ވެންޓިލޭޓަރު މައްސަލާގައި ދުބާއީ ކުންފުނީގެ ވެރިޔާ ހޯދަން ރެޑް ނޯޓިސް ނެރެން އެދިއްޖެ

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ސަރުކާރުން ވެންޓިލޭޓަރު ހޯދުމަށް ފައިސާ ދިން ދުބާއީ ކުންފުނި، އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގެ ވެރިޔާ ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސްއެއް ނެރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފުލުހުގައި އެދިއްޖެ އެވެ.
ދުބާއީ ކުންފުނިން ވެންޓިލޭޓަރު ގަތުމަށް ހެލްތު މިނިސްޓްރީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރީ އޭޕްރީލް 2، 2020 ގަ އެވެ. އެ ކުންފުނިން އެދިގެން، ގެރެންޓީއާ ނުލައި 30 މިލިއަން ރުފިޔާ ސަރުކާރުން އޮތީ ދީފަ އެވެ. އެކަމަކު ވެންޓިލޭޓަރުތައް ޑެލިވާކޮށްފައި ނުވާތީވެ ދެއްކި ފައިސާ ނުލިބުނު މައްސަލަ އޮތީ އާބިޓްރޭޝަނަށް ހުށަހަޅާފަ އެވެ. އެ ފައިސާ އަނބުރާ ލިބުން ނާދިރު ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް އޮތީ ވިދާޅުވެފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ ކުންފުނީގެ ވެރިޔަކީ ކާކު ކަން ވެސް ނޭނގޭ ކަމަށާއި ނަމަވެސް މީގެ ޖިނާއީ ތަހުގީގެއް ހިންގައި ކުންފުނީގެ ވެރިޔާ ހޯދަން ރެޑްނޯޓިސްއެއް ނެރެން ޖެހޭ ކަމަށެވެ.
މަޖިލީހުގެ ކޮމިޓީން އެ ގޮތަށް އެދުމުން ފުލުހުން ދަނީ ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކުންފުނީގެ ވެރިޔާ ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރުމާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހާ އެކު މަޝްވަރާ ކުރަމުންނެވެ.
