުރުމަށް ބޭނުންވާ މަސައްކަތްތައް ކަމުގައި ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެންގެ އުންމީދަކީ ޖޫން މަސް ނިމި، ޖުލައި މަހުގެ ފުރަތަމަ ހަފުތާގައި މި ހިދުމަތް ތައާރަފުވެގެން ދާނެ ކަމަށް،" އަމީން ވިދާޅުވި އެވެ.

ކެބިނެޓުގެ ބައްދަލުވުމެއްގައި ޓްރާންސްޕޯޓް އެންްޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން / ފޮޓޯ: ރައީސް އޮފީސް

އަމީން ވިދާޅުވި ގޮތުގައި ޓެކްސީގެ ހިދުމަތަކީ ޒަމާންވީ ހިދުމަތަކަށް ވިޔަސް އެކަމުގައި އެއްވެސް ކޮންޓްރޯލެއް ނެތުމުން ހިދުމަތުގަ އާއި ހިދުމަތްދޭ ޓެކްސީތަކުގެ ފެންވަރު ދަށްވުން ފަދަ މައްސަލަަތައް ކުރިމަތިވާ ކަމުގަ އެވެ. ވުމާ އެކު ހިދުމަތުގެ ފެންވަރު ރަނގަޅުވުމަށް އާންމުން އެދޭ ކަމުގަ އެވެ.

ޓެކްސީގެ ހިދުމަތް ދިނުމަށް 1،500 އެއްހާ ކާރު ރަޖިސްޓާކޮށްފައިވާ ނަމަވެސް ސަރުކާރުން ހިދުމަތްދޭން ނިންމީ މިހާރު ހުރި މައްސަލަތައް ހައްލުކުރަން ބާރުއެޅުމުގެ ގޮތުން ކަމަށް އަމީން ވިދާޅުވި އެވެ. މިކަމަކީ ބޭރުގެ ބައެއް ގައުމުތަކުގައި ވެސް ހިދުމަތުގެ ފެންވަރު ރަނގަޅުކުރަން ކުރާ ކަމެއް ކަމުގައި ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުން ޓެކްސީ ލައިންގެ ހިދުމަތް ފަށާނީ 100 ޓެކްސީ އާއެކުގައި ކަމަށެވެ. ހިދުމަތާ އެކު ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

ސަރުކާރުން ނިންމާފައި ވަނީ ޓެކްސީ ލައިނުގެ ހިދުމަތް ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށެވެ. ހިދުމަތުގެ ފުރަތަމަ ފިޔަވަހީގައި މި އަހަރު ހިދުމަތް ފަށާނީ މާލެ އާއި ހުޅުމާލެ އަދި ހުޅުލެއަށެވެ. ދެ ވަނަ ފިޔަވަހީގެ ދަށުން 2026 އާއި 2027 ވަނަ އަހަރު ވިލިމާލެ އަދި ތިލަފުއްޓަށް ދަތުރުތައް ކުރާނެ އެވެ. ރަސްމާލެ އާއި ގިރާވަރުގެ އިތުރުން އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީއަށް ތިން ވަނަ ފިޔަވަހީގައި ދަތުރުތައް ހިދުމަތް އިތުރަށް ފުޅާކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި 2028 އާއި 2029 ވަނަ އަހަރު ކުޅުދުއްފުށި ސިޓީއަށް ޓެކްސީ ލައިނުގެ ހިދުމަތް ދިނުމަށް ވެސް ވަނީ ނިންމާފަ އެވެ.

Ads by HDC