ހަމަލާތައް ހުއްޓާލަންދެން އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރާ ބިލު ތަސްދީގުކޮށްފި

އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރަން ހުށަހެޅި ބިލަށް އިސްލާހު ގެނެސް، އެ ގައުމުން ފަލަސްތީނަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލަންދެން އެ ގައުމުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރަން ރައްޔިތުންގެ މަޖިލިހުން ފާސްކުރި ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައިފި އެވެ.
އިޒްރޭލު ޕާސްޕޯޓު މަނާކުރުމާ ގުޅޭގޮތުން އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނަން ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް ހުށަހެޅުއްވި ބިލު މަޖިލިހަށް ހުށަހަޅާފައި ވަނީ މިދިޔަ މެއި މަހުގެ 29 ވަނަ ދުވަހު އެވެ. ބިލުގެ މަސައްކަތް ފަށާފައި އޭގެ ފަސް މަސް ދުވަސް ފަހުން މިދިޔަ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހު އެވެ.
ބިލުގެ މަސައްކަތް ކޮމިޓީ މަރުހަލާގައި މަޑުޖެހިފައި އޮތުމަށް މަސައްކަތް އަލުން ފަށާފައި ވަނީ އިއްޔެ އެވެ.
އިއްޔެ މެންދުުރުފަހު ބޭއްވި 241 ކޮމިޓީގެ ބައްދަލުވުމުގައި ކޮންގްރެސް ޕާޓީގެ ޕީޖީގެ ނައިބު ލީޑަރު އަދި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު) ހުށަހެޅުއްވީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ މެދު ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓުމަކަށް އަންނަންދެން އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުމަކީ މަނާ ކަމެއްގެ ގޮތުގައި ކަނޑައެޅުމަށެވެ.
އޭނާގެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ވިލިމާލެ ދާއިރާގެ ކޮންގްރެސް ޕާޓީ މެމްބަރު މުހައްމަދު އިސްމާއީލެވެ. އެގޮތަށް ފާސްކޮށްފައި ވަނީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.
މަޖިލިހުގެ މިއަދުގެ ޖަލްސާއަށް ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު ހުށަހެޅި އެވެ. ބިލު ފާސްކޮށްފައި ވަނީ އިތުރު ބަދަލެއް ނުގެނެސް 83 މެމްބަރުންގެ ވޯޓާ އެކުގަ އެވެ. ބިލާ ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއް ނުވެ އެވެ.
އިމިގްރޭޝަނުގެ ގާނޫނަށް ގެނައި އިސްލާހު ރައީސް ތަސްދީގުކުރެއްވުމާ އެކު މިހާރު ވަނީ ގެޒެޓުކޮށްފަ އެވެ. އެ އާއެކު މިއަދުން ފެށިގެން އިޒްރޭލުގެ ޕާސްޕޯޓުގައި އެ ގައުމުގެ ރައްޔިތުން ރާއްޖެއަށް އެތެރެވުން މަނާވާނެ އެވެ.
މީކާއިލް ބިލު ހުށަހެޅުއްވިއިރު އޮތީ ޑުއަލް ސިޓިޒަންޝިޕް އޮންނަ މީހުން ހިމެނޭ ގޮތަށް އިޒްރޭލުގެ ރައްޔިތުންނަށް ރާއްޖެ އެތެރެވުން މަނާ ކުރާ ގޮތަށް ހެދުމަށެވެ.
ބިލުގައިވާ ގޮތަށް ޑުއަލް ސިޓިޒަންޝިޕްގައި ރާއްޖެ އަންނަ މީހުން ދެނެގަތުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެ އިމިގްރޭޝަނުން އިސްލާހެއް ހުށަހެޅި އެވެ. އެއީ އިޒްރޭލު ޕާސްޕޯޓުގައި އަންނަ މީހުންނަށް އެކަނި ރާއްޖެ އެތެރެނުވެވޭނެ ގޮތް ހެދުމަށެވެ.
ބިލުން އެ ނުކުތާ އުނިކޮށް، ކޮމިޓީން ފާސްކުރީ އިމިގްރޭޝަނުން އެދިފައިވާ ގޮތަށެވެ.
މީކާއީލް ބިލު ހުށަހެޅުއްވި ފަހުން، މިދިޔަ ޖޫން މަހުގެ ދެ ވަނަ ދުވަހު ވަޒީރުންގެ މަޖިލިހުގެ މަޝްވަރާ އާއި ލަފާގެ މަތިން އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް ނުވަދެވޭ ގޮތަށް އިމިގްރޭޝަން ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި އެވެ.
އެފަހުން އެޓާނީ ޖެެނެރަލް އަހުމަދު އުޝާމް ވިދާޅުވެފައި ވަނީ އިޒްރޭލު ޕާސްޕޯޓު އޮތް އެންމެނަށް ޖުމްލަ މާނައެއް ދިނުމުގެ ބަދަލުގައި ބިލުގައި އޮތް ގޮތް ބަދަލު ކުރުމާ މެދު ވިސްނައި ދިރާސާ ކުރަން ޖެހޭ ކަމަށެވެ.