ޚަބަރު

އެމްޑީޕީގެ އާދަޔާހިލާފު ކޮންގްރެސް އޮގަސްޓް 15 ގެ ކުރިން ބާއްވަނީ

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

އިދިކޮޅު އެމްޑީޕީގެ އާދަޔާހިލާފު ކޮންގްރެސް އޮގަސްޓް 15 ގެ ކުރިން ބާއްވަން އެ ޕާޓީގެ ގައުމީ މަޖިލީހުން މިރޭ ފާސްކޮށްފި އެވެ.

Ads by STELCO

ގައުމީ މަޖިލީހުން އެ ގޮތަށް ފާސްކުރީ މިރޭގެ ބައްދަލުވުމުގައި 71 މެންބަރުންގެ ވޯޓުންނެވެ.

އާދަޔާހިލާފު ކޮންގްރެސް މި ބާއްވަނީ ޕާޓީގެ ހިންގުން އިސްލާހު ކުރަން ޗެއާޕާސަން ފައްޔާޒު އިސްމާއީލް ފެއްޓެވި 'މަގުޗާޓު' ގެ މަސައްކަތުގެ ދަށުންނެވެ.

މައުލޫމާތު ލިބޭ ގޮތުގައި ބައެއް ބަދަލުތަައް ގެންނަން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބޭނުންފުޅުވާތީވެ، އެ ކަން ވެސް ކޮންގްރެސްގައި ހިނގާނެ އެވެ.

އެމްޑީޕީގެ އެތެރޭގައި ރިޔާސީ ޓިކެޓުގެ ފޯރި ވެސް ވަނީ ގަދަވެ އެވެ. އޭގެ ޝައުގުވެރިކަން ފައްޔާޒާއި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވަނީ ފާޅުކުރައްވައިފަ އެވެ.

އޭގެ އިތުރުން ސޯލިހާއި، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އެތެރޭގައި އޭގެ ކެމްޕެއިން ކުރައްވާ ކަމަށް މައުލޫމާތު ލިބެ އެވެ. މާލޭގެ މޭޔަރު އާދަމް އާޒިމާއި ނައިބު ރައީސް ފައިސަލް ނަސީމާއި މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ސަލީމްގެ ނަން ވެސް އިވެ އެވެ.

ކޮންގްރެސްއެއް ބާއްވަން މަސައްކަތް ކުރަމުންދާ އިރު އެމްޑީޕީގެ އިސް ބޭފުޅުންތަކެއް އެ ޕާޓީން ވަކިވެ އުފެއްދި ޑިމޮކްރެޓްސްއިން އަލުން އެމްޑީޕީއާ ގުޅުން ރަނގަޅުކަމަށް ޑިމޮކްރެޓްސް އުފެއްދެވުމުގައި އިސްކޮށް އުޅުއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ރައީސް ނަޝީދަށް އެންމެ ވަފާތެރި މެމްބަރުންގެ ގޮތުގައި ތިއްބެވި ޑިމޮކްރެޓްސްގެ ބައެއް މެމްބަރުން މިދިޔަ ޖެނުއަރީ މަހު ވަނީ އެ ޕާޓީން ވަކިވެ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.

އޭގެ ތެރޭގައި ދަ ޑިމޮކްރެޓްސްގެ ކުރީގެ ރައީސް ހަސަން ލަތީފާއި ދަ ޑިމޮކްރެޓްސްގެ ކުރީގެ ނައިބް ރައީސް މުހައްމަދު ޝިފާޒު އަދި ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓުގެ އިލްޔާސް ލަބީބުގެ ރަނިންމޭޓެއްގެ ގޮތުގައި ވާދަ ކުރެއްވި ހުސައިން އަމްރު ހިމެނިވަޑައިގަންނަވަ އެވެ.

އެމްޑީޕީގެ ލީޑަރުގެ ވާދަ އިތުރަށް ސާފުވާނީ އާދަޔާހިލާފު ކޮންގްރެސްއަށް ފަހުގަ އެވެ.

 

Ads by Allied Insurance